ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 13:23
އާސެނަލް އިން އުފާފާޅުކުރަނީ
އާސެނަލް އިން އުފާފާޅުކުރަނީ
ގެޓީ އިމޭޖަސް
ޕްރިމިއާ ލީގު
ޕްރިމިއާ ލީގު: ޓޮޓެންހަމް ފަރަގު ކުޑަކުރިއިރު، އާސެނަލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފި
ޓޮޓެންހަމް އޮތީ ލިބުނު 78 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައި
އާސެނަލް އޮތީ ލިބުނު 60 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައި

ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސް ފަރަގު ކުޑަކުރިއިރު، އާސެނަލް ގަދަ ހަތަރެއްގެ އުންމީދު އާކޮށްފިއެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން ޓޮޓެންހަމް މޮޅުވީ ކްރިސްޓަލް ޕެލެސްއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

ކްރިސްޓަލް ޕެލެސް ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ބޯޅަ ކޮންޓްރޯލްކޮށްގެން ރަނގަޅަށް ކުޅުނީ އެޓީމުންނެވެ. އެގޮތުން އެޓީމުން ވަނީ ޓޮޓެންހަމްގެ ހާފަށް ބާރުބޮޑުކޮށް ލަނޑު ޖެހުމަށް ފުރުސަތުތަކެއް ތަނަވަސްކޮށްފައެވެ.

އެހެންނަމަވެސް ފުރަތަމަ ހާފްގައި ޓޮޓެންހަމަށް ކްރިސްޓަލް ޕެލެސްގެ ގޯލަށް ނުރައްކާކޮށް މާ ރަނގަޅު ހަމަލާއެއް އުފެއްދިފައެއް ނުވެއެވެ. ފުރަތަމަ ހާފް ނިމުނީ 0-0 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޓޮޓެންހަމް އިން އެޓީމުގެ ކުޅުން ރަނގަޅު ކުރިއިރު، ލަނޑު ޖަހަން ހުސް ގިނަ ފުރުސަތުވެސް އެޓީމުން ވަނީ ހޯދާފައެވެ. އެގޮތުން ޑެލެއަލީ އަދި ވޯކާއަށް ލިބުނު ފުރުސަތުތައް ހިމެނެއެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު 78 ވަނަ މިނެޓުގައި ޓޮޓެންހަމަށް ކާމިޔާބުކޮށްދިނީ ކްރިސްޓިއަން އެރިކްސަނެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ހެރީ ކޭންގެ އެހީތެރިކަމާއެކުގައެވެ.

މި ލަނޑަށްފަހުވެސް ޓޮޓެންހަމަށް ވަނީ ލީޑު ފުޅާކުރުމަށް ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެހެންނަމަވެސް މެޗު ނިމިގެންދިޔައީ އެއް ލަނޑުގެ ތަފާތުން ޓޮޓެންހަމް މޮޅުވެގެންނެވެ.

މި ނަތީޖާއާއެކު ޓޮޓެންހަމް އޮތީ ކުޅުނު 33 މެޗުން ލިބުނު 78 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގައެވެ. މި މެޗުން ބަލިވި ކްރިސްޓަލް ޕެލެސް އޮތީ ކުޅުނު 34 މެޗުން ލިބުނު 38 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 12 ވަނައިގައެވެ.

ބުދަ ދުވަހުގެ ރޭ ކުޅުނު މެޗުން އާސެނަލް މޮޅުވީ ޗެމްޕިއަން ލެސްޓާ ސިޓީއާ ވާދަކޮށް 0-1 ގެ ނަތީޖާއަކުންނެވެ.

އާސެނަލް ދަނޑުގައި ކުޅުނު މި މެޗުގައި ދެޓީމުގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖަހަން ރަނގަޅު ފުރުސަތު ލިބިފައިވަނީ އާސެނަލްއަށެވެ.

އެގޮތުން މެސުތު އޮޒިލް އަދި ތިއޯ ވޮލްކަޓަށް ވަނީ ލީޑު ނެގުމަށް ހުސް ގިނަ ފުރުސަތު ލިބި ބޭކާރުވެފައެވެ. މީގެއިތުރުން އެލެކްސަސް ސަންޗޭޒަށްވެސް ވަނީ ލަނޑު ޖެހުމަށް ފުރަތަމަ ހާފްގައި ހުސް ދެތިން ފުރުސަތު ލިބިފައެވެ.

ދެވަނަ ހާފް ފެށިގެން އާސެނަލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންގޮސްފައިވާއިރު، ލަނޑު ޖެހުމަށް މި ހާފްގައިވެސް ހުސް އެތައް ފުރުސަތު އެޓީމަށް ވަނީ ލިބި ބޭކާރުވެފައެވެ.

އާސެނަލް އިން މެޗުގެ ލީޑު ނެގީ 86 ވަނަ މިނެޓުގައެވެ. މި ލަނޑަކީ ލެސްޓާގެ ރޮބާޓް ހޫތު އަތުން ބައިކޮޅަށް ވަތް ލަނޑެކެވެ. މި ނަތީޖާއާއެކު އާސެނަލް އޮތީ ކުޅުނު 32 މެޗުން ލިބުނު 60 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ހަވަނައިގައެވެ. މެޗުން ބަލިވި ލެސްޓާ އޮތީ ކުޅުނު 33 މެޗުން ލިބުނު 37 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ 15 ވަނައިގައެވެ.

 

- ކޮމެންޓް