ރިސޯޓް މުވައްޒަފުން ޗުއްޓީ ނަގައިގެން އާއިލާ ކައިރިއަށް ރަށަށް ދާއިރު، ކަރަންޓީނު ވާންޖެހޭ މުއްދަތު ޗުއްޓީގައި ނުހިމެނުމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް އެދިވަޑައިގަންފިއެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދުކުރި ދުވަހުން ފެށިގެން މިހާތަނަށްވެސް ރިސޯޓުތަކުގައި މަސައްކަތްކުރާ ގިނަ މުވައްޒަފުން ތިބީ ރިސޯޓުތަކުގައި ބަންދުވެފައިކަން ފާހަގަކުރައްވާ ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު މައުސޫމް ވިދާޅުވީ، އެ މުވައްޒަފުންގެ އާއިލާއާއި އަނބިދަރިން ކައިރިއަށް ދިއުމެއްނެތި މިހާތަނަށް ކުރަމުން އައިސްފައި ވަނީ އަގުހުރި މަސައްކަތްތަކެއް ކަމަށެވެ.
ބައެއް ރިސޯޓްތައް އޮޕަރޭޓް ކުރަމުންދަނީ ވަރަށް މަދު މުވައްޒަފުން ތަކަކާއި އެކުގައި ފާހަގަކުރައްވާ މިނިސްޓަރު ވިދާޅުވީ، ރިސޯޓް މުވައްޒަފުން ވަމުން އަންނަ ގުރުބާނީގެ އަގު އިންޑަސްޓްރީގެ ބޭފުޅުން ވަރަށް ރަނގަޅަށް ދެއްވާނެ ކަމަށް އުންމީދުކުރައްވާ ކަމަށާއި، އަދި ކަރަންޓީން މުއްދަތުގެ ޗުއްޓީ ތެރޭގައި ނުހިމަނައި އެކަން ފަހިކޮށްދޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ޗުއްޓީއަށް ނުވަތަ އޮފަށް އޮންނަ ދުވަސްކޮޅު އެއްކޮށްލައިގެން ލިބޭ އެ އޮފް ކޮޅު ކަރަންޓީނުގައި ދުއްވާލީމަ އެދެން އެހާ ހަމަޖެހޭ ކަމަކަށް ނުވާނެ. އަޅުގަނޑު މި އުންމީދު ކުރަނީ އިންޑަސްޓްރީގެ ބޭފުޅުން ފަހުރުވެރިކަމާއެކު ހިތްހަމަ ޖެހުމާއެކު މުވައްޒަފުންނަށް އެބޭފުޅުން މިދޭތެރޭގައި އެވީ ގުރުބާނީގެ އަގު ވަޒަންކޮށް ކަރަންޓީން ވާން މި ޖެހޭ މުއްދަތަކީ އެބޭފުޅުންގެ އޮފްގެ ތެރޭގައި ނުހިމެނޭ އެހެން ނޫނީ ޗުއްޓީ ތެރޭގައި ނުހިމެނޭ ގޮތެއް ހަދާނެ ކަމަށް.ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް
މިނިސްޓަރު މައުސޫމް ވިދާޅުވީ މިއަދުވެސް އެންމެ ގިނައިން ލިބޭ ޝަކުވާއަކީ ރިސޯޓްތަކުގައި މަސައްކަތްކުރާ މުވައްޒަފުން ރަށަށް ގޮސް ކަރަންޓީންވާން ޖެހޭ ކަމުގެ ޝަކުވާ ކަމަށެވެ. އަދި އެ ޝަކުވާއަށް ލުއި ގޮތެއް ލިބިގެންދާނީ ކޮވިޑް ވެކްސިން ލިބި، މިހާރު ހެދިފައިވާ އުސޫލުތަކަށް ތަބާވެ، ފަރުދީ ޒިންމާ އަދާކޮށްގެންކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. އެގޮތުން ކޮންމެ ކަމެއްގައިވެސް ކަނޑައެޅިފައިވާ އިންތަކާއި މިންތަކެއްވާއިރު، އެ މިންތަކުގެ ތެރެއިން ކަންކަން ކުރިއަށް ގެންދާނަމަ ރިސޯޓް މުވައްޒަފުންވެސް ހިނިތުންވުމާއެކު މަސައްކަތް ކުރާނެ ކަމަށް މިނިސްޓަރު މައުސޫމް ވިދާޅުވިއެވެ.
މި އަހަރުގެ މިހާތަނަށް އައި އިރު، ރާއްޖެއިން ކޮވިޑް ޖެހިގެން ރިޕޯޓްކޮށްފައިވާ އަދަދުތަކަށް ބަލާއިރު، މަދުން ނަމަވެސް ބައެއް ރިސޯޓުތަކުގެ މުވައްޒަފުން މި ބައްޔަށް ވަނީ ޕޮޒިޓިވްވެފައެވެ. މިގޮތަށް ރިސޯޓުތަކުން މުވައްޒަފުން ކޮވިޑަށް ޕޮޒިޓިވް ވަމުން އަންނަ އިރު، އެ މުވައްޒަފުންނަށް އެންމެ ބޮޑު އެއްބާރުލުމެއް ދޭންޖެހޭ ބަޔަކީ އެ ރިސޯޓެއްގެ މެނޭޖްމަންޓެވެ.
އެގޮތުން ރިސޯޓުތަކުގައި ފަތުރުވެރިންނާއި ގާތުން މަސައްކަތްކުރާ މުވައްޒަފުންގެ ސިއްހީ ރައްކާތެރިކަން ކަށަވަރު ކުރުމަށް ރިސޯޓުތަކުގެ މެނޭޖްމަންޓުން ހާއްސަ އިސްކަމެއް ދިނުމަކީ މިފަދަ ވަގުތެއްގައި މުހިންމު ކަމެކެވެ.