ކޮވިޑް-19އާ ގުޅިގެން ފާނަ މަސްވެރިކަން ހުއްޓުމަކަށް އައި ނަމަވެސް މި މަސްވެރިކަމަކީ ބައިނަލްއަގުވާމީ ބާޒާރުގައި އެންމެ ޑިމާންޑް ހައި މަސްވެރިކަން ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ރާއްޖެޓީވީގެ ''މަސްވެރިންގެ ސައްލާ'' ޕްރޮގްރާމްގައި ވާހަކަދައްވަމުން ފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު ޝިފާޒް ވިދާޅުވީ ކޮވިޑް-19އާ ގުޅިގެން މަސްވެރިކަމުގެ ސިނާއަތަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވި ކަމަށާއި، ފާނަ މަސްވެރިކަން އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓިގެންދިޔަ ކަމަށެވެ.
ޝިފާޒު ވިދާޅުވީ ފާނަ މަސްވެރިކަމުގެ 90 އިންސައްތައަކީ އެކްސްޕޯޓުކުރާ ބާވަތެއް ކަމަށާއި، ކޮވިޑް-19އާ ގުޅިގެން ގައުމުތަކުގެ ވައިގެ ބަނދަރުތައް ބަންދުކުރުމުގެ ނަތީޖާއަކަށްވީ މަސްވެރިކަން ގާތްގަނޑަކަށް ހުއްޓުން ކަމަށެވެ.
ޚާއްސަކޮށް ފާނަ މަސްވެރިކަމަކީ ފާނައަކީ 90 އިންސައްތަ ސީދާ އެކްސްޕޯޓަށްދާ ބާވަތްތަކަކަށްވާތީ އެކްސްޕޯޓާ ވަރަށް ބޮޑަށް ގުޅިފައި މިއޮންނަނީ ވައިގެ މަގުން މިކުރެވޭ ދަތުރުތައް. ދެން ކޮވިޑް-19ގެ ސަބަބުން ވައިގެ މަގުން މިކުރެވޭ ދަތުރުތައް އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައިސްފައި މިހާރު އަނެއްކާ ކުޑަކޮށް ފެށިގެން ރަނގަޅުވަމުން އެދަނީ. އެހެންވީމަ ކޮވިޑް-19ގެ ދުވަސްވަރުގަ ހަމައެއްކޮށް ފާނަ މަސްވެރިކަން ހުއްޓިގެން ދިޔަ. ޚާއްސަކޮށް އެކްސްޕޯޓަރުންނަށް ފާނަ ބޭރުކުރެވޭނެ އެގޮތެއް ނެތިގެން ދިއުމުން އެބޭފުޅުންނަށް ގަނެވޭނެ ގޮތެއް ވެސް ނޯންނާނެ. ދެން އެހެންވީމަ މަސްވެރިންނަށް ވެސް އެކަމުގެ ތަކުލީފު އުފުލަން ޖެހުމާއި މަހަށް ނުގޮސް ތިބެންޖެހުނުފިޝަރީޒް މިނިސްޓްރީގެ ޑިރެކްޓަރ އަހުމަދު ޝިފާޒް
ފާނަ މަސްވެރިކަމަކީ ވަރަށް މުހިންމު މަސްވެރިކަމެއްކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ ހުރިހާ މަސްވެރިކަމަކަށްވުރެ ފާނައިގެ މަސްވެރިކަމަށް ބައިނަލްއަގުވާމީ ބާޒާރުތަކުގައި ޑިމާންޑު ބޮޑު ކަމަށާއި، ޚާއްސަ އަގުތަކެއްގައި ވިއްކާލެވޭ ކަމަށެވެ.
ފާނަ ދުނިޔޭގެ ގިނަ ގައުމުތަކުން ހުސްވެފައިވާތީ އެކަމަށް އިޝާރާތްކުރައްވާ ޝިފާޒު ވިދާޅުވީ ބައެއް ގައުމުތަކުގެ މަސްވެރިންނަށް ކަނޑުން ފާނަ ބޭނޭނެ ގޮތެއް ނެތް ކަމަށެވެ. ނަމަވެސް ރާއްޖޭގައި ފާނަ ބާނަމުންދަނީ ކަނޑުން ކަމަށާއި، ވަރަށް ފަހި މުސްތަގުބަލެއް ފާނަ މަސްވެރިކަމަށް އެބަ އޮތް ކަމަށް ޝިފާޒު ވިދާޅުވިއެވެ.