މަސްވެރިކަމުގެ ލައިސެންސިން ނިޒާމެއް ތަންފީޒު ކުރުމުގެ މަސައްކަތްތައް ކުރަމުންދަނީ ސިނާއަތް ރަނގަޅަށް ހިންގައި މަސްވެރިންނަށް ފޯރުކޮށްދޭންޖެހޭ އިޖުތިމާއީ އިގުތިސާދީ ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ މަގުސަދުގައިކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
މަސްވެރިންގެ ދުވަހާއި ގުޅިގެން ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔަ މަސްވެރިންގެ ފޯރަމްގައި އެ މިނިސްޓްރީގެ ފިޝަރީޒް ކޮންޕްލައެންސް ޑިރެކްޓަރ އަހުމަދު ޝިފާޒު ވިދާޅުވީ ލައިސެންސިންގ ނިޒާމެއް ތަންފީޒުކުރުމުގެ މަސައްކަތްތައް މިހާރު ކުރިއަށްދާކަމަށެވެ. އޭނާ ވިދާޅުވީ އެކްސްޕޯޓަށް މަސްވެރިކަންކުރާ ފަރާތްތަކުން ލައިސެންސް ނެގުމަށްކަމަށް ބޮޑަށް މިނިސްޓްރީން ބާރުއަޅާކަމަށެވެ.
ރާއްޖޭގެ އެތެރޭގެ ބާޒާރުތަކަށް ވިއްކުމަށް މަސްވެރިކަން ކުރާ ފަރާތްތައްވެސް ލައިސެންސް ނެގުމަކީ ވަރަށް މުހިންމުކަމެއްކަން ފާހަގަކޮށް ޝިފާޒު ވިދާޅުވީ ލައިސެންސިންގެ ނިޒާމުގައި ރަޖިސްޓްރީވުމަކީ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް ރާއްޖޭގެ އެކިކަންކޮޅުތަކުގައި ހިންގާ ޕްރޮގްރާމްތަކާއި، މަސްވެރިކަމުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް ބޭނުންވާ މައުލޫމާތު އެއްކުރުމުގައިވެސް ލިބިގެންދާނެ އިތުރު ކުރިއެރުމެއްކަމަށެވެ.
ދިވެހިރާއްޖޭގެ މަސްވެރިކަމަކީ ބެލެހެއްޓޭ ނިޒާމެއްގެ ތެރެއިން ހިންގޭ ސިނާއަތަކަށް ހެދުމަށް މަސައްކަތް ކުރަމުން މިދަނީ. މައުލޫމާތު ނެގިގެން ހިންގޭ މަސްވެރިކަމެއްގެ ގޮތުގައި ޕްރޮމޯޓު ކުރުމަށް ބޭނުންވަނީ. ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގަ ހަރަކާތްތެރިވާ ފަރާތްތައް މައުލޫމާތު އަދާ ހަމަވާ ގޮތެއްގެ މަތިން އަޕްޑޭޓް ގޮތެއްގައި ނެގުމަކީ ވަރަށް މުހިންމު ކަމެއް. އެހެންވީމަ އެގޮތުން މަސްވެރިކަމުގެ ލައިސެންސިންގެ ނިޒާމެއް ގާއިމް ކުރެވިފައިވަނީ. ގާއިމް ކުރުމުގެ އެންމެ ބޮޑު ބޭނުމަކީ މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އެކި ފަންތީގައި އެކި މަސައްކަތްތަކުގަ ހަރަކާތްތެރިވާ ފަރާތްތަކުގެ މައުލޫމާތު މިނިސްޓްރީން ނެގުން.
މަސްވެރިކަމުގެ އެކި ގިންތިތަކުން ލައިސެންސް ނެގުމުގައި އަމަލުކުރަންޖެހޭ ގޮތް ތަފާތުވާނެކަން ފާހަގަކުރައްވައި ޝިފާޒު ވިދާޅުވީ މަސްވެރިކަމުގެ މަސައްކަތްތައް ލާމަރުކަޒު ކުރުމަށްޓަކައި ކައުންސިލްތަކުގެ ތެރެއިން މަސްވެރިންނަށް ޚިދުމަތްދެވޭ ގޮތަށް އިންތިޒާމްތައް ހަމަޖައްސާ ލުއިފަސޭހަ ގޮތަށް ހަމަޖައްސައިދޭނެކަމަށެވެ.