ކ. މާލެ
|
19 ޑިސެންބަރ 2020 | ހޮނިހިރު 04:48
ދެކުނު އެފްރިކާގެ ސަރަހައްދެއް
ދެކުނު އެފްރިކާގެ ސަރަހައްދެއް
ރޮއިޓަރސް
ކޮރޯނާވައިރަސް ދެކުނު އެފްރިކާގެ ހާލަތު
ކޮރޯނާވައިރަސްގެ އައު ސްޓްރެއިން އެއް ދެކުނު އެފްރިކާއިން ފެނިއްޖެ، ކޭސްތައް ފެންނަމިންވަރު އިތުރުވަނީ
 
ޑަބްލިޔުއެޗްއޯއިން އަންނަނީ ކޮރޯނާވައިރަސްގެ އެވޮލިޔުޝަން ވޯރކިންގް ގްރޫޕާއެކު މިކަމާއި ގުޅިގެން މަސައްކަތްކުރަމުން
 
އެފްރިކާ ސަރަހައްދުން އެންމެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދަނީ ދެކުނު އެފްރިކާއިން
 
ދެކުނު އެފްރިކާއިން މިކަން ހާމަކޮށްފައިވަނީ މީގެދުވަސްކޮޅެއް ކުރިން އިނގިރޭސިވިލާތުންވެސް ވައިރަސްގެ އައު ސްޓްރެއިނެއް ފެނިފައިވަނިކޮށް

ދެކުނު އެފްރިކާއިން ކޮރޯނާވައިރަސްގެ އައު ސްޓްރެއިނެއް ފެނިއްޖެކަމަށާއި އެކަމުގެ ސަބަބުން ދެވަނަ ވޭވެއް އައިސްފައިވާކަމަށް ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރ ވިދާޅުވެއްޖެއެވެ.

ހުކުރު ދުވަހު ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރ މިހެން ވިދާޅުވެފައި މިވަނީ މީގެދުވަސްކޮޅެއް ކުރިން އިނގިރޭސިވިލާތުންވެސް ވައިރަސްގެ އައު ސްޓްރެއިނެއް ފެނިފައިވާކަމަށާއި ކޭސްތައް އިތުރުވަމުންދަނީ އެކަމުގެ ސަބަބުންކަމަށް ބުނެފައިވަނިކޮށެވެ.

ދެކުނު އެފްރިކާގެ ހެލްތު މިނިސްޓަރ ޒުވެލީ މެކާއިޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދެކުނު އެފްރިކާގެ ސައިންޓިސްޓުންނަށް ކޮރޯނާވައިރަސް އިން އިތުރު ވޭރިއެންޓެއް ފެނިފައިވާކަމަށެވެ. މިހާތަނަށް ލިބިފައިހުރި ހެކިތަކަށް ބަލާއިރު ވައިރަސްގެ އިތުރު ސްޓްރެއިނެއް އުޅޭކަމަށާއި އަލަށް ފެންނަމުންދާ ކޭސްތަކަކީ އެސްޓްރެއިންގެ ސަބަބުން އިތުރުވަމުންދާ ކޭސްތަކެއްކަމަށް މެކާއިޒް ވަނީ ވިދާޅުވެފައެވެ.

އެފްރިކާ ސަރަހައްދުން އެންމެ ގިނަ މީހުންނަށް ކޮރޯނާވައިރަސް ޖެހިގެން ރިޕޯޓްކުރަމުންދަނީ ދެކުނު އެފްރިކާއިންނެވެ. އެގައުމުގައި ވައިރަސް ޖެހުނު މީހުންގެ އަދަދު ނުވަ ލައްކައަށް އަރާއިރު ވައިރަސް ޖެހިގެން މަރުވި މީހުންގެ އަދަދު 20،000ށް އަރައެވެ. އަލަށް ފެންނަމުންދާ ކޭސްތަކާއެކު ސަރުކާރުން ވަނީ މިހަފްތާގައި ވައިރަސް ފެތުރުން ކޮންޓްރޯލްކުރުމަށް އިތުރު ފިޔަވަޅުތައް އަޅާފައެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ(ޑަބްލިޔުއެޗްއޯ) އިން ވަނީ ދެކުނު އެފްރިކާގެ ސައިންސްވެރިންގެ މިހޯދުމަށް ތައުރީފްކޮށްފައެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ވައިރަސްގެ އައު ސްޓްރެއިން އަށް ބަދަލުތަކެއް އަންނަކަމުގެ ހޯދުމެއް އަދި މިހާތަނަށް ހޯދިފައިނުވާކަމަށެވެ.

ޑަބްލިޔުއެޗްއޯއިން ބުނެފައިވަނީ ކޮރޯނާވައިރަސްގެ އެވޮލިޔުޝަން ވޯރކިންގް ގްރޫޕާއެކު އެޖަމިއްޔާއިން އަންނަނީ މިކަމާއި ގުޅިގެން މަސައްކަތްކުރަމުންނެވެ. އަދި ވައިރަސްގެ އައު ސްޓްރެއިން ފެތުރޭ ގޮތްތަކާއި އެވައިރަސް އިންސާނާގެ ހަށިގަނޑުގައި މަސައްކަތްކުރަމުންދާ ގޮތްތައް ދެނެގަތުމުގެ މަސައްކަތްކުރަމުން އަންނަކަމަށް ޑަބްލިޔުއެޗްއޯއިން ބުނެއެވެ.

ދެކުނު އެފްރިކާގެ ސިއްހީ އޮފިޝަލުން ބުނާ ގޮތުގައި ވައިރަސްގެ އައު ސްޓްރެއިން ފެތުރޭ މިންވަރު އަވަހެވެ. އަދި މިހާރު ކޮވިޑް-19 އަށް އުފައްދާފައިވާ ވެކްސިން ވައިރަސްގެ މިވައްތަރުން ދިފާއުކޮށްދިނުމުގައި ކާމިޔާބުވާނެތޯ ކަނޑައެޅުން އަދި މާއަވަސްކަމަށް ސިއްހީ އޮފިޝަލުން ބުނެއެވެ.

އޮފިޝަލުން ބުނާގޮތުގައި އިނގިރޭސިވިލާތުން ފެނުނު ކޮރޯނާވައިރަސްގެ އައު ސްޓެރެއިން އާއި ދެކުނު އެފްރިކާއިން މިފެނުނު ސްޓްރެއިން އާ އެއްގޮތް ކަންތައްތަކެއް އެބަހުއްޓެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
0%
0%
100%
0%
0%
0%
ކޮމެންޓް