ދާދި ފަހުން ފްރާންސްގެ ޗެމްޕިއަން ޕީއެސްޖީގެ ކޯޗުކަމާ ހަވާލުވި އާޖެންޓީނާގެ މައުރީސިއޯ ޕޮޗެޓީނޯ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.
އުމުރުން 48 އަހަރުގެ ޕޮޗެޓީނޯ ކޮވިޑަށް ޕޮޒިޓިވްވިކަން ހުކުރު ދުވަހުގެރޭގެ ވަގުތެއްގައި ޕީއެސްޖީން ވަނީ ހާމަކޮށްފައެވެ. އެ ކުލަބުން ނެރުނު ބަޔާނެއްގައި ބުނީ ޕޮޗެޓީނޯ ކޮވިޑަށް ޕޮޒިޓިވްވުމާއެކު، އޭނާ މިހާރު އެކަހެރިކޮށްފައިވާ ކަމަށާއި، ސިއްހީ އުސޫލުތަކާ އެއްގޮތަށް ހުރިހާ ކަމެއް ބަލަމުންދާ ކަމަށެވެ. އަދި ޕޮޗެޓީނޯ ކޮވިޑަށް ޕޮޒިޓިވްވުމާއެކު ފްރެންޗް ލީގުގައި ހޮނިހިރު ދުވަހުގެރޭ އެންޖާސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗުގައި އެ ޓީމަށް އިރުޝާދުދޭނީ އެސިސްޓަންޓް ކޯޗުން ކަމަށްވާ ހެސޫސް ޕެރޭސް އާއި މިގޭލް ޑީއަގަސްޓީނޯ ކަމަށްވެސް ޕީއެސްޖީން ވަނީ ބުނެފައެވެ.
ޕޮޗެޓީނޯ ކޮވިޑަށް ޕޮޒިޓިވްވިއިރު، މީގެ ކުރިން އެ ޓީމުގެ މިޑްފީލްޑަރު ރަފީނިއާ އާއި ޑިފެންޑަރު ތިލޯ ކެރާ އަދި ކޮލީން ޑަގްބާވެސް ވަނީ ވައިރަހަށް ޕޮޒިޓިވްވެފައެވެ.
ކޮވިޑާ ގުޅިގެން ލީގުގައި ހޮނިހިރު ދުވަހުގެރޭ އެންޖާސްއާ ދެކޮޅަށް ޕީއެސްޖީ ކުޅޭ މެޗު ޕޮޗެޓީނޯއަށް ގެއްލޭއިރު، މި މަހުގެ ތިންވަނަ ދުވަހު ޕީއެސްޖީގެ ކޯޗުގެ މަގާމާ ހަވާލުވި ޕޮޗެޓީނޯ އެ ޓީމަށް އިރުޝާދު ދީފައިވަނީ އެންމެ ތިން މެޗުގައެވެ.
އެގޮތުން ޕޮޗެޓީނޯގެ އިރުޝާދުގެ ދަށުން ކުޅުނު ފުރަތަމަ މެޗުން ލީގުގައި ސެއިންޓް އެޓިއެންއާ 1-1 ން ޕީއެސްޖީ އެއްވަރުވިއިރު، ދެވަނަ މެޗުން ޕީއެސްޖީ ވަނީ ބްރެސްޓޮއިސް އަތުން ފަސޭހަކަމާއެކު 3-0 ން މޮޅުވެފައެވެ. އަދި އޭގެ ފަހުން މިދިޔަ ބުދަ ދުވަހުގެރޭ މާސޭ ބަލިކޮށް ޕީއެސްޖީން ވަނީ ފްރެންޗް ސުޕަ ކަޕް ކާމިޔާބުކޮށްފައެވެ. މިއީ ޕޮޗެޓީނޯގެ ކޯޗިންގ ކެރިއަރުގައި ފުރަތަމަ ކާމިޔާބީއެވެ.
މީގެ އިތުރުން ފްރެންޗް ލީގަށް ބަލާއިރު، ޕީއެސްޖީ އޮތީ ތާވަލުގެ ދެވަނައިގައި ކުޅުނު 19 މެޗުން ލިބުނު 39 ޕޮއިންޓާއެކުއެވެ. ތިންވަނައިގައި އޮތް ލިލްއަށްވެސް 19 މެޗުން 39 ޕޮއިންޓް ލިބިފައިވާއިރު، ޕީއެސްޖީއަށް ކުރި ލިބެނީ ފައިދާ ލަނޑުންނެވެ. އަދި ތާވަލުގެ އެއްވަނައިގައި 19 މެޗުން 40 ޕޮއިންޓާއެކު އޮތީ ލިޔޯނެވެ.