އަދަބިއްޔާތަށް މުއްސަނދިކަން ދެމެހެއްޓުމަށް ޅެންވެރިކަމުގެ ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ގޮވާލައްވައިފިއެވެ.
ޅެންވެރިންގެ ދުވަހުގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިޙް ވަނީ ދުވަހުގެ ތަހުނިޔާއާ ހެޔޮ އެދުންތައް ދިވެހި ޅެންވެރިންނަށް އަރިސްކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ޓްވީޓްގައި ވަނީ ޅެންވެރިކަމަކީ އަދަބިއްޔާތަށް މުއްސަނދިކަން ގެނެސްދޭ ފަންނެއްކަމަށް ސިފަކުރައްވާފައެވެ. އަދި މިއީ އިންސާނާގެ އެންމެ ފުން އިޙްސާސްތަކާ ގުޅިފައިވާ ފަންނެއްކަމުގައި ވާއިރު، މި ފަންނު ފަހުގެ ޖީލުތަކާ ހަމައަށް ވާސިލުކޮށްދިނުމަށް ރައީސް ގޮވާލެއްވިއެވެ.
ޅެންވެރިންގެ ދުވަހަކީ ކޮންމެ އަހަރެއްގެ ވެސް ޖަނަވަރީ މަހުގެ 15 ވަނަ ދުވަހެވެ. ޅެންވެރިންގެ ދުވަސް ނިސްބަތްވަނީ ދިވެހި އަދަބީ ޤުލްޝަންގެ ޝާއިރުއްޝަބާބު އަލްއުސްތާޒު އަލްމަރްޙޫމް އިބްރާޙިމް ޝިހާބު އަވަހާރަވި ދުވަހަށެވެ. އެއީ 1988 ވަނަ އަހަރުގެ ޖަނަވަރީ 15 ވަނަ ދުވަހެވެ. އިބްރާޙީމް ޝިހާބަށް ނިސްބަތްކޮށް، އެމަނިކުފާނު އަވަހާރަވި ދުވަސް ޅެންވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަ ކުރައްވަން ފެށީ 1989 ވަނަ އަހަރުގެ ޖެނުއަރީ 15 އިން ފެށިގެންނެވެ. އެހެން ކަމުން މިއަހަރު މިފާހަގަ ކުރަނީ 32 ވަނަ ޅެންވެރިންގެ ދުވަހެވެ.
ޅެންވެރިންގެ ދުވަސް ފާހަގަ ކުރުމުގެ މަޤްޞަދަކީ ޅެންވެރިކަމަކީ ދިވެހި އަދަބިއްޔާތުގެ ތެރޭގައި ހިމެނޭ އެންމެ މަތިވެރި ފަންނުކަމަށް ވުމުން، އެފަންނު ދިރުވައި އާލާކުރުމެވެ. އަދި ދިވެހި ޅެންވެރިން ކުރައްވައިފައިވާ އަދި ޅެންވެރިކަން ކުރައްވަމުން ގެންދަވާ، މަސައްކަތްޕުޅުގެ އަގުވަޒަންކޮށް، އެބޭފުޅުންގެ މަސައްކަތްތަކަށް އާއްމުން ހޭލުންތެރި ކުރުވުމެވެ.