ވާދަވެރި ބާސެލޯނާ އާއި ރެއާލް މެޑްރިޑް ކުޅުނު އެލް ކްލެސިކޯ މެޗަށްފަހު ސްޕެނިޝް ލީގުގައި މި ދެޓީމު ކުޅުނު މެޗުތަކުން ބޮޑު މޮޅެއް ހޯދައިފިއެވެ.
ބުދަ ދުވަހުގެރޭ ކުޅުނު މެޗުގައި ބާސެލޯނާ ކުރި ހޯދީ އޮސަސޫނާއާ ވާދަކޮށް 1-7 ލަނޑުގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ބާސާގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި އެޓީމުގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މެޗުގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިނީ ލިއޮނަލް މެސީއެވެ. މިލަނޑު މެސީ ކާމިޔާބުކުރީ އޮސަސޫނާގެ ޑިފެންސް ލައިނަށް ހެދުނު ގޯހެއްގެ ފައިދާ ނަގައި ކީޕަރުގެ ބޯމަތިން ގޯލުގެ ތެރެއަށް ބޯޅަ އޮއްސާލައިގެންނެވެ.
މި ލަނޑަށްފަހުވެސް މޮޅަށް ކުޅެމުންދިޔަ ބާސާއިން ވަނީ މޮޅު ޑިފެންސެއްކޮށް އޮސަސޫނާއިން އުފައްދަން މަސައްކަތްކުރި ހަމަލާތައް ހުއްޓުވާފައެވެ. އަދި އެޓީމުން ވަނީ 30 ވަނަ މިނެޓުގައި އަންދްރޭ ގޮމޭޒްގެ ހިތްގައިމު ލަނޑަކާއެކު ލީޑު ފުޅާކޮށްފައެވެ.
މި ނަތީޖާގައި އޮވެ ފުރަތަމަ ހާފު ނިމުނު އިރު ދެވަނަ ހާފު ފެށިގެން އޮސަސޫނާއިން ވަނީ މޮޅު ކުޅުމަކާއެކު ލަނޑެއްޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު 48 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޮބާޓޯ ޓޮރޭޒެވެ.
އޮސަސޫނާގެ މި ލަނޑާއެކު ބާސާއިން ވަނީ އެޓީމުގެ ކުޅުން އިތުރަށް ވަރުގަދަކޮށް އޮސަސޫނާ ހާފަށް ބާރުބޮޑު ކުރަން ފަށާފައެވެ. އެގޮތުން 57 ވަނަ މިނެޓުގައި އަންދްރޭ ގޮމޭޒް ވަނީ އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. އަދި އޭގެ ފަހުން 61 ވަނަ މިނެޓުގައި މެސީގެ ގޯލެއް ފެނިގެންދިޔައިރު، އޭގެ ތިން މިނެޓު ފަހުން ފްރެންސިސްކޯ އަލްކެސާ ވަނީ ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ.
އޮސަސޫނާގެ ޑިފެންސް ލައިނަށް ހިފަހައްޓާލަން އުނދަގޫވި ބާސާގެ ފޯވަޑް ލައިނުން ގިނަ ހަމަލާތަކެއް އުފެއްދި އިރު އެޓީމުގެ ޒުވާން ކުޅުންތެރިން ވަނީ މޮޅު ކުޅުމެއްދައްކާފައެވެ. އެގޮތުން ޑެނިސް ސުއަރޭޒް އާއި އަލްކެސާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެން ގޮސްފައިވެއެވެ.
މެޗުގައި ބާސާއިން ކާމިޔާބުކުރި ހަވަނަ ލަނޑު، ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ހާވިއޭ މެޝަރާނޯއެވެ. މިއީ އޮސަސޫނާގެ ގޯލު އޭރިޔާ ތެރެއިން ބާސާގެ ޑެނިސް ސުއަރޭޒްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ.
މެޗުގައި ބާސާއިން ކާމިޔާބުކުރި ފަހު ލަނޑު 86 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްކެސާއެވެ.
ވާދަވެރި ރެއާލް މެޑްރިޑް ބުދަ ދުވަހުގެރޭ ކުޅުނު މެޗުން މޮޅުވީ ޑިޕޯޓިވޯ ލަކަރޫނާއާ ވާދަކޮށް 2-6 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ އެގާރައިން ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ކަރިމް ބެންޒެމާ އަދި ގެރެތު ބޭލް ފެނިގެން ގޮސްފައި ނުވާއިރު، އެ ކުޅުންތެރިންގެ ބަދަލުގައި މެޗުގެ ފުރަތަމަ އެގާރައިން ޖާގަ ހޯދި ކުޅުންތެރިން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ޑިޕޯޓިވޯގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލްގެ ފުރަތަމަ ލަނޑު މެޗުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ އަލްވާރޯ މޮރާޓާއެވެ.
މެޗުގައި ރެއާލުން ކާމިޔާބުކުރި ދެވަނަ ލަނޑު 14 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ހަމޭސް ރޮޑްރިގޭޒެވެ. ރެއާލުން ދެލަނޑުގެ ލީޑަކާއެކު މޮޅަށް ކުޅެމުންދިޔަ ވަގުތު ޑިޕޯޓިވޯ އިން ވަނީ ލަނޑެއްޖަހައި ނަތީޖާގެ ފަރަގު ކުޑަކޮށްފައެވެ. މިލަނޑު 35 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްލޮރިން އެންޑޯންއެވެ.
ޑިޕޯޓީވޯގެ މި ލަނޑަށްފަހު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލޫކަސް ވަޒްކުއޭޒް ވަނީ އިތުރު ލަނޑެއްޖަހައި ލީޑު ފުޅާކޮށްފައެވެ.
ފުރަތަމަ ހާފު މިނަތީޖާގައި އޮވެ ނިމުނު އިރު ދެވަނަ ހަފު ފެށިގެން ދެޓީމުންވެސް ވަނީ އިތުރު ލަނޑެއްޖެހުމަށް ބުރަކޮށް މަސައްކަތްކޮށްފައެވެ. އެގޮތުން ހަމޭސް ރޮޑްރިގޭޒް ވަނީ 66 ވަނަ މިނެޓުގައި ރެއާލްގެ ހަތަރު ވަނަ ލަނޑުޖަހާ ލީޑު އިތުރަށް ފުޅާކޮށްފައެވެ.
މިލަނޑަށްފަހު ވެސް ރެއާލުން މޮޅު ކުޅުމެއް ކުޅެމުންދިޔައިރު އިސްކޯ ވަނީ ހިތްގައިމު ލަނޑެއްޖަހާފައެވެ. މިލަނޑު އިސްކޯ ކާމިޔާބުކުރީ ވަޒްކުއޭޒް ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ.
ރެއާލުން ބޮޑު ލީޑެއްގައި ކުޅެމުންދިޔަ ނަމަވެސް ޑިޕޯޓިވޯއިން ވަނީ ލިބުނު ހަނި ފުރުސަތުގެ ބޭނުން ހިފައި އިދިކޮޅު ހާފަށް ބާރުބޮޑުކޮށްފައެވެ. ނަތީޖާއެއްގެ ގޮތުން 84 ވަނަ މިނެޓުގައި ޖޮސެލޫ ވަނީ އެޓީމަށް ލަނޑެއް ކާމިޔާބުކޮށްދީފައެވެ. އެހެން ނަމަވެސް މެޗު ނިމުމުގެ ކުރިން ރެއާލުން ވަނީ އިތުރު ލަނޑެއްޖަހާފައެވެ. މިލަނޑު 87 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ކަސަމީރޯއެވެ.
ލީގުގައި ބުދަ ދުވަހުގެރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާތަކަށް ބަލާއިރު ލެގަނޭސް އަދި ލަސް ޕަލްމާސް ބައްދަލުކުރި މެޗު 0-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ލެގަނޭސްއެވެ. އަދި ވެލެންސިޔާ އާއި ރެއާލް ސޮސިއެދާދް ބައްދަލުކުރި މެޗު 2-3 ގެ ނަތީޖާއަކުން ކާމިޔާބުކުރީ ސޮސިއެދާދެވެ.
މިނަތީޖާއާއެކު ރެއާލް އޮތީ އެއްވަނައިގައިވާ ބާސެލޯނާއަށްވުރެ އެއް މެޗު މަދުން ކުޅެ ލިބުނު 78 ޕޮއިންޓާއެކު ގޯލުގެ ތަފާތުން ލީގުގެ ދެވަނައިގައެވެ. އަދި ބާސެލޯނާ އޮތީ 78 ޕޮއިންޓާއެކު ގޯލުގެ ފައިދާއާއެކު ލީގުގެ އެއްވަނައިގައެވެ. ލީގުގެ ތިން ވަނައިގައި 68 ޕޮއިންޓާއެކު އޮތީ އެތްލެޓިކޯ މެޑްރިޑެވެ.