ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ކާޑު ބަސްތާތަކެއް އުކާލީ އާންމުން ކެއުމަށް ބޭނުންކުރާ މިންގަނޑަށް ނުފެތޭތީ ކަމަށް އެ ކުންފުނިން މައުލޫމާތު ދީފިއެވެ.
އެސްޓީއޯއިން ފުށް ބަސްތާތަކެއް އުކާލި މައްސަލައިގައި "ރާއްޖެއެމްވީ" އިން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން އެ ކުންފުނީގެ ތަރުޖަމާނު އަބްދުﷲ މުހައްމަދު ވަނީ ފުށް ބަސްތާތަކެއް އުކާލިކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ވިދާޅުވީ ކާބޯތަކެތި ވިއްކުމުގައި އެންމެ އިސްކަމެއްދެނީ ކާބޯތަކެތީގެ ރައްކާތެރި ކަމަށް ކަމަށާއި، ރައްކާތެރި ނޫން ކާބޯތަކެތި އެސްޓީއޯއިން ނުވިއްކާނެ ކަމަށެވެ.
އެސްޓީއޯއިން ކާބޯތަކެތި ވިއްކުމުގައި ހަރުދަނާ އުސޫލެއް ގެންގުޅޭ ކަން ފާހަގަކުރައްވާ އަބްދުﷲ މުހައްމަދު ވަނީ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ މިންގަނޑަށް ނުފެތޭ ކާބޯތަކެތި އެ ކުންފުނިން ނުވިއްކާނެ ކަމުގެ ޔަގީންކަން އަރުވާފައެވެ. އަދި މީގެ ކުރިންވެސް ކާޑުގެ ބާވަތްތައް މޮނިޓަރ ކުރުމުގެ ތެރޭގައި މައްސަލަތައް ފާހަގަކުރެވިގެން، އާންމުން ބޭނުން ކުރަން ނުރަނގަޅު ކާބޯތަކެތި އެ ކުންފުނިން އުކާލަމުން އަންނަ ކަމަށް ވިދާޅުވިއެވެ.
ރާއްޖެއަށް އެތެރެކުރާ އަސާސީ ކާޑުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހަނޑޫ، ހަކުރު އަދި ފުށް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ އޮންނަނީ ސަރުކާރު ހިއްސާވާ އެސްޓީއޯއަށް އެކަންޏެވެ. އަދި އެ ކުންފުނިން ވަނީ ރައްކާތެރި ކާޑުގެ ބާވަތްތައް މެދުކެނޑުމެއްނެތި އާންމު ރައްޔިތުންނަށް ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.