އދ. ހަންޏާމީދޫ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 15 އިންސައްތަ ނިމިފައިވާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓިސީސީ)ން ބުނެފިއެވެ.
އެ ކުންފުނިން ބުނީ މި މަޝްރޫޢުގެ ދަށުން، މިހާރު ހަދާފައިހުރި ނެރު ފުންކުރުމުގެ މަސައްކަތް ނިމިފައި ވާކަމަށާއި އަދި މިހާރު ކުރިއަށްދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމަށެވެ.
މި މަޝްރޫޢުގެ ދަށުން، 6،363.1 ކިއުބިކް މީޓަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 204 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށި ލުމާއި، 160 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމެންޓް ޖެހުމަށް ވަނީ ނިންމާފައެވެ.
އަދި 266 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 1،330 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމެންޓް ހެދުމާއި އަދި މަގުބައްތި ހަރުކުރުން ހިމެނޭ ކަމަށް އެމްޓީސީސީން ބުންޏެވެ.
މި މަޝްރޫޢަކީ 32.2 މިލިއަން ރުފިޔާގެ މަޝްރޫޢެއް ކަމަށްވާއިރު، މި މަޝްރޫޢުގައި ސޮއިކޮށްފައިވަނީ 29 ޑިސެމްބަރ 2019 ގައެވެ.