ކ. މާލެ
|
23 ޑިސެންބަރ 2020 | ބުދަ 07:25
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގެ ތެރެއިން
ރާއްޖެއެމްވީ
ޕާކިންގެ މައްސަލަ
މާލެ ސިޓީގައި ވެހިކަލް ޕާކު ކުރުމަށް ޖާގަ އެބައޮތް، ފިޔަވަޅު އަޅަނީ ގަވާއިދާ ހިލާފުވާތީވެ: ފުލުހުން
ޕާކިންގެ މައްސަލަ ހުޅުމާލެއަށް ވެސް މިހާރު ދަނީ ކުރިމަތިވަމުން
ޕާކިން ޒޯންތަކުގައި ޕާކު ކުރުމަށް އަހުލުވެރިވާން ޖެހޭ
މަގުމައްޗަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭ

މާލެ ސިޓީގައި ވެހިކަލް ޕާކު ކުރުމަށް ޖާގަ އެބައޮތް ކަމަށާއި، ގަވާއިދާ އެއްގޮތަށް ޕާކް ކުރާނަމަ މައްސަލަ ހައްލުވާނެ ކަމަށް ފުލުހުން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު ވިދާޅުވީ ޕާކިން މައްސަލައަކީ މާލެއަށް ދިމާވެފައިވާ އެންމެ ބޮޑު އެއްމައްސަލަ ކަމަށާއި، މިހާރު ހުޅުމާލެއަށް ވެސް އެމައްސަލަ ދިމާވަމުންދާ ކަމަށެވެ.

ތަލްހަތު ވިދާޅުވީ ޕާކިންގެ މައްސަލަ ހައްލުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި، މިއަހަރުގެ މިހާތަނަށް މާލޭގައި އެކަނި ވެސް ގާތްގަނޑަކަށް 22 ޕާކިން ޒޯން ހެދިފައިވާ ކަމަށެވެ. މާލޭގައި ވެހިކަލް ޕާކުކުރާނެ ޖާގަ އެބައޮތް ކަަމަށާއި، އަހުލުވެރިވާންވީ ޕާކިން ޒޯންތަކުގައި ޕާކު ކުރުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ޕާކިން ޒޯންތަކުގައި ޕާކް ކުރުމަށް އާއްމުން އަހުލުވެރިކުރުމުގެ ޕްރޮގްރާމްތައް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

އެއްގަމު ދަތުރުފަތުގެ ގާނޫނާއި އެގާނޫނަށް އަލަށް ގެނެސްފައިވާ އިސްލާހުތަކާއި ބެހޭ ގޮތުން ތަލްހަތު ވިދާޅުވީ މިގާނޫނުން ލިބުނީ އިތުރު ލުއި ފަސޭހަތަކެއް ކަމަށެވެ.

މިއަށް އޮތް އެންމެ ކުރު ޖަވާބަކީ ވެހިކަލް ލިމިޓެއް، މިކަހަލަ ކޮންމެވެސް ލިމިޓެއް އެބަ އަންނަން ޖެހޭ. އެކަމަކު ގާނޫނުން ޕާކިންއަށް އައިސްފައި އޮތީ ލުޔެއް. އޭގެ މާނައަކީ އޭގައި އެބަހުއްޓޭ އެގާނޫނުން މިއަންނަ ކަންތައްތަކަށްވުރެ އިތުރުން އަދި އަހަރުމެން އެހެން ވިއު އަކުން ވިސްނައިގެން ރަނގަޅުކުރަން ހުރި ބައެއް ކަހަލަ ކަންތައް. ރައީސުލްޖުމްހޫރިއްޔާގެ ނައިބާއި ހިސާބުން ޕާކިންއަށް ހައްލު ހޯދުމުގެ މަސައްކަތް ސަރުކާރުން ފަށާފައިވަނީ. ޕާކިންގެ މައްސަލައަށް މިދަނީ ވަރަށް ބޮޑު ހައްލެއް ހޯދަދިނުމުގެ މަސައްކަތް ކުރެވެމުން.
ޕޮލިސް ޗީފް ސްޓޭޝަން އިންސްޕެކްޓަރ ތަލްހަތު އަހުމަދު

ތަލްހަތު ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކު ކުރާ ވެހިކަލްތައް ޓޯ ކުރުމުގެ އިތުރުން ވެސް ފިޔަވަޅު އެޅުމަށް ބަލާ މިންގަނޑުތަކެއް އަދި ކަންތައްތަކެއް ހުންނާނެ ކަމަށެވެ.

އެގޮތުން ގޯޅިތަކުގެ ކަންމަތީގައި ޕާކުރުމާއި، ސްކޫލާއި، މިސްކިތް އަދި އާންމުން ޚިދުމަތް ހޯދުމަށް ދާ ތަންތަނުގެ ގޭޓް ކުރިމަތީގައި ޕާކު ކުރުމާއި، ޒިބްރާ ކްރޮސް މަތީގައި ޕާކު ކުރުމާއި، ކޯނު ނުވަތަ ޕާކު ނުކުރެވޭނެ ކަމުގެ ނިޝާން ހުންނަ ތަންތަނުގައި ޕާކު ކުރާނަމަ ފިޔަވަޅު އަޅާނެ ކަމަށް ތަލްހަތު ވިދާޅުވިއެވެ. އަދި ވިދާޅުވީ މިފަދަ ތަންތަނުގައި ޕާކު ކުރުމުން އެކަމުގެ ސަބަބުން ވަރަށް ގިނަ ބަޔަކަށް ދަތި އުދަނގޫތައް ކުރިމަތިވެ ނުރައްކާތެރި ހާދިސާތައް ވެސް ހިނގާފައިވާ ކަމަށެވެ.

މަގުމައްޗަކީ އެންމެނަށް ރައްކާތެރި ތަނަކަށް ހެދުމަށް މަސައްކަތް ކުރަންޖެހޭކަން ފާހަގަކުރައްވައި ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނައީމް ވިދާޅުވީ ކޮވިޑް-19ގެ ޕެންޑަމިކްގައި މުޅި މާލެ ސިޓީ ފުލް ލޮކްޑައުންއަކަށް ދިއުމާއި ގުޅިގެން އެދުވަސްވަރު ހުރިހާ ވެހިކަލްތަކެއް ޕާކު ކޮށްފައި ހުރީ ގަވާއިދާ އެއްގޮތަށް ކަމަށެވެ. އަދި އެދުވަސްވަރު މާލެ މަގުމަތިން ހުސް ޖާގަތައް ވެސް ފެނިގެންދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ.

ހުރިހާ އެންމެނަށް ވެސް ފަސޭހަވާ ގޮތަށް އެބަ ޖެހޭ ވިސްނަން. ދުއްވާ ފަރާތްތަކުން ވެސް. އެފަރާތަށް އުދަނގޫނުވާތީ ދެން އަންނަ ފަރާތަށް އުދަނގޫނުވާތީ ދެން މައްސަލައެއް ނެތް ކަމަށް ވިސްނުން މިހުންނަނީ. ޕާކު ކުރަން ސްޕޭސް އެބައޮތް. ރަނގަޅަށް ކުރަން ވެއްޖެއްޔާ.
ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް މުހައްމަދު ނައީމް

ނައީމް ވިދާޅުވީ ގަވާއިދާ އެއްގޮތަށް ހުރިހާ ރައްޔިތުން ވެސް އަމަލުކުރާ ނަމަ މިމައްސަލަ ކުރިމަތިނުވެ މަގުމައްޗަކީ އެންމެނަށް ވެސް ރައްކާތެރި އަމާންތަނަކަށް ވެގެންދާނެ ކަމަށެވެ.

- ކޮމެންޓް