ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ކުލަބު ވެލެންސިއާ ބަލިކޮށް ދަ ގްރާންޑޭ ސްޕޯޓްސް ކުލަބުން ތާވަލުގެ ތިންވަނައަށް ޖެހިލައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅުނު މި މެޗު ދަ ގްރާންޑޭއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ. މިއީ ލީގުގައި ވެލެންސިއާ ބަލިވި ފުރަތަމަ މެޗެވެ.
މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ވަރަށް ކުރީކޮޅު ދަ ގްރާންޑޭގެ ބިދޭސީ ފޯވާޑް އޮޓަބެކް ޚައިދަރޯފް ހިލޭ ޖެހުމަކުން ނުރައްކާތެރި ހަމަލާއެއް ފޮނުވާލިއިރު، އެ ހަމަލާ ވެލެންސިއާގެ ގޯލްކީޕަރު މުޙައްމަދު ޝަފީއު ވަނީ މަތަކޮށްފައެވެ. އޭގެ ފަހުން ވެލެންސިއާއިން އެ ޓީމުގެ ކުޅުން ރަނގަޅުކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 30 ވަނަ މިނެޓުގައި ފޯވާޑް އަލީ ފާސިރު (ސެންޓޭ) އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބިފައެވެ. އެކަމަކު އޭނާ ފޮނުވާލި ހަމަލާ ދަ ގްރާންޑޭގެ ގޯލްކީޕަރު އަބްދުލް އަލީމް އިޔާން ވަނީ ދިފާއުކޮށްފައެވެ.
މެޗުގެ ދެވަނަ ހާފު ފަށައިގެން ދަ ގްރާންޑޭއިން އެޓީމުގެ އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 50 ވަނަ މިނެޓުގައި ދަ ގްރާންޑޭއިން ވަނީ ލަނޑު ޖަހާ ލީޑު ނަގާފައެވެ. ވެލެންސިއާގެ ދެ ކުޅުންތެރިއެއް ކައިރިން ނަށްޓާލުމަށްފަހު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އަޔާޒް އަޙްމަދު (އަޔާ) އެވެ.
މެޗުގައި ވެލެންސިއާއިން ނަތީޖާ އެއްވަރުކޮށްފައިވަނީ މެޗު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން އެރި ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ) އެވެ. އެކަމަކު އޭގެ ދެ މިނެޓު ފަހުން ދަ ގްރާންޑޭއިން ވަނީ ލަނޑު ޖަހާ އަލުން ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ބިދޭސީ މިޑްފީލްޑަރު އުމަރުޔޯނޯފް އަޚްރޯރެވެ. އަދި އޭގެ ފަހުން ވެލެންސިއާއަށް ނަތީޖާ އެއްވަރުކުރަން މެޗުގެ ފަހު ވަގުތު ޕެނަލްޓީއެއް ލިބުނު ނަމަވެސް، ސެންޓޭ ފޮނުވާލި ޕެނަލްޓީ އަމާޒުވީ ގޯލުގެ ހުރަސް ދަނޑިއަށެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނީ މިއީ ވެލެންސިއާއަށް މޮޅުވާން މަޖުބޫރު މެޗެއް ކަމަށާއި، މެޗުން ބަލިވި ނަމަވެސް ކުޅުންތެރިން ކުރި ހިތްވަރާ މެދު ހިތްހަމަޖެހޭ ކަމަށެވެ. އަދި މެޗުން ބަލިވީ ހެދުނު ގޯސްތަކުގެ ސަބުބުން ކަމަށްވެސް އާތީ ބުންޏެވެ.
މެޗަށްފަހު ވާހަކަ ދައްކަމުން ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ މި މެޗަށް ނުކުތްއިރު މި މެޗަކީ ކިހާ މުހިންމު މެޗެއްކަން ކުޅުންތެރިންނަށް ވިސްނައިދިން ކަމަށާއި، އެގޮތުން މާޒިޔާ މެޗު އެއްވަރުވެފައިވުމުން، ކުޅުންތެރިންނަށް އިތުރު ހިތްވަރެއް ލިބުނު ކަމަށެވެ. އަދި މި މެޗުގައި ކުޅުންތެރިން ދެއްކި ކުޅުމާއި މެދު ހިތްހަމަޖެހޭ ކަމަށްވެސް އިންމަ ބުންޏެވެ.
މި ނަތީޖާއާއެކު ދަ ގްރާންޑޭ ތާވަލުގެ ތިންވަނައަށް ޖެހިލީ ކުޅުނު ހަ މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުގައެވެ. އަދި މި މެޗުން ބަލިވި ވެލެންސިއާ ތާވަލުގެ ދެވަނައިގައި އޮތީ ހަ މެޗުން ލިބުނު 11 ޕޮއިންޓާއެކުގައެވެ.