ހުޅުމާލޭގެ 20 މަގެއް އެއްކޮޅަށް ދުއްވޭގޮތަށް ބަދަލު ކޮށްފައިވާކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީން) ބުނެފިއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ އާބާދީ އަދި އެކި ސަބަބުތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ މީހުންގެ އަދަދު ގިނަވެފައި ވާއިރު، ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި ފަސޭހައިން ބޭނުން ކުރެވޭނެ މަގުތަކަކަށް ހެދުމަށްޓަކައި އެ ކޯޕަރޭޝަނުން ޕްލޭންއެއް އެކުލަވާލައި ތަންފީޒުކުރުމުގެ މަސައްކަތް ފަށާފައިކަމަށެވެ.
މިގޮތުން މި ޕްލޭންގެ ދަށުން ހުޅުމާލޭގެ ބައެއް މަގުތައް އެއްކޮޅަށް (ވަންވޭ) ކުރުމުގެ މަސައްކަތް 13 ޖަނަވަރީ 2021 ވަނަ ދުވަހު ފަށާފައިވާކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
އެއްކޮޅަށް ދުއްވޭގޮތަށް ބަދަލުކޮށްފައިވާ މަގުތަކުގެ ތެރޭގައި ޗަނބޭލީމަގު 1،2،3،4،5،6،7،8،9 ނަންބަރު ގޯޅިއާއި، ރަބަރުގަސްމަގު 1،2،3،4،5،6،7،8،9 ނަންބަރު ގޯޅީގެ އިތުރުން ބޯގަންވިލާމަގު 1 ނަންބަރު ގޯޅި އަދި ބުރެވިގަސްމަގު ހިމެނެއެވެ.
އެޗްޑީސީން ބުނީ ހުޅުމާލޭގެ މަގުތަކަކީ ރައްކާތެރި، ފަސޭހަ މަގުތަކަކަށް ހެދުމަށް އެ ކޯޕަރޭޝަނުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ. އެގޮތުން އެއްކޮޅަށް ދުއްވޭ މަގުތައް ކަނޑައެޅުމުގެ އިތުރުން ހުޅުމާލެ ފޭސް 1 ގެ 14 ސަރަހައްދެއްގައި 1،330 މަގު ބައްތި ޖެހުމާއި، މިހާރު ހުރި ގިނަ ބައްތިތަކެއް ބަދަލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާކަމަށް އެޗްޑީސީން ބުނެއެވެ.