ކ. މާލެ
|
13 ޑިސެންބަރ 2020 | އާދީއްތަ 12:58
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ ނައިބު ރައީސް ފައިސަލް ނަސީމް އަޅުއްވައިދެއްވަނީ
ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ ނައިބު ރައީސް ފައިސަލް ނަސީމް އަޅުއްވައިދެއްވަނީ
ރައީސް އޮފީސް
ޑީޓޮކްސިފިކޭޝަން ސެންޓަރ
އައްޑޫގައި ހުޅުވާ ޑީޓޮކްސިފިކޭޝަން ސެންޓަރުގައި އެއްފަހަރާ 60 މީހުންނަށް ހިދުމަތް ދެވޭނެ: އެންޑީއޭ
ގިނަ ވަސީލަތްތަކެއް ވަނީ ގާއިމުކުރެވިފައި
ކުޑަކަމުދާ ތަކެތި ޓެސްޓުކުރެވޭ ގޮތަށް ސެކިއުރިޓީ އޮފީހެއްވެސް ގާއިމުކުރެވޭނެ
އެއްފަހަރާ 60 މީހުންނަށް ޚިދުމަތް ދެވޭނެ

އައްޑޫ ސިޓީ ހުޅުމީދޫ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރގައި އެއްފަހަރާ 60 މީހުންނަށް ހިދުމަތް ދެވޭނެކަމަށް ނޭޝަނަލް ޑްރަގް އެޖެންސީ (އެންޑީއޭ)ން ބުނެފިއެވެ.

ނައިބު ރައީސް ފައިސަލް ނަސީމް ހޮނިހިރު ދުވަހު ދެކުނުގެ ދެ ސިޓީއަށް ވަޑައިގެންފައިވާއިރު، އައްޑޫސިޓީއަށް ވަޑައިގެން ވަނީ އިމާރާތުގެ ބިންގާ އަޅުއްވައިދެއްވާފައެވެ.

އެންޑީއޭއިން މިކަމާއި ގުޅިގެން ނެރުނު ބަޔާނުގައި ބުނީ، އަލަށް ޢިމާރާތްކުރެވޭ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރގައި އެއްފަހަރާ 60 މީހުންނަށް ޚިދުމަތް ދެވޭނެކަމަށާއި އެއީ ރެސިޓެންޝަލް ފަރުވާގައި 30 މީހަކާއި ކޮމިއުނިޓީ ފަރުވާގައި 30 މީހަކައްކަމަށެވެ.

މަރުކަޒުގައި ޤާއިމުކުރެވޭ ވަސީލަތްތަކުގެ ތެރޭގައި ޑޮކްޓަރ އެގްޒެމިނޭޝަން ރޫމް، ނަރސިންގ އެގްޒެމިނޭޝަން ރޫމާއި ނަރސިންގ ސްޓޭޝަން ހިމެނެއެވެ. މީގެއިތުރުން، ކައުންސެލަރުންގެ އިންޓަރވިއު ރޫމްސް، ޑައިނިންގ އޭރިއާ، ބަދިގެ، ކްލާސް ރޫމް، އެޑްމިނިސްޓްރޭޓިވް އޮފީސް، ކްލިނިކަލް އޮފީސް، ކުޑަކަމުދާ ތަކެތި ޓެސްޓުކުރެވޭ ގޮތަށް ސެކިއުރިޓީ އޮފީސް، މަލްޓި ޕަރޕަސް ހޯލް، ކްލައިންޓުންގެ އެކޮމޮޑޭޝަން ބްލޮކްސްވެސް ހިމެނެއެވެ. އަދި، ސްޓާފް އެކޮމޮޑޭޝަން ބްލޮކް، ލޯންޑްރީ އޭރިއާ، ސްޓާފް މެސްރޫމް، ކޮންފަރެންސް ރޫމް، މިސްކިތް، ފެމިލީ މީޓިންގ ރޫމް، ލައިބްރަރީ އަދި ޕާކިންގ ގަރާޖް ހިމެނެއެވެ.

ބިންގާ އަޅުއްވާދެއްވުމަށްފަހު ގައުމުގެ ކުރިއެރުމާއި ތަރައްގީގައި ޒުވާނުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މަސްތުވާތަކެތީގެ ވަބާއަކީ، ގައުމީ ތަރައްގީއަށް ބޭނުންވާ ޒުވާނުންގެ ބައިވެރިވުން ހީނަރުކޮށް، ނެތިކޮށްލާ ހުރަހެއް ކަމުގައެވެ. އަދި، މި ނުރައްކާތެރި ވަބާގައި ޖެހިފައިވާ ޒުވާނުން އެ ކަމުން މިންޖުކޮށްދީ، އުފާވެރި އާއިލާއެއް ބިނާކުރުމުގެ ފުރުސަތު ފަހިކޮށްދީ، އެ މީހުންނަކީ ވެސް މުޖުތަމައަށް ފައިދާކުރަނިވި ބަޔަކަށް ހެދުމަށް މަގު ތަނަވަސްކޮށްދޭން ޖެހިފައިވާ ކަމުގައި ނައިބު ރައީސް ވަނީ ވިދާޅުވެފައެވެ.

މިގޮތުން، މި މަޝްރޫއުގެ ދަށުން އަޅާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރާއެކު، މަސްތުވާތަކެތީގެ ވަބާއަށް ފަރުވާ ހޯދާ މީހުންނަށް އިތުރު ފުރުސަތުތަކެއް ފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވިއެވެ. އަދި، އެ މަރުކަޒު ބިނާކުރުމުގެ މަސައްކަތް ނިމި ހިދުމަތްދޭން ފެށުމުން ދެކުނުގެ އަތޮޅުތަކުގައި ކުށުގެ ވެށްޓަށް ހުށަހެޅޭ މީހުންގެ އަދަދު ދަށްވާނެކަމަށް އުންމީދު ކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އެޅުމަށް ބޭއްވި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އަރިހުގައި މިނިސްޓަރ އޮފް ހެލްތު އަޙްމަދު ނަސީމާއި، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް ޢާއިޝަތު މުޙައްމަދުދީދީއާއި، މިނިސްޓަރ އޮފް ފިނޭންސް އިބްރާހީމް އަމީރު އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ މިނިސްޓަރ ޢަލީ ޝިޔާމް ބައިވެރިވެ ވަޑައިގެންނެވިއެވެ.

- ކޮމެންޓް