ގއ.ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން މިހާތަނަށް 52 ކޭސްއެއް ރިޕޯޓުކުރެވިފައިވާ ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފިއެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ކޮންޓެކްޓް ޓްރޭސިން ކްލަސްޓަރ އައިމިނަތު އަރޫޝާ ވިދާޅުވީ ގއ. ދެއްވަދޫ ކްލަސްޓަރއާ ގުޅިގެން 23 ޑިސެންބަރުން ފެށިގެން ޖެނުއަރީ 14އާ ހަމައަށް 52 ކޭސްއެއް ރިޕޯޓު ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ދެއްވަދޫގެ 43 ކޭސްއެއް، ލ.ފޮނަދޫގެ ހަތަރު ކޭސްއެއް، ދާންދޫއިން 2 ކޭސް އަދި ގއ. ވިލިނގިލިން އެއް ކޭސް އަދި ހުޅުމާލެއިން 2 ކޭސްއެއް ރިޕޯޓުކޮށްފައިވާ ކަމަށް އަރޫޝާ ވިދާޅުވިއެވެ.
އަރޫޝާ ވިދާޅުވީ މިހާތަނަށް މި 52 ކޭސްއާ ގުޅިގެން ކޮންޓެކްޓް ޓްރޭސް ކުރެވުމުން 255 މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވާ ކަމަށާއި، ހައިރިސްކް މީހުންގެ ގޮތުގައި 101 ފަރާތެއް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި މިކްލަސްޓަރއާ ގުޅިގެން މިހާތަނަށް 750 ސާމްޕަލެއް ނެގިފައިވާ ކަމަށް އަރޫޝާ ވިދާޅުވިއެވެ.
މީގެ އިތުރުން އަރޫޝާ ވިދާޅުވީ ދާންދޫގެ ދެ ކޭސްއަކާ ގުޅިގެން އަތޮޅުތެރެއިން ދަތުރުކުރާ ކޮއިމަލާ-4 ނަމަކަށް ކިޔާ ފެރީން ދަތުރުކޮށްފައިވާ ފަރާތްތަކެއް މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮއިމަލާ-4 ގައި 9 ޖެނުއަރީގައި އަތޮޅުތެރޭގައި ދަތުރުކޮށްފައިވާ ފަރާތެއްވާނަމަ 23 ޖެނުއަރީއާ ހިސާބަށް ކަރަންޓީންވުމާއި އެކު މައުލޫމާތު ވިހާ ވެސް އަވަހަކަށް އެރަށެއްގެ ކައުންސިލް ނުވަތަ ސިއްހީ ޚިދުމަތް ދޭ ތަނަކަށް ރިޕޯޓު ކުރުމަށް އެދިފައިވެއެވެ. އަދި ކޮއިމަލާ-4 އާއި ގުޅިގެން އަތޮޅުތެރޭގައި ގިނަ ބައެއް ކަރަންޓީން ކުރަން ޖެހިފައިވާކަން އަރޫޝާ ފާހަގަކުރެއްވިއެވެ.
ކޮއިމަލާ ފެރީ ކޭސްއަށް އަލިއަޅުއްވާލައްވާ އެޗްއީއޯސީން ބުނެފައިވަނީ ގިނަ ބަޔަކު ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ގައިޑްލައިންއާ އެއްގޮތަށް އެންމެ އެކަށީގެންވާ ގޮތަށް އަމަލުކޮށްފައިނުވާތީ ކަަމަށެވެ. އެހެންކަމުން ދަތުރުފަތުރު ކުރުމަށް ކަނޑައެޅިފައިވާ ގައިޑްލައިންއާ އެއްގޮތަށް އަމަލުކުރުމާއެކު ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަށް އެޗްއީއޯސީން އިލްތިމާސްކޮށްފައިވެއެވެ.