ފަހަތުން އަރާ ދެ ލަނޑުޖަހައި 2-3 ގެ ނަތީޖާއަކުން ބަޔާން މިއުނިކް ބަލިކުރުމަށްފަހު، ޖަރުމަނު ކަޕްގެ ފައިނަލަށް ބްރޫޝިއާ ޑޯޓްމަންޑް ދަތުރުކޮށްފިއެވެ.
ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގެ ފުރަތަމަ ގޯލްޖަހާ ލީޑު ނެގީ ޑޯޓްމަންޑުންނެވެ. މި ގޯލު 19 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މާކޯ ރޮއިސްއެވެ.
މި ގޯލަށްފަހު ބަޔާންއިން ދިޔައީ، ޑޯޓްމަންޑްގެ ގޯލަށް ކައިރިކައިރީގައި ނުރައްކާ ކުރަމުންނެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 28 ވަނަ މިނެޓްގައި ހަވީ މާޓިނޭޒް ވަނީ ބަޔާންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ.
މި ނަތީޖާއާއެކު ދެޓީމުން ވެސް ލަނޑު ޖެހުމަށް ބުރަކޮށް މަސައްކަތްކުރި އިރު ބަޔާނުން ވަނީ 41 ވަނަ މިނެޓްގައި މެޓްސް ހުމެލްސް ކާމިޔާބުކޮށްދިން ލަނޑުން ލީޑު ނަގާފައެވެ.
މެޗުގެ ފުރަތަމަ ހާފް ނިމުމުގެ ކުރިން ރޮބަޓް ލެވެންޑޯސްކީއަށް ވަނީ، ބަޔާންގެ ލީޑު ފުޅާކޮށްލަން މުޅިން ހުސް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.
ބަޔާން ލީޑުގައި އޮވެ ފުރަތަމަ ހާފް ނިމުނުއިރު، ދެވަނަ ހާފްގެ 69 ވަނަ މިނެޓްގައި ޑޯޓްމަންޑުން ވަނީ ނަތީޖާ ހަމަހަމަކޮށްފަ އެވެ. މި ގޯލު ކާމިޔާބުކޮށްދިނީ އިތުބާރު ފޯވާޑް ޕިއެރޭ އެމްރިކް އޯބަމަޔަންއެވެ.
އަދި މި މެޗުން ޑޯޓްމަންޑް މޮޅުކޮށްދިން ލަނޑު 74 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ޒުވާން ފޯވާޑް ޑެމްބެލޭއެވެ. ނަތީޖާ އެއްވަރުކުރުމަށް، މެޗުގެ ފަހު ވަގުތުކޮޅުތެރޭ، ބަޔާންއިން މަސައްކަތްކުރި ނަމަވެސް، އެޓީމަށް ވަނީ އިތުރު ގޯލެއް ކާމިޔާބުކުރެވޭ ގޮތް ނުވެފައެވެ.
މިއީ ޖަރުމަނު ކަޕްގެ ފައިނަލަށް ޑޯޓްމަންޑް ޖެހިޖެހިގެން ދަތުރުކުރި ހަތަރުވަނަ ފަހަރެވެ. ފައިނަލްގައި ޑޯޓްމަންޑް ބައްދަލުކުރާނީ ފްރެންކްފާޓްއާއެވެ.