ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަޤަބު ޖެހިޖެހިގެން ތިންވަނަ ފަހަރަށް ރާއްޖެއިން ހޯދައިފިއެވެ.
ރާއްޖެއިން މި މަޤާމު ހޯދާފައި ވާއިރު، ދިވެހި ޕާސްޕޯޓް ބޭނުންކޮށްގެން 85 ޤައުމަކަށް ވީޒާއާއި ނުލާ ދަތުރުކުރެވޭނެ އިންތިޒާމު ވަނީ ހަމަޖެހިފައެވެ.
ހެންލޭ ޕާސްޕޯޓް އިންޑެކްސްއިން ހޮވާ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލިސްޓުގައި ދެކުނު އޭޝިއާގެ އެންމެ ބާރުގަދަ ޕާސްޕޯޓްގެ ލަޤަބު ރާއްޖެއިން ޖެހިޖެހިގެން 3 ވަނަ ފަހަރު ހޯދާފައިވާކަން މޯލްޑިވްސް އިމިގްރޭޝަންއިން ވަނީ ހާމަކޮށްފައެވެ. އިމިގްރޭޝަންއިން ވަނީ ރާއްޖެއިން މިހާރު ވީޒާއާއި ނުލާ ދަތުުރުފަތުރުކުރެވޭ ޤައުމުތަކުގެ ތަފްސީލުވެސް ހިއްސާކޮށްފައެވެ. އެގޮތުން އަވައްޓެރި އިންޑިއާ ބަންގްލަދޭޝް ހިމެނޭހެން 16 ޤައުމެއް ހިމެނެއެވެ. މީގެ އިތުރުން ޔޫރަޕްގެ 4 ޤައުމަކާއި، އެފްރިކާ ބައްރުގެ 26 ޤައުމާއި، އޯޝޭނިއާ ބައްރުގެ 11 ޤައުމަކައި، ކެރީބިއަން ސަރަހައްދުގެ 15 ޤައުމެވެ. މީގެ އިތުރުން އެމެރިކަސް 7 ޤައުމަކާއި، މެދުއިރުމަތީގެ 4 ޤައުމަކަށް ވީޒާއާއި ނުލާ ދަތުރުކުރެވެެއެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރު ވެރިކަމަށް އައި ފަހުން ދިވެހި ޕާސްޕޯޓްގެ ބާރު ގަދަކުރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރަމުންނެވެ. އެގޮތުން އާއްމު ގޮތެއްގައި މަދު ގައުމުތަކަކަށް އޮން އެރައިވަލް ވިސާދޭ ޤައުމުތައް ކަމަށްވާ ޔޫއޭއީ އަދި ރަޝިޔާއަށް ކުރިން ވިސާ ނެގުމެއް ނެތި ދިވެހިންނަށް މިހާރު އޮންއެރައިވަލް ވިސާ ލިބޭނެ އިންތިޒާމް އެގައުމުތަކަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ކުރެއްވި ދަތުރުފުޅުތަކުގައި ވަނީ ހަމަޖައްސާފައެވެ.
މީގެ އިތުރުން ދިވެހިންނަށް ތައިލެންޑަށް ވެސް ވިސާއާއި ނުލައި އެތެރެ ވެވޭ ގޮތަށް މި ސަރުކާރުން ބަދަލު ކޮށްފައިވާއިރު، ދިވެހިން އާއްމުކޮށް ދިރިއުޅޭ އިންޑިއާ، ލަންކާ އަދި މެލޭޝިއާއިން ދިވެހިންނަށް ވިސާގެ ބޮޑެތި ލުއިތަކެއް ލިބެމުންދިޔުމުން އެޤައުމުތަކުގައި ވެސް ދިވެހި ޕާސްޕޯޓްގެ ބާރު ވަނީ ގަދަވެފައެވެ. މި ލުއިތަކަކީ ފާއިތުވި 7 މަސް ދުވަހުގެ މަސައްކަތުގެ ނަތީޖާއެވެ.
ވީހާވެސް ގިނަ ގައުމުތަކަކަށް ދިވެހިންނަށް ފަސޭހަކަމާއިއެކު އެތެރެވެވި، ދިވެހި ޕާސްޕޯޓްގެ ބާރު ގަދަކުރުމަށް އިތުރު މަސައްކަތްތައް ކުރަމުންދާ ކަމަށް މީގެ ކުރިން ފޮރިންގ މިނިސްޓްރީއިން ވަނީ ބުނެފައެވެ.