މިނިވަން ޗެމްޕިއަންޝިޕް ފުޓުބޯޅަ މުބާރާތުގެ ޒޯން ތިނެއްގެ ޗެމްޕިއަންކަން ވިދިވިދިގެން ތިންވަނަ ފަހަރަށް ހޯދުމާއެކު މިއަހަރުވެސް އޭދަފުށީ ޓީމަށް އެރަށުން ރަތް ދޫލައިގެ މަރުހަބާއެއް ކިޔައިފިއެވެ.
ޖުމްލަ ތިން ޓީމު ވާދަކުރި ޒޯން ތިނެއްގެ ޗެމްޕިއަންކަން އޭދަފުށިން ހޯދީ ބުރާސްފަތި ދުވަހު ހަވީރު ކުޅުނު ފައިނަލް މެޗުގައި ޅ. އޮޅުވެލިފުއްޓާއި ވާދަކޮށް 1-3 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.
އޭދަފުށީ ޓީމުގެ ކުޅުންތެރިން މެޗު ނިންމާފައި އެނބުރި ރަށަށް އައުމުން ރަށުގެ ކުދި ބޮޑު އެންމެން ވަނީ އެރަށު ރަސްމީ ފާލަން ދޮށަށް އެއްވެ ޓީމަށް ހޫނު މަރުހަބާއެއް ކިޔައިފައެވެ. އެގޮތުން މާބޮނޑިތަކާއެކު ކިޔަމުންދިޔަ ހޫނު މަރުހަބާއާއެކު މުޅި ސަރަހައްދު އޮތީ ސަޕޯޓަރުންގެ އަޑާއި އެޓީމަށް ހާއްސަކޮށްފައިވާ ލަވައިގެ އަޑާއެކު ގުގުމާލާފައެވެ. މީގެ އިތުރުން ޓީމުގެ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ ޝަރަފުގައި ރައްޔިތުން ވަނީ ޓީމަށް ރޭގަނޑުގެ ފަރިއްކޮޅެއްވެސް ހަދިޔާކޮށްފައެވެ.
އޮޅުވެލިފުށީ ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، ފުރަތަމަ ހާފުގެ 17 ވަނަ މިނެޓުގައި އޭދަފުށިން ވަނީ ލަނޑެއްޖަހާ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޓީމުގެ ކެޕްޓަން އަދި ރިޓަޔާ ކުރުމަށްފަހު އަލުން ކުޅުމުގެ ތެރެއަށް އެނބުރި އައި އަބްދުލް މަޖީދު އިބްރާހިމް (މަޖިއްޓެ) އެވެ.
މިލަނޑަށްފަހު ވެސް އޭދަފުށީގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އެޓީމުގެ އިޝާން އިބްރާހިމް (ސައްޓު) ވަނީ 27 ވަނަ މިނެޓުގައި އިތުރު ލަނޑެއްޖަހައި އަމިއްލަ ފަސްގަނޑުގައި ކުޅެމުންދިޔަ އޮޅުވެލިފުށީގެ ޓީމު ސިއްސުވާލާފައެވެ.
މިނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން އޮޅުވެލިފުށިން މޮޅު ކުޅުމަކާއެކު 69 ވަނަ މިނެޓުގައި ލަނޑެއްޖަހާ ފަރަގު ކުޑަކުރިއެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހަސަން ޒަރީރެވެ.
އޮޅުވެލިފުއްޓަށް އިތުރު ހާސްކަމާއި ކުރިމަތިލާން ޖެހުނީ އެޓީމަށް ލިބުނު ޕެނަލްޓީއެއް ބޭކާރުވެ އޭގެ މިނެޓް ކޮޅެއް ފަހުން އޭދަފުށިން ގޯލެއް ޖަހާ ނަތީޖާ ފުޅާ ކުރުމުންނެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދީ އިޝާން އިބްރާހިމް (ސައްޓު) އެވެ.
މި ނަތީޖާއާ އެކު އޭދަފުއްޓަށް މި ވަނީ މިނިވަން ޗެމްޕިއަންޝިޕުގެ ފައިނަލް ބުރުން ފުރުސަތު ލިބިފަ އެވެ. ފައިނަލް ބުރުގައި ވާދަކުރާނީ އަށް ޒޯނުގެ އަށް ޗެމްޕިއަނުންނެވެ. އެ ބުރުގެ ގަދަ ހަތަރު ޓީމަށް ދިވެހި ޕްރިމިއާ ލީގުން ފުރުސަތު ލިބޭނެ އެވެ. ފައިނަލް ބުރުގެ މެޗުތައް ކުޅޭނީ މާލޭގަ އެވެ.