ވިލިމާލެ އަދި ހުޅުމާލޭގެ ކުޑަކުދިންގެ ހިޔާގައި ތިބި ކުދިންގެ ތެރެއިން ށ. ފުނަދޫ "އަމާން ހިޔާ" އަށް ގެންގޮސް މިހާރު ކަރަންޓީނުގައި ތިބި ކުދިންނާ އެތަނަށް ވަޒީފާއަށް ދާ މުވައްޒަފުން ބައްދަލުވުމަށްފަހު ފަހު ރަށު ތެރޭގައި އުޅޭ މައްސަލަ ވަރަށް ބޮޑުވެފައިވާ ކަމަށް އެ ރަށު ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު ވިދާޅުވެއްޖެއެވެ.
އެކި ސަބަބުތަކާ ގުޅިގެން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުޑަކުދިން އިޖުތިމާއީ އަދި އާއިލީ ގުޅުމުގެ ތެރެއިން ބޮޑުވުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން ވިލިމާލެ ކުޑަކުދިންގެ ހިޔާއާއި ހުޅުމާލެ ފިޔަވަތީގައި ދިރިއުޅޭ 16 ކުއްޖަކު ށ.ފުނަދޫ "އަމާން ވެށި"އަށް ބަދަލުކުރީ މި މަހު ހަތް ވަނަ ދުވަހު އެވެ. އެ ކުދިންނާ އެކު އެކުދިން ބަލަހައްޓަން އެތަނަށް ދިޔަ މުވައްޒަފުން ވެސް ތިބީ ކަރަންޓީނުގައެވެ.
ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމް "ރާއްޖެ އެމްވީ" އަށް ވިދާޅުވީ އަމާން ވެށި އޮފީހުގައި އިދާރީ މަސައްކަތްތަކަށް ތިބި މުވައްޒަފަކުން ކަރަންޓީން ވާން ނުޖެހޭ ކަމަށެވެ. އަދި މާލެއިން އެތަނަށް ދިޔަ މުވައްޒަފުންނާއި ކުދިންގެ ކަރަންޓީން ސަރަހައްދު އެކުދިން އައުމުގެ ކުރިން ބަލާ ޗެކުކޮށްފައިވާ ކަމަށާއި ހުއްދަ ދިނީ ވެސް އުސޫލާ އެއްގޮތަށް ކަންކަން ހަމަޖައްސާފައި ކަމަށެވެ. ނަމަވެސް ކަން ހިނގަނީ އެގޮތަށް ނޫން ކަމަށާއި އެ ކުދިން ބޭރަށް ނިކުމެ އުޅޭ ކަމަށް ވިދާޅުވި އެވެ.
ކައުންސިލް އިން އަޅުގަނޑުމެންނަށް ބުނެވޭނީ. ތަންފީޒެއް ނުކުރެވޭނެ އަޅުގަނޑުމެންނަކަށް. އެ މައްސަލަ ބޮޑުވެގެން މިހާރު އެތައް ފަހަރަކު އެޗްޕީއޭ އަށް ގުޅާ އަންގައިފިން. ފުލުހުންނަށް އަންގައިފިން. ޖަވާބެއް ވެސް އަދި ނުލިބޭ އަޅުގަނޑުމެންނަކަށް.ފުނަދޫ ކައުންސިލްގެ ރައީސް އަހުމަދު އިބްރާހިމްފުޅު
ކައުންސިލަރު ވިދާޅުވީ އެ ކުދިން ބޭރު ތެރެއަށް ނިކުމެ ދޮރާށި ކައިރީގައި ކުޅެން ތިބޭ ގޭޓުގައި އަތްލާ މަންޒަރު ވެސް ފެނިފަައިވާ ކަމަށެވެ. އެކަންކަން ހައްލުކުރުމަށް ތަނުގައި މިވަގުތު ތިބި މުވައްޒަފުންނާއި ކުދިންނާ ހަވާލުވެ ތިބި ކެއާ ޓޭކަރުން ގާތު ވެސް ތަކުރާރުކޮށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ އެ ތަނުން އެންމެ ކުއްޖަކު ޕޮޒިޓިވް ވިޔަސް މުޅި ރަށުގައި ބަލި ފެތުރުމުގެ ބިރު ވަރަށް ބޮޑު ކަމަށް ވިދާޅުވިއެވެ.
ރަށުގައި މި މައްސަލަ ބޮޑުވެގެން ރަށުގެ އާންމުން ނިކުމެ އެ ސަރަހައްދުގައި ހޯމަ ދުވަހު އެއްވެސް މުޒާހަރާ ވެސް ކޮށްފައިވެއެވެ.
އޭނާ ވިދާޅުވީ އެ ކުދިންނާ އެކު ރަށަށް ދިޔަ ޖެންޑާ މިނިސްޓްރީގެ ޓީމް އަކީ ހާއްސަ ހުއްދައިގެ ދަށުން ރަށަށް ދިޔަ ޓީމެއް ކަމަށެވެ. އެ މީހުން ވެސް ރަށުގައި އުޅެން ވަކި އުސޫލެއް އޮންނަ އިރު އެ އުސޫލުތަކަށް ބޯލަނބާފައި ނުވާ ކަމަށާއި ޕިކްނިކް ދިއުމާ އެފަދަ ބޮޑެތި އެއްވުންތައް ވެސް ބާއްވާފައިވާ ކަމަށް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ ފުނަދޫ އަކީ އަތޮޅު ހޮސްޕިޓަލް ހުންނަ ރަށަށްވީ އިރު އެ ކޮވިޑް-19އާ ގުޅިގެން އެރަށަށް ވަރަށް ގިނަ މީހުން އައިސް އެކި ބޭނުންތަކަށް ރަށަށް އަރާފައިވާ ކަމަށެވެ. އަދި ރަށުގައި އެއާޕޯޓު ހުންނާތީ ވެސް މީހުން ރަށަށް އަރާ ކަމަށާއި، އެ ހުރިހާ ކަމެއް ވެސް ކައުންސިލުން ބަލަހައްޓަމުން އައީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެކަމަށް އާންމުންގެ އެއްބާރުލުން ވެސް ވަރަށް ބޮޑަށް ލިބިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.
ނަމަވެސް ސަރުކާރު އިސް ފަރާތްތަކުގެ ހަވާލުގައި ރަށަށް އަންނަ މީހުން އުސޫލަށް ތަބާނުވެ ރަށުގައި ބަލި ފެތުރުމުގެ ފުރުސަތު ފަހިވެގެން ދިޔުމަކީ ހިތާމަކުރައްވާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.