ކ. މާލެ
|
27 އޭޕްރިލް 2017 | ބުރާސްފަތި 00:42
ކުޑަހުވަދޫ އިން ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އުފުލާލަނީ
ކުޑަހުވަދޫ އިން ޒޯން ހަތަރެއްގެ ޗެމްޕިއަންކަން އުފުލާލަނީ
އެފްއޭއެމް
މިނިވަން ޗެމްޕިއަންޝިޕް
މިނިވަން ޗެމްޕިއަންޝިޕް: ފުލިދޫ ބަލިކޮށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ކުޑަހުވަދޫ ހޯދައިފި
މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުޑަހުވަދޫގެ އިރުފާން
ފުލިދޫއާ ވާދަކޮށް ކުޑަހުވަދޫ މެޗު ކާމިޔާބުކުރީ 0-4 ގެ ނަތީޖާއަކުން
ކުޑަހުވަދޫގެ މުޙައްމަދު އިސްމާއިލް ވަނީ މި މެޗުގައި ހެޓް-ޓްރީކް ހަދާފަ

މިނިވަން ޗެމްޕިއަންޝިޕްގައި ވ.ފުލިދޫ ބަލިކޮށް ޒޯން ފަހެއްގެ ޗެމްޕިއަންކަން ދ.ކުޑަހުވަދޫ ހޯދައިފިއެވެ.

ބުދަ ދުވަހު ހަވީރު ކުޅުނު މި މެޗު ފުލިދޫއާ ވާދަކޮށް ކުޑަހުވަދޫއިން މެޗު ކާމިޔާބުކުރީ 0-4 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.

ދ.ކުޑަހުވަދޫ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ކުޑަހުވަދޫ އިން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިރުފާން އާދަމް ނަސީރެވެ. މި ލަނޑަށްފަހުވެސް ރަނގަޅަށް ކުޅެމުންދިޔައީ ކުޑަހުވަދޫ އިންނެވެ.

އެގޮތުން މެޗުގެ 32 ވަނަ މިނެޓުގައި މުޙައްމަދު އިސްމާއިލް ކާމިޔާބުކުރި ލަނޑުން އެޓީމުން ވަނީ މެޗުގެ ލީޑު ފުޅާކޮށް އުންމީދު ބޮޑުކޮށްފައެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް 0-2 ގެ ނަތީޖާއިން ކުޑަހުވަދޫގެ މައްޗަށް ބުރަވެގެން ވަނީ ނިމިފައެވެ.

ދެވަނަ ހާފް ފެށިގެންވެސް ރަނގަޅަށް ކުޅުނީ ކޫޑަހުވަދޫ އިންނެވެ. އެޓީމުން ފުލިދޫގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ފޮނުވާލާފައިވާއިރު، 76 ވަނަ މިނެޓުގައި މުޙައްމަދު އިސްމާއިލް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް ކުޑަހުވަދޫއަށް ލީޑު އިތުރަށް ފުޅާކޮށްދީފައެވެ.

މެޗުގައި ކުޑަހުވަދޫ އިން ކާމިޔާބުކުރި ހަތަރުވަނަ ލަނޑު ކާމިޔާބުކޮށް މުޙައްމަދު އިސްމާއިލް ވަނީ އިތުރުވަގުތުގައި އޭނާގެ ހެޓް-ޓްރިކް ފުރިހަމަކޮށްފައެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ކުޑަހުވަދޫގެ އިރުފާން އާދަމް ނަސީރެވެ.

- ކޮމެންޓް