ކ. މާލެ
|
27 ޑިސެންބަރ 2020 | އާދީއްތަ 14:13
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި
ރާއްޖެ އައި ފަތުރުވެރިންތަކެއް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓްގައި
މޯލްޑިވްސް އިންސައިޑަރ
ވީއައިއޭގެ އުދުހުންތައް
ބޯޑަރު ހުޅުވާލި ފަހުން އެތެރޭގެ އުދުހުން އެންމެ ގިނައީ 26 ޑިސެމްބަރުގައި
ޑޮމެސްޓިކް ފްލައިޓްތަކުން 1064 މީހުން މާލެ އައިސްފައިވޭ
ހޮނިހިރު ދުވަހަކީ އެންމެ ގިނަ އަދަދަކަށް ޖެޓްވެސް އޮޕަރޭޓް ކުރި ދުވަސް

ހޮނިހިރު ދުވަހަކީ ރާއްޖޭގެ ބޯޑަރު އަލުން ހުޅުވާލިފަހުން, އެތެރޭގެ އުދުހުންތައް އެންމެ ގިނަ ދުވަސްކަމަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީއައިއޭ)ގެ ޓަރމިނަލް އޮޕަރޭޝަންސް މެނޭޖަރ އިބްރާހިމް ހުސެން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ 'ފަށާއިރު' ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިބްރާހިމް ހުސެން ވިދާޅުވީ ހޮނިހިރު ދުވަހު އެތެރޭގެ އުދުހުން ޖުމްލަ 37ށް އަރާފައިވާކަމަށެވެ. އެއީ މޯލްޑިވިއަނުން 23، ފްލައިމީން 8 އަދި މަންތާން 6 ދަތުރެއެވެ. މީގެ ކުރިން އެންމެ ގިނަ އަދަދަކަށް އެތެރޭގެ އުދުހުންތައް ހިނގާފައިވަނީ ޑިސެމްބަރު 20ގައެވެ. އެއީ 34 މޫވްމެންޓެވެ.

ޑޮމެސްޓިކް ފްލައިޓްތަކުން 1064 މީހުން މާލެ އައިސްފައިވާއިރު، 1149 މީހަކު ވަނީ މާލެއިން ފުރާފައެވެ.

އިންޓަރނޭޝަނަލް ދަތުރުތަކަށް ބަލާއިރު 23 ފްލައިޓަކުން 48 މޫވްމަންޓެއް އޮޕްރޭޓް ކުރެވިފައިވާކަމަށް ވިދާޅުވެ، އިބްރާހިމް ވިދާޅުވީ ޖުމްލަ 4،997 ފަސިންޖަރުން ރާއްޖެ އައިސްފައިވާ ކަމަށެވެ. އަދި ރާއްޖެ ދޫކޮށް 3،569 މީހަކު ގޮސްފައިވާކަމަށްވެސް އިބްރާހިމް ވިދާޅުވިއެވެ.

މީގެ އިތުރުން އިބްރާހިމް ހުސެން ވިދާޅުވީ ހޮނިހިރު ދުވަހަކީ އެންމެ ގިނަ އަދަދަކަށް ޖެޓްވެސް އޮޕަރޭޓް ކުރި ދުވަސް ކަމަށެވެ. ޖެޓްތަކުގެ އިތުރުން ހަތަރު ކާގޯ ފްލައިޓެއްވެސް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ވަނީ އޮޕަރޭޓްކޮށްފައެވެ.

ކޮވިޑް-19 އާއި އެކު ރާއްޖޭގެ މައި އެއަރޕޯޓަށް ފަޅުކަމެއް އައި ނަމަވެސް މިހާރު އެއަރޕޯޓްގެ ހަރަކާތްތައް ދަނީ މަޑު މަޑުން އިތުރުވަމުންނެވެ. އަދި ކުރިއަށް އޮތްތާގައި އެއަރޕޯޓަށް ކުރާ ދަތުރުތަށް އިތުރުވެގެންދާނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެ އެވެ.

- ކޮމެންޓް