އިންތިޚާބުގެ ލަސްކަމާއެކު އިތުރު 13 ކެނޑިޑޭޓުންގެ ނަން އަނބުރާ ގެންގޮސްފިއެވެ.
އެގޮތުން މިފަހަރު ލޯކަލް ކައުންސިލް އިންތިހާބުން 8 ފަރާތެއްގެ ނަން އަނބުރާ ގެންގޮސްފައިވާއިރު، އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ 5 ކެނޑިޑޭޓުން ވަނީ ނަން އަނބުރާ ގެންގޮސްފައެވެ.
ލޯކަލް ކައުންސިލް އިންތިހާބުން ނަން އަނބުރާ ގެންގޮސްފައިވާ 8 ކެނޑިޑޭޓުންގެ ތެރޭގައި ހިމެނެނީ، ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީގެ 5 މެމްބަރުންނާއި، އިދިކޮޅު ޕީޕީއެމްގެ މެމްބަރަކާއި ޖުމްހޫރީ ޕާޓީގެ މެންބަރަކާއި، އަމިއްލަގޮތުން ކުރިމަތިލާފައިވާ މެންބަރެކެވެ. އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބަށް ކުރިމަތިލާފައިވާ 5 ކެނޑިޑޭޓުން ތެރޭގައި ހިމެނެނީ، އެމްޑީޕީގެ 3 މެމްބަރުންނާއި އަމިއްލަގޮތުން ކުރިމަތިލާފައިވާ ދެ މެންބަރުންނެވެ.
އިންތިޚާބުގައި ވާދަކުރަން ނިންމާފައިވާ ގިނަ މެމްބަރުންތަކެއް އަނބުރާ ނަން ގެންދަމުންދާތީ، ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ނަން އަނބުރާ ނުގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ މީގެ ކުރިން އިލްތިމާސް ކުރައްވާފައެވެ. ރައީސް ނަޝީދު ވިދާޅުވީ ކައުންސިލް އިންތިހާބުން މިހާރު ވަރަށް ގިނަ ކެނޑިޑޭޓުން ނަން އަބުރާ ގެންދަވަމުންގެންދާކަމަށެވެ. އަދި އެކަމާއިމެދު ކަންބޮޑުވެވަޑައިގަންނަވާކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ރައީސް ނަޝީދު މިފަދައިން ވިދާޅުވެފައިވާއިރު ނަން އަނބުރާ ގެންދިޔަ ކެނޑިޑޭޓުންގެ ތެރޭގައި ގިނައީ އެމްޑީޕީގެ ކެންޑިޑޭޓުންނެވެ.
ލޯކަލް ކައުންސިލު އިންތިޚާބު އަވަހަށް ބޭއްވުމަށްޓަކައި ކައުންސިލްތަކުގެ އިންތިޚާބުގެ ހާއްސަ ޤާނޫނު 2020 އަށް އިސްލާހު ގެނައުމުގެ ބިލަށް ބަހުސްކުރުން މިމަހުގެ 17 ވަނަ ދުވަހަށް ވަނީ އެޖެންޑާކޮށްފައެވެ. ކޮވިޑް-19 ގެ ބަލިމަޑުކަމާއި ގުޅިގެން އިންތިޚާބު ފަސްކުރީ ހާއްސަ ޤާނޫނެއްގެ ދަށުން މި އަހަރުގެ މެއި މަހުގެ ނުވަވަނަ ދުވަހަކީ އިންތިޚާބު ބޭއްވުމަށް ކަނޑައެޅޭނެ އެންމެ ފަހު ތާރީޚު ކަމަށް ބަޔާން ކުރުމަށްފަހުގައެވެ.
ލޯކަލް ކައުންސިލް އިންތިޚާބުގެ ހާއްސަ ޤާނޫނަށް އިސްލާހުތަކެއް ގެނެސް، މި ޖެނުއަރީ މަހު އެ އިސްލާހުތަކަށް އަމަލުކުރަން ފެށިއްޖެނަމަ ލޯކަލް ކައުންސިލް އިންތިޚާބު 3 އޭޕްރީލުގައި ބޭއްވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު ވަނީ ވިދާޅުވެފައެވެ.