ރައީސުލްޖުމްހޫރިއްޔާ ބޭނުންފުޅުވާނެހެން އަވަހަށް މަސައްކަތް ނިންމުމަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ)ގެ އަމާޒު ކަމަށް އެކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
އާޒިމް މިހެން ވިދާޅުވީ މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން ތިނަދޫ ސަރަހައްދީ ބަނދަރު ހެދުމުގެ ޕްރޮޖެކްޓް އެމްޓީސީސީ އާއި ހަވާލުކުރުމަށް ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
އާޒިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހަކީ ރައްޔިތުންނަށް ވީހާވެސް އަވަހަށް ތަރައްގީ ގެނަސްދިނުމަށް ބޭނުންފުޅުވާ ބޭފުޅެއް ކަމަށާއި، އެމްޓީސީސީއިން މިހާރު މަސައްކަތް ކުރަމުން އަންނަނީ ރައީސް ބޭނުންފުޅުވާނެހެން ރައްޔިތުންނާއި ހަމައަށް އަވަހަށް ތަރައްގީގެ މަޝްރޫއުތައް ނިންމާ ހިދުމަތް ލިބޭނެހެން ހެދުމަށް ކަމަށެވެ.
އާޒިމް އިތުރަށް ވިދާޅުވީ ތިނަދޫގެ ސަރަހައްދީ ބަނދަރުގެ މަސައްކަތް ކުރިޔަށް އޮތް 45 ދުވަސްތެރޭގައި ނިންމާނެ ކަމުގެ ޔަގީންކަން ތިނަދޫ ރައްޔިތުންނާއި އެމްޕީއެލްއަށް ދެއްވާ ކަމަށާއި، އެމްޓީސީސީއިން މަސައްކަތް ކުރަން ފަށަނީ އެމަސައްކަތެއް ކުރުމަށް ބޭނުންވާ ހުރިހާ ތަކެއްޗާއި އެކުގައި ކަމަށެވެ. އަދި އެމްޓީސީސީ އާއި ހަވާލުކުރެވޭ މަސައްކަތް ދީފައިވާ މުއްދަތު ތެރޭގައި ނިންމަމުން ގެންދަނީ އެ ކުންފުނީގެ ހީވާގި މުވައްޒަފުންގެ ކުޅަދާނަ ކަމުން ކަމަށް އާޒިމް ވިދާޅުވިއެވެ.
ދެ ފިޔަވައްސަކަށް ބަހާލައިގެން ކުރިއަށް ގެންދާ މި މަޝްރޫއުގެ ދަށުން އަންގާރަ ދުވަހު ސޮއިކޮށްފައިވަނީ ފުރަތަމަ ފިޔަވަހީގެ ބައެއް މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.
އޭގެ ތެރޭގައި 4500 ކިއުބިކް މީޓަރުގެ ފުންކުރުމާއި 3000 އަކަމީޓަރުގެ ކޮންކުރީޓް އެޅުމާއި ބިން ވަށައިގެން ފެންސު ޖެހުމާއި ސެކިއުރިޓީ ގޭޓް ހެދުން އަދި ފެން ހިންދާ ނިޒާމު ގާއިމްކުރުމުގެ މަސައްކަތް ހިމެނެއެވެ. މި މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 45 ދުވަސް ތެރޭގައި ނިންމާ ގޮތަށް، 15 މިލިއަން ރުފިޔާއަށެވެ.