މަސްވެރި ޒުވާނުންނަށް އަމާޒުކޮށްގެން "ލޯންޗް ޔުއަރ ކެރިޔަރ އެޓް ފިޝަރީޒް އެންޑް މެރިން ރިސޯސަސް" ގެ ނަމުގައި ކެރިއަރ ގައިޑެންސް ވެބިނާއެއް ކުރިއަށް ގެންގޮސްފިއެވެ.
ދިވެހިރާއްޖޭގެ 40 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ފިޝަރީޒް މިނިސްޓްރީގެ ފަރާތުން އޮންލައިންކޮށް ކުރިއަށްގެންދިޔަ މި ވެބިނާގައި، މަސްވެރިކަމުގެ ސިނާއަތުގައި ހުރި ވަޒީފާގެ ފުރުސަތުތަކާއި، ތަޢުލީމާއި ތަމްރީނުގެ ފުރުޞަތުތަކާއިގުޅޭ ގޮތުން ބައިވެރިންނަށް މައުލޫމާތު ފޯރުކޮށްދީފައިވެއެވެ.
މި ފްރޮގްރާމްގެ އެއްބައިގެ ގޮތުގައި މާލެ އަދި ހުޅުމާލޭ ސްކޫލްތަކުގައި މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް މި ދާއިރާގައި ކުރަމުންދާ މަސައްކަތްތަކާއި، ހުރި ފަހި ފުރުސަތުގެ މައުލޫމާތު ދިނުމަށް މަސްބަންދުކުރާ ކާރުހާނާއަކަށްވަނީ ގެންދެވިފައެވެ. މިގޮތުން ދަރިވަރުން ގެންދެވިފައިވަނީ އެންސިސް ފިޝަރީޒްގެ ފަރާތުން ހުޅުމާލޭގައި ތަރައްޤީކޮށް ހިންގަމުންދާ މަސްބަންދުކުރާ ކާރުހާނާއަށެވެ.
އޭގެ އިތުރުން މި ސިނާއަތުގައި ހުރި ވަޒިފާގެ ދާއިރާތަކާއި އަދި މަތީތަޢުލީމަށް ހުރި ފުރުޞަތުތަކުގެ މައުލޫމާތު ވެބިނާގެ ބައިވެރިންނަށް، ސިނާއަތުގައި ހަރަކަތްތެރިވާ ކުންފުނިތަކުންނާއި އަދި ރާއްޖޭގައި މަތީތައުލީމް ފޮރުކޮށްދޭ ފަރާތްތައް މެދުވެރިކޮށް ފޯރުކޮށްދީފައިވެއެވެ. އެގޮތުން 40 ބައިވެރިން މަޢުލޫމާތު ހޯދާފައިވާކަމަށް ފިޝަރީޒް މިނިސްޓްރީން މައުލޫމާތުދެއެވެ.
މި ބައިވެރިންނަށް މަސްވެރި ދާއިރާތަކާ ގުޅުންހުރި މައުލޫމާތު ފޯރުކޮށްދިން ޕެނަލިސްޓުންގެ ތެރޭގައި ހިމެނެނީ މޯލްޑިވް އިންޑަސްޓްރިއަލް ފިޝަރީޒް ކޮޕްޕެނީ ލިމިޓެޑް، ބިގް ފިޝް ފިޝަރީޒް މޯލްޑިވްސް، އެންސިސް ފިޝަރީޒް މޯލްޑިވްސް މެނޭޖްމަންތްގެ ބޭފުޅުންނާއި މޯލްޑިވްސް މެރިން ރިސާރޗް އިންސްޓްޓިއުޓް، މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި މޯލްޑިވްސް ޕޮލިޓެކްނިކްގެ ބޭފުޅުންނެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ މި ވެބިނާރގައި ބައިވެރިވި ބައިވެރިންގެ ފަރާތުން ވަރަށް އުންމީދީ ކަންތައްތަކެއް ފެނިގެންދިޔަކަމަށެވެ.
މި ޕްރޮގްރާމްގެ ދަށުން މެރިން ސައިންސް ކިޔަވާ ދަރިވަރުންނަށް އަމާޒްކޮށްގެން ކުރިއަށްގެންދިޔަ ފެކްޓަރީ ވިޒިޓްގައި މާލެ އަދި ހުޅުމާލެއަށް ނިސްބަތްވާ 6 ސުކޫލަކުން މެރިން ސައިސް ކިޔަވާ 27 ދަރިވަރުން އަދި 5 ޓީޗަރުން ބައިވެރިވެފައެވެ.
މި ބައްދަލުވުމުގައި އެންސިސް މަސް ބަންދުކުރާ ކާރުހާނާގައި މަސް ބަނދުކުރުމުގެ މަސައްކަތް ކުރަމުންދާގޮތް ބަލާލުމުގެ ފުރުޞަތު ދަރިވަރުންނާއި ޓީޗަރުންނަށްވަނީ ފޯރުކޮށްދީފައެވެ. އަދި މި ސިނާއަތުގައި އަދި އެންސިސް ކުންފުނީގައި ޒުވާނުންނަށް ހުރި ފުރުޞަތުގެ މައުލޫމާތު ކުންފުނީގެ މެނޭޖްމަންޓްގެ ފަރާތުން ދަރިވަރުންނަށްވަނީ ދީފައެވެ. އަދި އެންސިސް ފިޝަރީޒްގައި މަސައްކަތްކުރަމުންދާ މަސައްކަތްތެރިންނަށް އެ ފެކްޓްރީގައި މަސައްކަތް ކުރުމުގައި ދީފައިވާ ލުއިތަކުގެ މަޢުލޫމާތު ދަރިވަރުންނާވަނީ ހިއްސާކޮށްފައެވެ.