ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތު ފެންވަރަށް ރިއާޔަތްކޮށް ކޮންމެ 2 އަހަރަކުން ދެވޭ ސްޓެޕް އެލަވަންސް ދިނުމުގެ ހުއްދަ ފިނޭންސް މިނިސްޓްރީން ލިބިފައިނުވާ ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ވިދާޅުވެއްޖެއެވެ.
ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އާންމުކޮށްފައިވާ ސާކިއުލާއެއްގައި ބުނެފައި ވަނީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މަސައްކަތުގެ ފެންވަރު ވަޒަން ކުރެވި، އެ ނިޒާމުގެ ތެރެއިން %70 އަށްވުރެ މަތިން މާކްސް ހާސިލް ކުރައްވާ ފަރާތްތަކަށް 2009 ވަނަ އަހަރުން ފެށިގެން ކޮންމެ ދެ އަހަރަކުން ދެމުން ގެންދިޔަ -/200 (ދުއިސައްތަ ރުފިޔާ) ގެ މުސާރައިގެ އިންކްރިމެންޓް 2015 އަދި 2016 ވަނަ އަހަރުގެ މަސައްކަތުގެ ފެންވަރަށް ރިއާޔަތްކޮށް 2017 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 01 ވަނަ ދުވަހުން ފެށިގެން ހަމަޖެއްސިފައިވާއިރު، 2017 އަދި 2018 ވަނަ އަހަރުގެ މަސައްކަތު ފެންވަރަށް ރިޢާޔަތްކޮށް ދެންޖެހޭ މުސާރައިގެ އިންކްރިމެންޓް 01 އޮކްޓޯބަރު 2019 ގައި ހަމަޖެއްސުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފުރިހަމަކުރަންޖެހޭ އެންމެހާ އިދާރީ އިންތިޒާމްތައް ހަމަޖައްސާފައިވާ ކަމަށެވެ.
ނަމަވެސް އެލަވަންސް މުވައްޒަފުންނަށް ދޫކުރުމުގެ ކުރިން މިނިސްޓްރީ އޮފް ފިނޭންސްއިން ނަގަންޖެހޭ ހުއްދަ ހޯދުމަށް ހުށަހެޅުމުން ދައުލަތުގެ މުސާރަ އެއް ހަމަކުރުމަށް ޕޭ ރިވިއު ކޮމިޝަނުން މަސައްކަތް ކުރަމުން ގެންދަވާ ދަނޑިވަޅެއްގައި މުވައްޒަފުންގެ މުސާރައަށް އިތުރު ބަދަލެއް އަދި އެލަވަންސެއް ހަމަޖައްސައި ދިނުމަށް ދަތިވާކަން ފާހަގަކުރައްވައި އެ ހުއްދަ ދެއްވާފައި ނުވާކަމަށް ޑީޖޭއޭއިން ވިދާޅުވިއެވެ.
ފިނޭންސް މިނިސްޓްރީން ހުއްދަ ދީފައި ނުވާތީ ޝަރުޢީ ދާއިރާގެ އެއްވެސް މުވައްޒަފަކަށް ސްޓެޕް އެލަވަންސް ހަމަޖެއްސިފައި ނުވާކަމަށާއި ނަމަވެސް މިއެލަވަންސް ހަމަޖެއްސުމަށް ކުރަންޖެހޭ މަސައްކަތް ކަމާ ގުޅުންހުރި އިދާރާތަކާއި މަޝްވަރާކޮށް ހަމަޖެއްސުމުގެ މަސައްކަތް ޑީޖޭއޭއިން ކުރަމުން ގެންދާކަމަށް ވެސް އެ ސާކިއުލާގައި ބުނެފައިވެއެވެ.