ވ. ރަކީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ ބޮޑު އިންސައްތައެއްގެ މަސައްކަތް ނިމިއްޖެއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނީ ރަކީދޫގެ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތުގެ 73 އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން، އެއްގަމު ތޮށިލުމަށާއި، ޕޭވްމަންޓް ހެދުމަށް ބޭނުންވާ ކޮންކްރީޓް މަސައްކަތްތައް މި ޖެނުއަރީ މަހުގެ ހަތަރުވަނަ ދުވަހު ނިމިފައިވާ ކަމަށާއި، ދޯނި އެހެލާ ސަރަހައްދު ފުންކުރުމުގެ މަސައްކަތުގެ 13 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ ކަމަށްވެސް ވަނީ ބުނެފައެވެ.
މި މަޝްރޫއުގެ ދަށުން، 5،654 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 164 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށިލުމާއި، 156 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިލުމާއި، 74 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 429 އަކަ މީޓަރު ސަރަހައްދެއްގައި ޕޭވްމަންޓް ހެދުމާއި، ނެރު ބައްތި އާއި ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއަކީ 18.5 މިލިޔަން ރުފިޔާގެ މަޝްރޫއެކެވެ. މި މަޝްރޫއު މޮބިލައިޒް ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ އަށްވަނަ ދުވަހުއެވެ.
300 އެއްހާ މީހުންގެ އާބާދީއެއް އޮންނަ ވ. ރަކީދޫގައި އަރާ ފޭބުމަށް ހެދިގެންދާ ބަނދަރަކީ މިހާތަނަށް ރާއްޖޭގެ ސަރުކާރަކުން އެ ރަށުގައި ހިންގާ އެންމެ ބިޔަ އެއް މަޝްރޫއެވެ.