ރާއްޖެއިން ބޭރުން ކޮވިޑް-19ގެ ވެކްސިން ޖަހައިގެން ރާއްޖެއަށް އަންނަ މީހުން ކަރަންޓީންވުމާ ގުޅޭ ގޮތުން ވަކިގޮތެއް ނުނިންމާ ކަމަށް ހެލްތު އެމަރޖެންސީ އޮޕަރޭޝަން ސެންޓަރ (އެޗްއީއޯސީ) ން ބުނެފިއެވެ.
ވެކްސިން ޖަހައިގެން ރާއްޖެއަށް އަންނަ މީހުން ކަރަންޓީން ވުމާ ގުޅޭ ގޮތުން ވަކިގޮތެއް ނުނިންމާކަން އެޗްއީއޯސީން ހާމަކޮށްފައިވާއިރު، ރާއްޖެއިން ބޭރުގައި ދިރިއުޅޭ ބައެއް ދިވެހިން ދަނީ ކޮވިޑް-19ގެ ވެކްސިން ޖަހަމުންނެވެ.
އެކަމާ ގުޅޭ ގޮތުން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްއީއޯސީގެ ތަރުޖަމާނު ޑރ.ނަޒްލާ ރަފީގު ވިދާޅުވީ ވެކްސިން ޖަހައިގެން އަންނަ މީހުންނަށް ކަރަންޓީންވުމުގައި ލުއި ދެވޭތޯ ނުވަތަ ނޫންތޯ ބެލުމަށް މިހާރު ކޮންސަލްޓް ކުރަމުންދާ ކަމަށެވެ.
ޑރ.ނަޒްލާ ވިދާޅުވީ ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) ނުވަތަ އެހެން އެއްވެސް ކަމާބެހޭ މުއައްސަސާއަކުން އެކަހަލަ އެއްވެސް ގައިޑްލައިންއެއް ނެރެފައިނުވާ ކަމަށެވެ.
ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ)ގައި ދެމުންދާ ވެކްސިންއަށް އަލިއަޅުއްވާލައްވަމުން ޑރ.ނަޒްލާ ވިދާޅުވީ މިވެކްސިން ވެސް ޑަބްލިޔުއެޗްއޯގެ މިންގަނޑުތަކަށް ފެތޭ ވެކްސިންއެއް ކަމަށް ފާސްކޮށްފައިނުވާ ކަމަށެވެ. އަދި މިވެކްސިންއާ މެދު ޔޫއޭއީއިން ޚާއްސަ އެކްސަޕްޝަނެއް ނުދޭ ކަމަށާއި، މިވެކްސިންއިން ރައްކާތެރިކަން ލިބެނީ ކިހާ މުއްދަތަކަށްތޯއާއި އަމަލު ކުރަން ޖެހޭ ގޮތާބެހޭ ގޮތުން އެއްވެސް ސްޓަޑީސްއެއް އެއްވެސް ތާކުން އާއްމުކޮށްފައިނުވާ ކަމަށް ޑރ.ނަޒްލާ ވިދާޅުވިއެވެ.
ޑރ.ނަޒްލާ ވިދާޅުވީ ވެކްސިންތައް އެޕްރޫވްވެ، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރަށް މައުލޫމާތު އޮޅުން ފިލުވުމަށްފަހު އިތުރަށް ކަންކަން ނިންމަމުންދާނެ ކަމަށެވެ. އަދި އެމައުލޫމާތު ނުލިބެނީސް ކަރަންޓީންވުމާ ގުޅޭ ގޮތުން އިތުރު ލުއެއް ނުދެވޭނެކަމަށް ވެސް ޑރ.ނަޒްލާ ފާހަގަކުރެއްވިއެވެ.