ބ އަތޮޅުން ފެށިގެން އައްޑޫ ސިޓީއަށް ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވައިޓް އެލަރޓް ނެރެފިއެވެ.
މެޓް އޮފީހުން ބުނީ ބުދަ ދުވަހުގެ މެންދުރު 2ން ފެށިގެން ރޭގަނޑު 8 ޖެހުމާ ހަމައަށް އެސަރަހައްދަށް ގަޑިއަކު 22 މޭލާއި 27 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭ ކަމަށެވެ.
މީގެއިތުރުން ބުރާސްފަތި ދުވަހުގެ ހެނދުނު 10 ޖެހުމާ ހަމައަށް އުތުރުގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްތަކަށް ގުގުރުމާއިއެކު ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް މެޓް އޮފީހުން ބުނެއެވެ. އަދި މެދުރާއްޖެތެރޭގެ އެކިހިސާބަށް ވިއްސާރަކޮށް ގުގުރާނެކަމަށް ލަފާކުރެވޭ ކަމަށާއި ދެކުނުގެ ސަރަޙައްދަށް ކެރީގެ އަަސަރުފޯރާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އޮފީހުން ބުނެއެވެ.
މެޓް އޮފީހުން ބުނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ ކަނޑުތައް އާއްމުގޮތެއްގައި ގަދަވާނެ ކަމަށާއި ރާޅުގެ އުސްމިން ހުންނާނެކަމަށް ބެލެވެނީ 4 ފޫޓާއި 7 ފޫޓާ ދެމެދުގައި ކަމަށް މެޓް އޮފީހުން ބުނެއެވެ.
މިދުވަސްވަރަކީ ރާއްޖެއަށް މޫސުން ގޯސް ކަނޑުގަދަ ދުވަސް ވަރެއްކަމަށް ލަފާކޮށް އަދި ވައިޓް އެލާޓް ނެރެފައިވާތިވެ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެމްއެންޑީއެފުން ވެސް ވަނީ އިލްތިމާސްކޮށްފައެވެ. އެމްއެންޑީއެފުން ބުނީ ކ. އަތޮޅުން ފެށިގެން ތ. އަތޮޅަށް ކަނޑު ގަދަވެ، ކޮޅިގަނޑުގައި 45 މޭލަށް (39 ނޮޓްސްއަށް) ވައިގަދަވާނެ ކަމަށް ލަފާކުރާތީވެ، ކަނޑުދަތުރުކުރައްވާ އުޅަނދުފަހަރުގެ އޮޑިވެރިންނާއި، ކެޕްޓަނުން މޫސުމާބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯއްދެވުމަށްފަހު ދަތުރުތައް ރޭވުމަށް އިލްތިމާސްކުރާ ކަމަށެވެ.