ރައީސް ސޯލިހް ޔުނައިޓެޑް އެރަބް އެމިރޭޓްސް (ޔޫއޭއީ) އަށް ދާދިފަހުން ކުރެއްވި އަމިއްލަފުޅު ދަތުރުފުޅުގައި ކޮވިޑް-19 އަށް ވެކްސިން ޖެއްސެވުމަށް އެ ގައުމުން ރައީސަށް އެރުވި ފުރުސަތު ދޫކޮށްލެއްވިކަން އިތުބާރު ހުރި ގޮތެއްގައި ރާއްޖެއެމްވީއަށް އެނގިއްޖެއެވެ.
ޔޫ.އޭ.އީން ވެކްސިން ޖެއްސެވުމަށް ރައީސް ސޯލިހް ބޭނުންފުޅު ނުވީ ރާއްޖޭގެ ރައްޔިތުންނަށް ވެކްސިން ނުލިބެނީސް އެމަނިކުފާނު ވެކްސިން ޖެއްސެވުމަށް ބޭނުންފުޅު ނުވާތީ ކަމަށްވެސް ރާއްޖެއެމްވީއަށް ވަނީ އެނގިފައެވެ.
ޖެނުއަރީ މަހުގެ 3ން 5ށް ރައީސް ސޯލިހް ޔޫއޭއީ އަށް ކުރެއްވި ދަތުރުފުޅުގައި އަބޫދާބީގެ ވަލީއަޙުދު ޝައިޚް މުޙައްމަދު ބިން ޒައިދު އަލް ނަޙްޔާންގެ ރަސްމީ ގެކޮޅުގައި ޖަނަވަރީ މަހުގެ 4 ވަނަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގައި ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ އެންމެ ފަހުގެ މަޢުލޫމާތު ދެ ބޭފުޅުން ވަނީ ޙިއްޞާކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމުގައި ރައީސް ވިދާޅުވީ، ކޯވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމުގައި އެހެން ޤައުމުތަކާ ގުޅިގެން ޔޫއޭއީ އިން ކުރަމުންދާ މަސައްކަތްތައް ފާހަގަކުރައްވާ ކަމުގައެވެ. އަދި، ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި ކުރިއަރާފައިވާ ޓެކްނޮލޮޖީއާއި އިޖާދީ ވިސްނުންތައް ބޭނުންކޮށްގެން ޔޫއޭއީގެ ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ވަނީ ތައުރީފް ކުރައްވާފައެވެ.
ކޮވިޑް-19 އަށް ވެކްސިން ދޭން ދުނިޔޭގައި ފެށި އެންމެ ފުރަތަމަ ގައުމުތަކުގެ ތެރޭގައި ޔޫއޭއީ ހިމެނެއެވެ. ޔޫއޭއީން އެ ގައުމުގެ ރައްޔިތުންނަށް ދެނީ ޗައިނާގެ ސިނޮފާމް އިން އުފައްދާފައިވާ ވެކްސިންއެވެ.
ޔޫއޭއީން މިހާތަނަށް ދެލައްކަ އާ ގާތްކުރާ އަދަދަކަށް ކޮވިޑް-19 އަށް މީހުން ޕޮސިޓިވްވިކަން ރެކޯޑް ކުރެވިފައިވާ އިރު ހަ ސަތޭކަ އަށް ވުރެ ގިނަ މީހުން އެގައުމުގައި މި ބަލީގައި ވަނީ މަރުވެފައެވެ.