ކ. މާލެ
|
14 ޑިސެންބަރ 2020 | ހޯމަ 21:34
ސެންޑްރާ ލިންޑްސީ އަށް ވެކްސިން ޖަހަނީ
ސެންޑްރާ ލިންޑްސީ އަށް ވެކްސިން ޖަހަނީ
ސީ.އެން.އެން
އެމެރިކާގައި ކޮވިޑް ވެކްސިން ދޭންފެށުން
އެމެރިކާގައި ވެކްސިން ޖަހަން ފަށައިފި، އެންމެ ފުރަތަމަ އައިސީޔޫގައި މަސައްކަތްކުރާ ނަރުހަކަށް
 
އެމެރިކާއަކީ މުޅި ދުނިޔެއިން ވެސް ކޮވިޑުގެ ހާލަތު އެންމެ ގޯސް ގައުމު، މިހާރުވެސް ވައިރަސް ފެތުރުން ކޮންޓްރޯލެއް ނުވޭ
 
ރައީސް ޓްރަމްޕް ވަނީ ވެކްސިން ޖަހަން ފެށިކަން ހާމަކޮށް ދުނިޔެއަށް މަރުޚަބާ ވިދާޅުވެފައި
 
ސެންޑްރާ ބުނީ ވެކްސިނާއެކު އުންމީދު އާ ވެގެން ހިނގައްޖެކަމަށް

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން އެމެރިކާގައި ޖަހަން ފަށައިފިއެވެ.

އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) އިން ހުކުރު ދުވަހު ވަނީ ފައިޒަރގެ ކޮވިޑް-19 ވެކްސިން އެމަރޖެންސީކޮށް ބޭނުންކުރުމަށް ހުއްދަ ދީފައެވެ. އެގޮތުން އެންމެ ފުރަތަމަ ވެކްސިން ޖެހި މީހަކީ ނިއު ޔޯކް ސިޓީގެ ލޯންގް އައިލެންޑް މެޑިކަލް ސެންޓަރގެ އައިސީޔޫގައި މަސައްކަތްކުރާ ނަރުހެއްކަމަށްވާ ސެންޑްރާ ލިންޑްސީއެވެ.

ވެކްސިން ޖެހުމަށްފަހު މީޑިޔާއާ ވާހަކަދައްކަމުން ސެންޑްރާ ބުނީ ވެކްސިނާއެކު އުންމީދު އައު ވެގެން ހިނގައްޖެކަމަށެވެ. އަދި މިއީ ގައުމަށް ދިމާވި ހިތާމަވެރި ވޭނުން ފުރިފައިވާ ދުވަސްތަކެއްގެ ނިމުމުގެ ފެށުމަށް ވެގެން ދާނެ ކަމުގައި އުންމީދުކުރާ ކަމަށް ސެންޑްރާ ބުންޏެވެ.

އަހަރެން ބޭނުން އާންމުންގެ މެދުގައި ވެކްސިނަކީ ރައްކާތެރި އެއްޗެއްކަމުގެ އިތުބާރު އުފެދެން. އަހަރުމެން މިތިބީ ޕެންޑަމިކެއްގެ ތެރޭގައި. އެހެންވީމާ ޕެންޑަމިކް ނިމުމަކަށް ގެނައުމަށް ކުރަންޖެހުނު ކޮންމެ ކަމެއް ކުރުމަކީ ކޮންމެ މީހަކުވެސް ކުރަންޖެހޭނެ ކަމެއް. އަދި މިކަމުން އުންމީދުކަނޑާނުލުމަށްވެސް އެދެން. މިކަން ނިމުމަކަށް އަތުވެދާނެކަމުގެ އަލިމަގެއް މިވަނީ ފެނިފައި. އެހެންނަމަވެސް އަދިވެސް އަހަރުމެން މާސްކު އެޅުމާއި ގައިދުރުކަން ގެންގުޅުންފަދަ ކަންކަން ކުރަންޖެހޭ. އަހަރެން ސައިންސް ގަބޫލުކުރަން. އަދި ނަރުހެއްގެ ހައިިސިއްޔަތުން ޕްރެކްޓިސް ކުރަމުންމިދަނީވެސް ސައިންސްގެ ކަންކަން. އަދި އެކަމަށް އިތުބާރުވެސް ކުރަން. އަހަރެން އިތުބާރު ނުކުރަނީ އަހަރެންނަށް ކޮވިޑް ޖެހިގެން އަހަރެންނަށް ވާނެގޮތާއި އަދި އަހަރެންގެ ސަބަބުން އެހެން މީހުންނަށް ކޮވިޑް ޖެހުމުން ދެންވާނެ ގޮތްތައް ނޭންގޭތީ އެކަމަށް. އެހެންވީމާ އެންމެންވެސް ކޮވިޑް ވެކްސިން ޖެހުމަށް އަހަރެން ބާރުއަޅަން.
ސެންޑްރާ ލިންޑްސީ

ސެންޑްރާ ވެކްސިން ޖެހިތާ މިނެޓްތަކެއް ފަހުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ވެކްސިން ޖަހަން ފެށިކަން ހާމަކޮށް އެމެރިކާ އާއި ދުނިޔެއަށް މަރުޚަބާ ވިދާޅުވެ ޓްވީޓް ކުރައްވާފައެވެ. ހޯމަ ދުވަހު އެމެރިކާގައި ވެކްސިން ޖަހަން ފަށާފައިވާއިރު އެންމެ ފުރަތަމަ ވެކްސިން ޖަހަން ފެށި ސްޓޭޓަކީ ނިއު ޔޯކެވެ.

ފައިޒަރގެ ވެކްސިންގެ 2.9 މިލިއަން ޑޯޒް އެމެރިކާގެ އެކި ހިސާބުތަކުގެ ހޮސްޕިޓަލްތަކަށް ބަހަން ފަށާފައި ވަނީ އާދިއްތަ ދުވަހުއެވެ. އެހެންކަމުން ހޯމަ ދުވަހުގެ ވަގުތެއްގައި އެމެރިކާގެ 150 ހޮސްޕިޓަލަކަށް ވެކްސިން ޑޯޒްތައް ލިބޭނެއެވެ.

އެމެރިކާ އަކީ ކޮވިޑް-19 ގެ ހާލަތު އެންމެ ގޯސް ގައުމެވެ. ނޮވެމްބަރ މަހުން ފެށިގެން އެ ގައުމުގައި ކޮވިޑް ޖެހިގެން މަރުވާ މީހުންގެ އަދަދު އަންނަނީ އިތުރުވަމުންނެވެ. އަދި ކޮވިޑް ޖެހިގެން ހޮސްޕިޓަލްގައި އެޑްމިޓްކުރަމުންދާ މީހުންގެ އަދަދުވެސް އަންނަނީ އިތުރުވަމުންނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަމަން ހަލީމް
0%
100%
0%
0%
0%
0%
ކޮމެންޓް