ފ. އަތޮޅު ނިލަންދޫއަށް ފަތުރުވެރިން އެރުމާއި ދެކޮޅަށް އިހުތިޖާޖު ކޮށްފިއެވެ.
ނިލަންދޫ ރަށު ކައުންސިލް ކުރިމަތީ ބުރާސްފަތި ދުވަހު ރަށުގެ ބައެއް ރައްޔިތުން ނުކުމެ އިހުތިޖާޖު ކޮށްފައިވަނީ އެރަށަށް ފަތުރުވެރިން އެރުމަށް ރަށު ކައުންސިލުން ހުއްދަ ދީފައިވާތީ ކަމަށް ބުނެއެވެ.
މިކަމާއި ގުޅިގެން ނިލަންދޫ ކައުންސިލްގެ ރައީސް މުހައްމަދު ޖަލީލް ވިދާޅުވީ އެ ރަށު ބައެއް ރައްޔިތުން ބުރާސްފަތި ދުވަހު ހެނދުނު ކައުންސިލް އިދާރާ ކުރިމަށްޗަށް ނުކުމެ އިހުތިޖާޖު ކުރި ކަމަށާއި، ރައްޔިތުން އިހުތިޖާޖު ކޮށްފައިވަނީ ކައުންސިލުން ފަތުރުވެރިން އެރުމަށް ހުއްދަ ދީފައިވާ ކަމަށް ހީކުރެވުމުން ކަމަށެވެ. އަދި މިކަމާއި ގުޅިގެން ކައުންސިލުން ވާނީ ރައްޔިތުންނާއި ބައްދަލުކޮށް ކައުންސިލުން އެފަދަ ކަމަކަށް ހުއްދަ ދީފައި ނުވާނެ ކަން ހާމަކޮށްދީފައި ކަމަށާއި، ފަތުރުވެރިން ރަށަށް އެރުމަށް ހުއްދަ ދެނީ ސަރުކާރުން ކަމަށެވް.
ޖަލީލް އިތުރަށް ވިދާޅުވީ ނިލަންދޫ ރައްޔިތުން ހިތް ނުރުހޭ ކަމެއް ކައުންސިލުން ނުކުރާނެ ކަމަށާއި، ފަތުރުވެރިން ނިލަންދޫއަށް އެރުމާއި ގުޅޭ ގޮތުން ރަށަށް ފަތުރުވެރިން ގެންނަ ފަރާތްތަކާއި ވާހަކަ ދެއްކުމަށް ކައުންސިލުން އެދިފައިވާނެ ކަމަށެވެ. އެހެންނަމަވެސް ރަށަށް ފަތުރުވެރިން ގެންނަ ފަރާތްތަކުން މި ހާލަތުގައި ފަތުރުވެރިން އެރަށަށް ގެނައުމުގެ ވިސްނުމެއް ނެތް ކަމަށް ޖަލީލް ވިދާޅުވިއެވެ.