ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ޕޮއިންޓް ޓޭބަލަށް ބަލާއިރު ދަ ގްރާންޑޭ ސްޕޯޓްސް ކުލަބާ ދެކޮޅަށް ކުޅޭ މެޗަކީ މޮޅުވުން މަޖުބޫރު މެޗެއް ކަމަށް ކުލަބު ވެލެންސިއާގެ ކޯޗު މުޙައްމަދު އާތިފް (އާތީ) ބުނެފިއެވެ.
ލީގުގައި ހުކުރު ދުވަހުގެ ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކުލަބު 2-1 ން ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ވަނީ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގާފައެވެ. އެގޮތުން ކުޅުނު ހަ މެޗުން މާޒިޔާއަށް 14 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ވެލެންސިއާއަށް ފަސް މެޗުން ވަނީ 11 ޕޮއިންޓް ލިބިފައެވެ. އެހެންކަމުން ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ދަ ގްރާންޑޭ ބަލިކޮށްގެން މާޒިޔާއާ ޕޮއިންޓުގެ ގޮތުން އެއްވަރުކުރުމުގެ ފުރުސަތު ވެލެންސިއާއަށް އެބައޮތެވެ.
ލީގުގައި ހޮނިހިރު ދުވަހުގެ ހަވީރު ދަ ގްރާންޑޭއާ ދެކޮޅަށް ނުކުތުމުގެ ކުރިން ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން އާތީ ބުނީ މިހާރު އޮތް ޕޮއިންޓް ޓޭބަލަށް ބަލާއިރު، މި މެޗަކީ ވެލެންސިއާ މޮޅުވުން މަޖުބޫރު މެޗެއް ކަމަށެވެ. އެކަމަކު އެއީ ދަ ގްރާންޑޭއަށް އިޙުތިރާމު ނުކުރާތީ ނޫން ކަމަށާއި، އެކަމަކު ވެލެންސިއާއިން މި މެޗުން މޮޅުވުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށްވެސް އާތީ ބުންޏެވެ.
މިހާތަނަށް ލީގުގައި ދަ ގްރާންޑޭ ކުޅުނު ފަސް މެޗުގެ ތެރެއިން ބަލިވީ އެންމެ ފަހުން ކުޅުނު މެޗުން ކުލަބު ގްރީން ސްޓްރީޓްސް އަތުންނެވެ. ވެލެންސިއާ މެޗުގެ ކުރިން ދަ ގްރާންޑޭގެ ކޯޗު އިސްމާޢީލް މަހަފޫޒް (އިންމަ) ބުނީ އެ މެޗުން ބަލިވި ނަމަވެސް، ވެލެންސިއާ މެޗަށް ނުކުންނާނީ އައު ރޫހެއްގައި މޮޅުވާން ކަމަށެވެ. އަދި ކުޅުންތެރިންނަށް ފުރިހަމަ އިތުބާރު އެބައޮތް ކަމަށްވެސް އިންމަ ވަނީ ބުނެފައެވެ.
އިންމަ އިތުރަށް ބުނީ ވެލެންސިއާ އަކީ ލީގުގައި އޮތް ވަރުގަދަ އެއް ޓީމު ކަމަށާއި، އެކަމަކު ވޭތުވެދިޔަ މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު ވެލެންސިއާ ބަލި ނުކުރެވޭނެ ސަބަބެއް ނެތް ކަމަށެވެ.
ލީގުގައި ދަ ގްރާންޑޭއިން މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު، އެ ޓީމު އޮތީ ތާވަލުގެ ހަތަރުވަނައިގައި ހަ ޕޮއިންޓާއެކުއެވެ. ދިރާގު ދިވެހި ޕްރިމިއާ ލީގުގައި ދަ ގްރާންޑޭ އާއި ވެލެންސިއާ ބައްދަލުކުރާ މެޗު ފަށާނީ ހޮނިހިރު ދުވަހުގެ ހަވީރު 16:00 ގައެވެ.