ރާއްޖޭގައި މިހާ ހިސާބަށް ކުރެވުނެ ކަކުލު ހުޅުގެ އެންމެ ބޮޑު އޮޕަރޭޝަން ޓްރީ ޓޮޕް ހޮސްޕިޓަލުގައި ކާމިޔާބުކަމާއި އެކު ކޮށްފިއެވެ.
މި އޮޕަރޭޝަން ކުރެއްވީ ކޮންސަލްޓަންޓް ޑރ. އަލީ މުޒުނީ އިސްކޮށް ހުންނަވައިގެން ހުޅުބަދަލުކުރުމުގެ އޮޕަރޭޝަނުގެ ޚާއްސަ ޓީމަކުންނެވެ. މި އޮޕަރޭޝަން ކުރެވިފައިވާ ބަލި މީހާ އަކީ އުމުރުން 62 އަހަރުގެ ފިރިހެނެކެވެ.
މިއޮޕްރޭޝަންއާ ބެހޭ ގޮތުން ޓްރީ ޓޮޕުން ބުނީ މީގެ ކުރިން ވެސް ބަލި މީހާގެ ކަނާތު ކަކުލުހުޅު ވަނީ 2 ފަހަރެއްގެ މަތީން ރާއްޖޭން ބޭރުގައި އޮޕްރޭޝަން ކޮށްފައި ކަމަށެވެ. އަދި ދިމާވި އެކްސިޑެންޓެއްގެ ސަބަބުން ދެވަނަ ފަހަރު ލައްވާފައި ހުރި ހުޅުގެ މަތީކައިރިން ކަށިގަނޑު ބިންދައިގެން ގޮސް ހުޅުގެ ދެއަރިމަތީ ލިގަމެންޓުވެސް ވަނީ އަލުން ބޭނުންނުކުރެވޭ ވަރަށް ކަނޑައިގެން ގޮސްފައި ކަމަށެވެ.
އެހެންކަމުން ފަރުވާއެއްގެ ގޮތުގައި ކަށިގަނޑު ކޮޅުން ބައެއް ނެގުމަށްފަހު ޚާއްސަ މަސްނުވީ މައުދަނުގެ ބައެއް ކަށިގަނޑުގެ ކޮޅާ ގުޅުވާލާފައިވާ ކަމަށާއި، މިހުޅު ބަދަލުކުރުމަށް ބޭނުންކުރީ މިކަމަށް ޚާއްސަ މެގަ ޕްރޮސްތެޓިކްއެއް ކަމަށް އެހޮސްޕިޓަލުން ބުނެއެވެ.
މިއީ ކަކުލު ހުޅުގެ ރިވިޝަން ސަރޖަރީތަކުގެ (ލައްވާފައި ހުންނަ ހުޅު މައްސަލައެއް ދިމާވެގެން ނެގުމަށްފަހު އަލުން ލެއްވުން) ކުރަން އުނދަގޫ އަދި ޚާއްސަ ސާރޖަރީއެކެވެ. މިފަދަ އޮޕަރޭޝަންތައް މީގެ ކުރިން ކުރުމުން އަންނަނީ ރާއްޖޭން ބޭރުގެ ބޮޑެތި ހޮސްޕިޓަލުތަކަށް ފޮނުވައިގެން ވަރަށް ބޮޑެތި ޚަރަދުކޮށްގެންނެވެ.
ޓޮރީ ޓޮޕް ހޮސްޕިޓަލުގެ ކޮންސަލްޓަންޓް ޑރ. ޢަލީ މުޒުނީއަކީ ކަކުލު ހުޅުގެ ރިވިޝަން ސާރޖަރީ ހެއްދެވުމުގެ ތަޖުރިބާ ލިބިވަޑައިގެން ހުންނެވި އެކަމުގެ ފުންނާބު އުސް ބޭފުޅެކެވެ.