ރާއްޖޭގެ ކުރީގެ މަޝްހޫރު ކްރިކެޓް ކުޅުންތެރިން ހިމެނޭ ޓީމެއް މެޗުތަކެއް ކުޅުމަށް ފުވައްމުލަކަށް ފުރައިފި އެވެ.
ޖުމްލަ 29 ކުޅުންތެރިން ހިމެނޭ މި ޓީމު ބުރާސްފަތި ދުވަހު ފުވައްމުލަކަށް ފުރާފައިވާއިރު، އެ ކުޅުންތެރިން ބުނީ މި މެޗުތައް ފުވައްމުލަކުގައި ކުޅެން ނިންމީ އެ ރަށަކީ ފުޅާ ދާއިރާއެއްގައި ކްރިކެޓްގެ ހަރަކާތްތައް ކުރިޔަށް ގެންދާ ރަށަކަށްވާތީ ކަމަށެވެ.
ކުރީގެ ކުޅުންތެރިން ކުޅުމަށް ހަމަޖެހިފައިވާ މެޗުތަކާ ބެހޭގޮތުން ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ރައީސް މުހައްމަދު އަފްލާހު ވިދާޅުވީ، ކްރިކެޓް އާއިލާއަކީ އެއްކޮށް އުޅޭ ބޮޑު އާއިލާއެއް ކަމަށާއި، 10 އަހަރާއި 15 އަހަރު ގައުމީ ޓީމަށް އެއްކޮށް ކުޅުނު ކުޅުންތެރިންވެސް މި ކުޅުންތެރިން ތެރޭގައި ހިމެނޭ ކަމަށެވެ.
ފުވައްމުލަކަށް މި ޓީމު ކުރަމުންދާ ދަތުރުގައި ޖުމްލަ ތިން މެޗު ކުޅުމަށް ނިންމާފައި ވާއިރު، ފުރަތަމަ މެޗުގައި ބައްދަލުކުރާނީ މާލެއިން އެ ރަށަށްދާ ޓީމަކާއި، ފުވައްމުލަކުގައި ކްރިކެޓް ފަރިތަކުރަމުންދާ ޓީމުގެ ތެރެއިން ހޮވާލެވޭ ޓީމެއް ކަމަށާއި، ދެވަނަ މެޗުގައި ބައްދަލުކުރާނީ 40 އަހަރުން މަތީގެ ކުރީގެ ކުރިކެޓް ކުޅުންތެރިންގެ މައްޗަށް އެކުލާލެވޭ ޓީމެއް ކަމަށެވެ.
މި ޓީމުގައި 35 އަހަރުން ފެށިގެން 50 އަހަރުގެ ކްރިކެޓް ކުޅުންތެރިން ހިމެނޭއިރު، 1900 ގެ އަހަރުތަކުގައި ކްރިކެޓް ކުޅުނު ކުޅުންތެރިންވެސް ހިމެނެއެވެ. މި ޓީމު މެޗުތައް ކުޅުމަށްފަހު އެނބުރި މާލެ އަންނާނީ 29 ވަނަ ދުވަހު އެވެ.