ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 18:29
ފައިޒަރ އިން އުފައްދަމުން އަންނަ ވެކްސިންގެ ސާމްޕަލެއް
ފައިޒަރ އިން އުފައްދަމުން އަންނަ ވެކްސިންގެ ސާމްޕަލެއް
ފައިޒަރ ވެކްސިނަށް ކުވެއިތުން ހުއްދަ ދިނުން
ފައިޒަރގެ ވެކްސިން ބޭނުންކުރުމުގެ ހުއްދަ ކުވެއިތުން ދީފި
 
ރައްކާތެރި ވެކްސިނެއްތޯ ކަށަވަރު ކުރުމަށްޓަކައި ކްލިނިކަލް ޓްރައެލްތައް ކޮމިޓީން ބަލާ ދިރާސާ ކޮށްފައިވޭ
 
ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމަށް ހާއްސަ ކޮމިޓީއަކުން ވެކްސިން ރިވިއު ކުރުމަށްފަހު

އެމެރިކާގެ ފާމަސޫޓިކަލް ކުންފުނި ފައިޒަރ އާއި ޖަރުމަނުގެ ބައޯއެންޓެކް ގުޅިގެން އުފެއްދި ކޮވިޑް-19 ވެކްސިން ކުއްލި ހާލަތްތަކުގައި ބޭނުން ކުރުމަށް ކުވެއިތުން ހުއްދަ ދީފިއެވެ.

އެގައުމުގެ އެސިސްޓެންޓް އަންޑަރ ސެކްރެޓަރީ ފޮރ ފަރމަސޫޓިކަލް އެންޑް ފުޑް ސުޕަރވިޝަން ޑޮކްޓަރ އަބްދުﷲ އަލް ބަދީރް ވިދާޅުވީ ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައިވަނީ އެކަމަށް ހާއްސަ ކޮމިޓީއަކުން ވެކްސިން ރިވިއު ކުރުމަށްފަހު ކަމަށެވެ. އެގޮތުން މި ކޮމިޓީގައި މެޑިސިން ރެޖިސްޓްރޭޝަން އެންޑް ސުޕަރވިޝަން ޑިޕަރޓްމަންޓް އާއިއެކު ޕަބްލިކް ހެލްތް ޑިޕަރޓްމަންޓުން ބައިވެރިވެފައިވާކަމަށް ޑޮކްޓަރ އަބްދުﷲ ވިދާޅުވިއެވެ.

މީގެ އިތުރުން ޑޮކްޓަރ އަބްދުﷲ ވިދާޅުވީ އެ ކޮމިޓީން ވެކްސިންގެ ފެންވަރު ދެނެގަނެފައިވާ ކަމަށާއި ވެކްސިންއަކީ ރައްކާތެރި ވެކްސިނެއްތޯ ކަށަވަރު ކުރުމަށްޓަކައި ކްލިނިކަލް ޓްރައެލްތައް ވެސް ކޮމިޓީން ބަލާ ދިރާސާ ކޮށްފައިވާ ކަމަށެވެ.

ދާދި ފަހުން މި ވެކްސިނަށް އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ) ގެ ހުއްދަވެސް ވަނީ ލިބިފައެވެ.

ކުވެއިތުގެ އިތުރުން އެމެރިކާ، ބަހްރައިން، ސައުދީ އަރަބިއްޔާ އަދި ޔުނައިޓެޑް ކިންގްޑަމް އިންވެސް ވަނީ މި ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފައެވެ.

ފައިޒަރ އަދި ބައޯއެންޓެކް ވެކްސިންގެ އެންމެ ފަހުގެ ނަތީޖާތައް ދައްކާގޮތުން މި ވެކްސިނަކީ ކޮވިޑުން ދިފާއުކޮށްދިނުމުގައި 95 އިންސައްތަ ކާމިޔާބު ވެކްސިނެކެވެ. މިއީ މިހާތަނަށް އުފެއްދި ވެކްސިންތަކުގެ ތެރެއިން ވައިރަހުން ދިފާއުކުރުމުގައި އެންމެ ކާމިޔާބު އެއް ވެކްސިނެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
100%
0%
0%
0%
0%
0%
ކޮމެންޓް