މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށުގައި ނާޒުކު ޙާލަތުގައި އުޅޭ މީހުންނަށް އެހީ ވުމުގެ މަސައްކަތް ފަށައިފިއެވެ.
މިނިސްޓްރީ އޮފް ޖެންޑަރ ފެމިލީ އެންޑް ސޯޝަލް ސަރވިސަސް އިން ވަނީ މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށުގައި ނާޒުކު ޙާލަތުގައި އުޅޭ މީހުންނަށް އެހީ ވުމުގެ މަސައްކަތް ފަށާފައިވާކަން ހާމަކުރައްވާފައެވެ. އެގޮތުން ގއ. އަދި ލ. އަތޮޅުގެ ބައެއް ރަށްތައް މޮނިޓަރިންގ ގެ ހާލަތަށް ގެނައުމާއި ގުޅިގެން އެރަށްރަށުގެ ނާޒުކު ޙާލަތް ތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މަޢުލޫމާތު އެއްކޮށް އެ ފަރާތްތަކަށް ގުުޅައި ކެއަރ ޕެކޭޖަސް ފޮނުވުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މިކަމުގެ އިތުރު ތަފްސީލެއް އެމިނިސްޓްރީއިން ހާމަކުރައްވާފައެއް ނުވެއެވެ.
ޖެންޑަރ މިނިސްޓްރީއިން މޮނީޓަރިންގެ ޙާލަތުގައިވާ ރަށްރަށުގައި ނާޒުކު ޙާލަތުގައި އުޅޭ މީހުންނަށް އެހީވާން ފަށާފައިވާއިރު، ކޮވިޑް-19ގެ ޙާލަތާ ގުޅިގެން ގއ. ދެއްވަދުއަށް ކުރިމަތިވެފައިވާ މުވައްޒަފުންގެ ދަތިކަން ޙައްލުކުރުމަށް އެރަށް އެހީތެރިކަން ފޯރުކޮށްދިނުމުގެ މަސައްކަތް އެޗްއީއޯސީއިން ވަނީ ފަށާފައެެވެ.
އެޗްއީއޯސީއިން ހާމަކުރެއްވިގޮތުގައި ދެއްވަދޫގައި މިޙާލަތުގައި ދިމާވެފައިވާ މުވައްޒަފުންގެ ދަތިކަން ޙައްލުކުރުމަށްޓަކާ ގއ. އަތޮޅު ހޮސްޕިޓަލުންނާއި ޑރ. ޢަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ވަނީ އެހީތެރިކަން ފޯރުކޮށްދީފައެވެ. އެގޮތުން ހެލްތް ވޯކަރަކާއި 2 ނަރުހުންނާއި ޑޮކްޓަރަކު ވަނީ ދެއްވަދުއަށް ފޮނުވާފައިކަމަށް އެޗްއީއޯސީން މައުލޫމާތު ދެއްވައެވެ. އަދި އެސްޓީއޯގެ އެހީތެރިކަމާއެކު ފާމަސިސްޓަކުވެސް އެރަށަށް ފޮނުވާފައިވާކަމަށް އެޗްއީއޯސީއިން މަޢުލޫމާތުދެއްވައެވެ. ދެއްވަދޫ ކްލަސްޓަރ އާއި ގުޅުން ހުރި 52 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އަދި 250ށް ވުރެ ގިނަ މީހުން ކޮންޓެކްޓުންގެ ގޮތުގައި ފާހަގަވެފައިވާ އިރު، މީގެ ތެރެއިން 100ށް ވުރެ ގިނަ މީހުންނަކީ ހައި ރިސްކް މީހުންނެވެ.
ދެއްވަދޫގެ ކޭސްތަކާއި ގުޅިގެން މިހާތަނަށް ލ. ފޮނަދޫ، ގއ. ވިލިނގިލި އަދި ހުޅުމާލެއިން ކޭސްތައް ވަނީ ފެނިފައެވެ.