އިންޑިއާ ސަރުކާރުގެ އެހީގައި މާލެ މާލޭ ހުޅަނގު ފަރާތު އެކުވެނި ދުވާ ޓްރެކުގައި ސިންތެޓިކް އަޅާ ތަރައްގީކޮށް ހުޅުވުމަކީ ރާއްޖެއިން ދޭދޭ ގައުމުތަކާ ގުޅުން ބަދަހިކުރުމަށް ގެންގުޅޭ ސިޔާސަތުގެ ކާމިޔާބުކަން ދޭހަވާ ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ސިންތެޓިކް ޓްރެކް ރަސްމީކޮށް ހުޅުވުމަށް ހޮނިހިރު ދުވަހު ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ ސިންތެޓިކް ޓްރެކް ހެދުމުގައި އިންޑިއާ ސަރުކާރުން ދިން ދީލަތި އެހީ ފާހަގަކުރައްވައި އެކަމަށް ޝުކުރު އަދާކުރައްވާފަ އެވެ.
މިއީ، ދޭދޭ ޤައުމުތަކާ އެކު ގުޅުން ބަދަހިކޮށް، ބައިނަލްއަޤްވާމީ ގުޅުންތައް ދެމެހެއްޓުމަށް، ސަރުކާރުން ގެންގުޅޭ ޚާރިޖީ ސިޔާސަތުގެ ހެޔޮ ނަތީޖާ. އެހެންކަމުން، ރާއްޖޭގެ ތަރައްޤީއަށާއި ކުޅިވަރު ވަސީލަތްތައް ތަރައްޤީކުރުމުގައި، ދެމުން އަންނަ އެހީތެރިކަމުގެ އަގުވަޒަންކޮށް، ދިވެހި ރައްޔިތުންނާއި ދިވެހި ސަރުކާރުގެ ނަމުގައި، އިންޑިޔާ ސަރުކާރަށް، އަޅުގަނޑު ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަން.ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
އެކުވެނި ޓްރެކްގައި ސިންތެޓިކް އެޅުމުގެ މަސައްކަތުގެ ޖުމްލަ އަގަކީ 12،543،231 (ބާރަ މިލިޔަން ފަސްލައްކަ ސާޅީސް ތިންހާސް ދުއިސައްތަ އެއްތިރީސް) ރުފިޔާއެވެ. އެ މަޝްރޫއަށް އިންޑިއާ ސަރުކާރުން ވަނީ މާލީ އެހީތެރިކަން ފޯރުކޮށްދީފައެވެ.
ކުޅިވަރު ޓްރެއިނިންތަކާ އާންމުން ކަސްރަތަށް ވެސް ބޭނުންކުރާ އެކުވެނި ޓްރެކް ތަރައްގީކޮށް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުޅިވަރުގެ ރޮނގުން ދެކޭ ހުވަފެންތައް ހަގީގަތަކަށް ހެދޭނެ މަގު ޒުވާނުންނަށް ފަހުކޮށްދިނުން ކަމަށެވެ. އެގޮތުން ރާއްޖޭގައި މިހާރު ވެސް މޮޅެތި އެތްލީޓުން އެބަތިބި ކަމަށާއި ބޮޑެތި އެވޯޑުތައް ވެސް ލިބެމުން އަންނަކަން ރައީސް ފާހަގަކުރެއްވި އެވެ. ނަމަވެސް ރަނގަޅު އެތްލީޓުން ބިނާކުރާނެ ރަނގަޅު ވަސީލަތްތައް ރާއްޖޭގައި ނެތްކަމަށް ރައީސް ވިދާޅުވި އެވެ.
މިތަނުގައި އެންމެ ފުރަތަމަ ޓްރެކެއް ހުޅުވީ 1998 ވަނަ އަހަރުގެ ތެރޭގައި. އޭރުން ފެށިގެން، މިދިޔަ އަހަރުގެ ޖޫން މަހާ ހަމައަށް، މިތަނުގައި އޮތީ ވެލި އަޅައިގެން ހަދާފައި އޮތް ޓްރެކެއް. ކޮންމެ ފަހަރަކުވެސް ޓްރެކް ހަލާކުވީމާ، ވެލިއަޅައިގެން ހަރުކުރުމަށް ފަހު އެއްވަރު ކޮށްލަނީ. އަޅުގަނޑު ޤަބޫލުކުރާ ގޮތުގައި، ރާއްޖޭގެ ކުޅިވަރު ވަސީލަތްތައް އެފެންވަރުގައި ހުރެގެން، ކުޅުންތެރިންނެއް ނުއުފެއްދޭނެރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު
ރައީސް ވިދާޅުވީ އަންނަ މަހުގެ ކުރީކޮޅު ފަތާ ޓްރެކް ތަރައްގީކުރުމުގެ މަސައްކަތް ވެސް ނިމޭނެ ކަމަށެވެ. އަދި އެއީ ވެސް ރާއްޖޭގެ ކުޅިވަރުގެ ދާއިރާއަށް ލިބޭ ބޮޑު ކުރިއެރުމެއް ކަމަށް ވިދާޅުވި އެވެ.
މާލޭގައި ގިނަ ބަޔަކު ކަސްރަތު ކުރުމަށް ބޭނުންކުރާ ކުޅިވަރު އެކުވެނީގެ ދުވާ ޓްރެކް، 24 އަހަރަށްފަހު އަލުން މަރާމާތު ކުރުމުގެ މަސައްކަތް ފަށާފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހެވެ. އޭގެ ފަހުން އާރްކޭއެލް ކުންފުނީގެ ސީއެސްއާރް މަޝްރޫއުގެ ދަށުން ޓްރެކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތް ފެށީ ސެޕްޓެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
އެ މަސައްކަތް ނިންމައި ސިންތެޓިކް އެޅުމުގެ މަސައްކަތް ޕޮލިސް ވެލްފެއާ ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (ޕޮލްކޯ) އިން ފަށާފައިވަނީ ނޮވެމްބަރު މަހުގެ ނުވަވަނަ ދުވަހުއެވެ. އެ މަސައްކަތް ފެށުމަށް ބޭއްވި ރަސްމިއްޔާތެއްގައި ސިންތެޓިކް އެޅުމުގެ މަސައްކަތް ފައްޓަވައިދެއްވީ އިންޑިއާގެ ފޮރިން ސެކްރެޓަރީ ހަރްޝް ވަރްދަން ޝްރިންގްލާ އާއި ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޙްލޫފެވެ.
މާލޭ އެކުވެނި ދުވާ ޓްރެކަކީ ކުރިން ފުޓްބޯޅަ ކުޅެން ބޭނުންކުރި ދަނޑެކެވެ. ދެވަނަ އަދި ތިންވަނަ ޑިވިޝަނުގެ ފުޓްބޯޅަ މުބާރާތުގެ މެޗުތައްވެސް އެ ދަނޑުގައި ވަނީ ކުޅެފައެއެވެ. ޑރ. މުޙައްމަދު ޒާހިރު ހުސައިން ވަޒީރު ކަމުގައި ހުންނެވި ދުވަސްވަރު މާލޭގެ އެކި ދަނޑުތަކުގައި ވިނަ ހެއްދުމަށް ފެށި ޕްރޮގްރާމާއެކު، ޓްރެކް ދަނޑުގައިވެސް އޭރު ވިނަ ހައްދާ ތަރައްގީކުރީ 1990 ގެ އަަހަރުތަކުގައެވެ.
މީގެ ކުރިން ރާއްޖޭގެ އެތުލީޓުންވެސް ތަމްރީނު ހެދުމަށް ބޭނުންކުރި އެކުވެނި ދުވާ ޓްރެކް އާންމު ގޮތެއްގައި ބޭނުން ކުރަމުން އަންނަނީ އާންމު ރައްޔިތުން ކަސްރަތު ކުރުމަށެވެ. ޓްރެކުގެ ފަސްގަނޑުގައި ވަޅުގަނޑު ހެދުމުގެ އިތުރަށް ވާރޭ ވެހުމުގެ ސަބަބުން ފެން ބޮޑުވުމާއި ގުޅިގެން ދުވާ މީހުންނަށް ބޮޑެތި ގޮންޖެހުންތަކަކާ މީގެ ކުރިން ވަނީ ކުރިމަތިލާން ޖެހިފައެވެ. އެހެންކަމުން އައު ސިންތެޓިކް ޓްރަކާއެކު އާންމުންނަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.