ރާއްޖޭއާއި ނިކަރާގުއާ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފިއެވެ. މި މަޝްވަރާކުރައްވާފައިވަނީ ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު، ނިކަރާގުއާގެ ފޮރިން މިނިސްޓަރ ޑެނިސް ރޮނާލްޑޯ މޮންކާޑާ ކަލިންޑްރެސް އާއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގެ ތެރެއިންނެވެ.
މި ފޯން ކޯލުގައި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ، ތިމާވެށީގެ ދާއިރާ ފަދަ ދާއިރާތަކުގައި ބައިނަލްއަޤްވާމީ މަސްރަހުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމާ ބެހޭ ގޮތުން ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.
އަދި ކޮވިޑް-19 އާ ގުޅިގެން ރާއްޖެއަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުންނާއި، އިޤްތިޞާދު އަލުން އަނބުރާ ކޮޅަށް ޖެހުމަށް ކުރެވޭ މަސައްކަތާ ބެހޭ މައުލޫމާތު، ނިކަރާގުއާގެ ފޮރިން މިނިސްޓަރަށް، މިނިސްޓަރ ޝާހިދު އެރުވިއެވެ. އަދި މީގެ އިތުރުން އދ.ގެ ނިޒާމުގެ ތެރެއިން ގުޅިގެން މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެ ޚާރިޖީ ވަޒީރުން ވެސް ވަނީ އަރުވާފައެވެ.
ރާއްޖެއިން ނިކަރާގުއާ އާއެކު ޑިޕްލޮމެޓިކް ގުޅުން ޤާއިމުކޮށްފައިވަނީ 11 މެއި 2010 ގައެވެ.