ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެރޭ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނުނުއިރު، މެޗުގެ 12 ވަނަ މިނެޓުގައި ޔޫވީގެ އަޙްމަދު ރަޝީދު (އައްމަޑޭ) ވަނީ ނުރައްކާތެރި ހަމަލާއެއް ފޮނުވާލި ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެއެވެ. އޭގެ ފަހުން މެޗުގެ 25 ވަނަ މިނެޓުގައި ސަސްއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފީލްޑަރު އެއިސޫކޭ މޯރީއެވެ.
އޭގެ ފަހުން މެޗުގެ 38 ވަނަ މިނެޓުގައި ޔޫވީގެ އައްމަޑޭއަށް ވަނީ ނަތީޖާ އެއްވަރުކުރަން ހުސް ފުރުސަތެއް ލިބިފައެވެ. އެކަމަކު އިސްމާއީލް އީސަ (މެސީ) ނަގައިދިން ހުރަހަކުން ހުހަށްހުރެ އައްމަޑޭ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ ހުރަސް ދަނޑި މަތިން ބޭރަށެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ޔޫވީން ކުޅުން ރަނގަޅުކުރިއިރު، މި ހާފުގައި ޔޫވީން ވަނީ ސަސްގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 52 ވަނަ މިނެޓުގައި ޔޫވީގެ މުޙައްމަދު އާރިފް (ބަކާ) ފޮނުވާލި ހަމަލާ ގޯލަށް ވަން ނަމަވެސް، ލައިންސްމަން ވަނީ ބަކާ އޮފްސައިޑް ކަމަށް ނިންމާފައެވެ. އަދި އޭގެ ފަހުން މެޗުގެ 67 ވަނަ މިނެޓުގައި ޔޫވީގެ އަލީ ހައިޝަމް (ޗުމްޕު) އަށް ލަނޑު ޖަހަން ހުސް ފުރުސަތެއް ލިބުނުއިރު، އޭރިއާ ތެރޭގައި ހުރެ އޭނާ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.
މި މެޗުގައި ޔޫވީން ނަތީޖާ އެއްވަރުކޮށްފައިވަނީ އިތުރު ވަގުތުގައެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ މެސީއެވެ.
މި ނަތީޖާއާއެކު ސަސް އޮތީ ކުޅުނު ހަ މެޗުން ލިބުނު ހަތް ޕޮއިންޓާއެކު ތާވަލުގެ ފަސްވަނައިގައެވެ. އަދި ޔޫވީ އޮތީ ކުޅުނު ހަ މެޗުން ލިބުނު ތިން ޕޮއިންޓާއެކު ތާވަލުގެ ފުލުގައެވެ.