ކ. މާލެ
|
29 އޭޕްރިލް 2017 | ހޮނިހިރު 00:43
ނިއުގެ ކޯޗު ޓަވަރޭޒް
ނިއުގެ ކޯޗު ޓަވަރޭޒް
ރާއްޖެއެމްވީ
މާލޭ ލިގު
ގްރީން ސްޓްރީޓް އަތުން ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން: ޓަވަރޭޒް
މި ސީޒަނުގައި ސެންޓޭ ދައްކަންމުން އަންނަ ކުޅުމާމެދު ހިތްހަމަޖެހޭ
ނިއު އިން ދަނޑުމަތީގައި އެޓީމަކީ ބޮޑު ޓީމެއްކަން ދައްކަން ޖެހޭ

ގްރީން ސްޓްރީޓް އަތުން މެޗުގައި ތިން ޕޮއިންޓް ލިބޭނީ ބޮޑު ޓީމެއް ގޮތަށް މަސައްކަތްކޮށްގެން ކަމަށް ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބްގެ ކޯޗު ބެނާޑޯ ޓަވަރޭޒް ބުނެފި އެވެ.

 

މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޓަވަރޭޒް ބުނީ ގްރީން ސްޓްރީޓަކީ މޮޅު ޓީމެއް ކަން އޭނާ އަށް އެނގޭ ކަމަށާއި، އެޓީމަކީ ބޯޅަ ނެތި އެންމެ ރަނގަޅަށް ޕްރެސްކޮށްގެން ކުޅޭ ޓީމު ކަމަށެވެ. އެޓީމު ލީގުގައި ރަނގަޅު ނަތީޖާތަކެއް ހޯދިކަން ފާހަގަ ކުރަމުން ޓަވަރޭޒް ބުނީ މާޒިޔާ އަތުން އެޓީމު ބަލިވި ނަމަވެސް އެޓީމާ ދެކޮޅަށްވެސް ގްރީން ސްޓްރީޓް މޮޅު ކުޅުމެއް ދެއްކި ކަމަށެވެ.

 

ޓަވަރޭޒް ބުނީ ނިއު އަކީ ބޮޑު ޓީމެއްކަން ނޫސްވެރިންގެ ބައްދަލުވުންތަކުގައި އަދި ދަނޑުން ބޭރުގައި ދައްކައިގެން ބޮޑު ޓީމަކަށް ނުވާ ކަމަށާއި، ދަނޑުމަތީގައިވެސް ނިއު އަކީ ބޮޑު ޓީމެއްކަން ދައްކަން ޖެހޭ ކަމަށެވެ. އެގޮތުން ގްރީން ސްޓްރީޓް މެޗުގައި ނިއު އަކީ ބޮޑު ޓީމެއްކަން ދައްކާ ތިން ޕޮއިންޓް ހޯދަންޖެހޭ ކަމަށްވެސް އޭނާ ވަނީ ބުނެފައެވެ.

 

ސެންޓޭގެ ކުޅުމާ ބެހޭގޮތުން ޓަވަރޭޒް ބުނީ މިދިޔަ ސީޒަނުގައި ސެންޓޭ ތަރިއަކަށްވީ ނަމަވެސް މި ސީޒަނުގައި ސެންޓޭ ދައްކަންމުން އަންނަ ކުޅުމާމެދުވެސް އޭނާ ހިތްހަމަޖެހޭ ކަމަށެވެ. އެގޮތުން އޭނާ އެހެން ކުޅުންތެރިންނަށް ލަނޑު ޖެހުމަށް އެހީވެދީ ޓީމު މޮޅުކޮށްދިނުމަށް ބުރަ މަސައްކަތްކޮށްދޭކަމަށްވެސް އޭނާ ފާހަގަކުރި އެވެ.

 

ގަލާޑޯ އިންޖަރިއާ ބެހޭގޮތުން ވާހަކަދައްކަމުން ޓަވަރޭޒް ބުނި ގަލާޑޯ އަށް ކުޅެވޭނެކަމާ މެދު އޮތީ ފިފްޓީ ފިފްޓީގެ ފުރުސަތެއް ކަމަށާއި، ކިރިޔާވެސް ކުޅެވޭނަމަ އޭނާގެ ބޭނުންހިފާނެ ކަމަށެވެ. އެހެންނަމަވެސް ރިސްކެއް ނުނަގާނެ ކަމަށް ޓަވަރޭޒް ވަނީ ބުނެފައެވެ.

 

ނިއު އޮތީ ކުޅުނު ފަސް މެޗުން ލިބުނު 12 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ދެވަނައިގަ އެވެ. އެގޮތުން އެޓީމުން ގްރީން ސްޓްރީޓް ބަލިކޮށްފި ނަމަ ތާވަލުގެ އެއްވަނައަށް އެޓީމު އެރުމުގެ ފުރުސަތު އެބައޮތެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް