އަންނަ އަހަރު ރަޝިއާގައި ބޭއްވުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕްގައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރާނެ ކަމަށް ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ ފީފާއިން ހާމަކޮށްފިއެވެ.
ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ވިދާޅުވީ އަންނަ އަހަރުގެ ވޯލްޑް ކަޕްގެ ކޮލިޓީ ރަނގަޅުކުރުމަށްޓަކައި ވީޑިއޯ ޓެކްނޮލޮޖީ ބޭނުން ކުރުމަށް ނިންމާފައިވާ ކަމަށާއި އެގޮތުން މިހާރު ކޮށްފައިވާ ތަހުލީލުތަކުން ރަނގަޅު ނަތީޖާތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ.
މިގޮތަށް ކަންތައް ވެއްޖެ ނަމަ އަންނަ އަހަރުގެ ވޯލްޑް ކަޕް ވެގެންދާނީ، ވީޑިއޯ ޓެކްނޮލޮޖީ ބޭނުންކުރާނެ ފުރަތަމަ ވޯލްޑް ކަޕަށެވެ.
މި ޓެކްނޮލޮޖީ ބައެއް ލީގުތަކުގައި ޓެސްޓު ކޮށްފައިވާއިރު އަންނަ ސީޒަނުން ފެށިގެން ބައެއް ލީގުތަކާއި އަދި ކަޕް މުބާރާތްތަކުގައި މި ޓެކްނޮލޮޖީ ބޭނުންކުރަން ދަނީ ވިސްނަމުންނެވެ.
ވީޑިއޯ ޓެކްނޮލޮޖީގެ އެހީ ހަމައެކަނި ބޭނުންކުރާނީ އޮފްސައިޑް ނިންމުން ތަކަށާއި އޮޅިގެން ނުބައި ކުޅުންތެރިއަކަށް ކާޑު ދެއްކުމުގެ އިތުރުން ރަތްކާޑު ތަކަށާއި ޕެނަލްޓީތަކަށެވެ.
ވީޑިއޯ ޓެކްނޮލޮޖީ އެންމެ ފުރަތަމަ ބޭނުން ކޮށްފައި ވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ސްޕެއިން އާއި އިޓަލީ ބައްދަލުކުރި އެކުވެރިކަމުގެ މެޗުގައެވެ. އެއަށް ފަހު އެންމެ ފަހުން ބޭއްވި ފީފާ ކްލަބް ވޯލްޑް ކަޕްގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްފައި ވެއެވެ.
މީގެ އިތުރުން މިދިޔަ މަހުގެ ފަހުކޮޅު ފްރާންސް އާއި ސްޕެއިން ބައްދަލުކުރި މެޗުގައި ވެސް މި ޓެކްނޮލޮޖީ ބޭނުންކޮށްފައި ވެއެވެ.