ފުވައްމުލައް ސިޓީގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި ދެ ސައިކަލް ދުއްވަންތިބި މީހުންނަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި އެކްސިޑެންޓް ވެފައި ވަނީ ފުނާޑު އަވަށު ޕާކު ކައިރިން ހައިވޭގައި ބާރު ސްޕީޑުގައި ދެކޮޅަށް ދުއްވާފައި ދިޔަ ދެ ސައިކަލު ޖެހިގެންނެވެ. މި އެކްސިޑެންޓުގައި އެއް ސައިކަލު ދުއްވަން އިނީ 20 އަހަރުގެ ފިރިހެނެއް ކަމަށް މައުލޫމާތު ލިބެއެވެ. އަދި އަނެއް ސައިކަލު ދުއްވަން އިން މީހާގެ ވަނަވަރު ސާފުވާގޮތް ނުވެއެވެ.
މި އެކްސިޑެންޓް ހިނގުމާއެކު އާންމު ރައްޔިތުން ވަނީ އެ ދެ މީހުންވެސް ފުވައްމުލައް ސިޓީ ހޮސްޕިޓަލަށް ގެންގޮސްފައެވެ. އަދި އެ ދެ މީހުންގެ ހާލު ސީރިއަސް ކަމަށްވެސް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ.
އެކްސިޑެންޓުގައި އަނިޔާވި ދެ މީހުންގެ ހާލު ސީރިއަސް ވުމާއިއެކު އަނިޔާވި ދެ މީހުން މާލެ ގެނައުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ރާއްޖެއެމްވީއަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި މި ދެ މީހުން މިރޭގެ ވަގުތެއްގައި މާލެ ގެނައުމުގެ ކަންކަން ފުވައްމުލަކު ހޮސްޕިޓަލުން މިހާރު އަންނަނީ ކުރަމުންނެވެ.