ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 06:19
ނިއު އާއި ގްރީން ބައްދަލުކުރި މެޗު ފެށުމުގެ ކުރިން
ނިއު އާއި ގްރީން ބައްދަލުކުރި މެޗު ފެށުމުގެ ކުރިން
ޓްވިޓަރ
މާލޭ ލީގު
ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން މޮޅުވެ ނިއު އެއްވަނައަށް
ނިއު އޮތީ ލިބުނު 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި
ގްރީން އޮތީ ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގައި

ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހި ހަމަނުޖެހުން ބޮޑުވި މެޗުން ގްރީން ސްޓްރީޓްގެ މައްޗަށް ކުރިހޯދާ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބް ޕޮއިންޓް ތާވަލުގެ އެއްވަނައަށް ޖެހިލައިފި އެވެ.

 

ހުކުރު ދުވަހުގެ ރޭ މެޗުގައި ގްރީން ސްޓްރީޓްގެ މައްޗަށް ނިއުރޭޑިއަންޓުން ކުރިހޯދީ 1-2 ގެ ނަތީޖާއަކުންނެވެ.

 

ގަލޮޅު ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ދެޓީމަށްވެސް ވަނީ ހުސް ފުރުސަތުތަކެއް ލިބިފައެވެ. އެގޮތުން ހަތްވަނަ މިނެޓުގައި ގަލާޑޯ ހުހަށް ހުރެ ފޮނުވާލި ބޯޅަ ގްރީންގެ ކީޕަރު ދިފާއުކުރިއިރު، ގްރީންގެ އަހުމަދު ރަޝީދު (އައްމަޑޭ) ހުހަށް ހުރެ ބޮލުން ފޮނުވާލި ބޯޅަ ދިޔައީ ގޯލު ދަނޑި ކައިރިން ބޭރަށެވެ.

 

މެޗު ފެށުނީސުރެ ގްރީން ސްޓްރީޓުން ނިއުގެ ހާފަށް ޕްރެޝާބޮޑުކޮށް ޕްރެސްކޮށްގެން ކުޅެމުންދިޔައިރު، އެޓީމުން ވަނީ ނިއުގެ އެޓޭކްތައް ހުއްޓުވުމަށް މޮޅު ޑިފެންސެއްކޮށްފައެވެ.

 

މެޗުގެ 17 ވަނަ މިނެޓުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ވަނީ ނުރައްކާތެރި ބޯޅައެއް ގްރީންގެ ގޯލަށް ފޮނުވާލާފައެވެ. މި ބޯޅަ ދިޔައީ ގޯލު ދަނޑިމަތިން ބޭރަށެވެ. މެޗުގެ 21 ވަނަ މިނެޓުގައި ގްރީންގެ ޑިމިޓްރޯ ފޮނުވާލި ހިލޭ ޖެހުން އަމާޒުވެފައިވަނީ ގޯލުގެ ހުރަސް ދަނޑިއަށެވެ.

 

މެޗުގައި ނިއުން އިން ލީޑު ނެގީ 37 ވަނަ މިނެޓުގައެވެ. ސެންޓޭ ނަގައިދިން ކޯނަރު މުޅިން ހުހަށް ހުރެ ގޯލު ތެރެއަށް ފޮނުވާލައިގެން އަހުމަދު އަބްދުﷲ (ލިލީ) އެވެ.

މީގެއިތުރުންވެސް ނިއު އަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން 40 ވަނަ މިނެޓުގައި އޭރިއާ ބޭރުން ގަލާޑޯ ފޮނުވާލި ބޯޅަ ހިމެނެއެވެ. އެ ބޯޅަ ދިޔައީ ގޯލު ދަނޑިކައިރިން ބޭރަށެވެ.

 

ފުރަތަމަ ހާފް 0-1 ގެ ނަތީޖާއިން ނިއުކޮޅަށް ބުރަވެގެން ނިމުނުއިރު، ދެވަނަ ހާފްގައިވެސް އެޓީމުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. އެގޮތުން 56 ވަނަ މިނެޓުގައި ސެންޓޭ ދިން ބޯޅައަކުން ގަލާޑޯ ވަނީ އެޓީމަށް ލީޑު ފުޅާކޮށްދީފައެވެ.

 

އެހެންނަމަވެސް މެޗުގެ ފަހު 15 މިނެޓު ތެރޭގައި ގްރީން އިން ވަނީ ނިއުގެ ހާފަށް ބާރުބޮޑުކޮށް ފުލުފުލުގައި ހަމަލާތަކެއް ފޮނުވާލާފައެވެ. އެޓީމުން ފަރަގު ކުޑަކުރީ 81 ވަނަ މިނެޓުގައި ޑިމިޓްރޯ އޭރިޔާ ބޭރުގައި ހުރެ ކީޕަރު އިމްރާން ބޯމަތިން ފޮނުވާލި ބޯޅައިންނެވެ.

 

މިމެޗުގައި ރެފްރީގެ ނިންމުތަކާއި މެދު ހިތްހަމަ ނުޖެހިގެން ގްރީން ސްޓްރީޓްގެ އޮފިޝަލުން ވަނީ ހިތްހަމަ ނުޖެހުން ފާޅުކޮށްފައެވެ. އަދި ނިއު ސަޕޯޓަރުންނާއި ގްރީން ސްޓްރީޓްގެ ސަޕޯޓަރުންގެ މެދުގައިވެސް ވަނީ ބަހުގެ ހަމަލާ

 

މީގެއިތުރުން ގްރީންގެ އޮފިޝަލުންނާ ސަޕޯޓަރުން ވަނީ ރެފްރީގެ ނިންމުންތަކާ ހިތްހަމަނުޖެހިގެން އެފްއޭއެމް އޮފިޝަލުން ކައިރީ ޝަކުވާކޮށްފައެވެ.

 

މާލޭ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު، ނިއު އޮތީ ކުޅުނު ހަ މެޗުން ލިބުނު 15 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ގްރީން އޮތީ ކުޅުނު ހަ މެޗުން ލިބުނު 10 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަތަރުވަނައިގަ އެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު ފައިރޫޒު
- ކޮމެންޓް