ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލްކޮށްފައި އޮތްއޮތުން ދޫކޮށްލައި، ހޮނިހިރު ދުވަހުން ފެށިގެން ލިމިޓްކުރުމެއް ނެތި މަސް ގަންނަމުންދާނެކަމަށް އެ ކުންފުނިން މައުލޫމާތު ދީފިއެވެ.
ހޮރައިޒަން ފިޝަރީޒުން މަސްގަތުން ކޮންޓްރޯލްކުރީ ރާއްޖޭގެ މަސްވެރިކަން ރަނގަޅުވެ ބޮޑެތި އަދަދުތަކުން މަސްބާނައިގެން ރާއްޖޭގެ އެކި ހިސާބުތަކުން ދޯނިފަހަރު މާންދޫއަށް އައުމުގެ ސަބަބުން މާންދޫގެ މަސް ފިނިކުރެވޭނެ ކެޕޭސިޓީ ނެތިގެންނެވެ.
އެ ކުންފުނީގެ އިއުލާނެއްގައިވަނީ މި މަހުގެ 19 ވަނަ ދުވަހު މަސް ބަރުކުރާ ބޭރުގެ ކެރިއަރު ބޯޓު މާންދުއަށް އަންނާނެ ކަމަށެވެ. އެހެންކަމުން ކުރިއެކޭ އެއްގޮތަށް އެއްވެސް ކޮންޓްރޯލެއް ނެތި މަސްގަންނާނެ ކަމަށެވެ. މައުލޫމާތު ލިބިފައިވާ ގޮތަކީ މި ކެރިއަރު ބޯޓަކީ 2200 ޓަނުގެ ބޯޓެކެވެ.
މި މަހުގެ 4 ވަނަ ދުވަހުން ފެށިގެން މިއަދާ ހަމައަށް އެކުންފުނިން މަސް ގަންނަމުން ދިޔައީ ކޮންމެ ދުވަހަކު ދޯންޏަކުން ގިނަވެގެން 10 ޓަނުގެ މަހެވެ.
ހޮރައިޒަން ކުންފުނިން މަސްގަތުން ކޮންޓްރޯލް ކުރިއިރު ފެލިވަރުން މަސްކިރަނީ ނަމްބަރު ދޫކޮށްގެން ކިޔު ތަރުތީބުންނެވެ. މިހެން ނަމްބަރު ނަގައިގެން ފަސް ވަރަކަށް ދުވަހު މަސް ނުކިރި ކިޔުގައި ތިބެންޖެހޭކަމުގެ ޝަކުވާތައް މަސްވެރިން އަންނަނީ ކުރަމުންނެވެ.
ރާއްޖޭގެ މަސްވެރިން ބާނާ މަސް ހަމަ އަގުގައި ގަތުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުން އަންނައިރު، މަސްވެރިން ބާނާ މަސް ބޭރަށް އެކްސްޕޯޓު ކުރުމުގައި ހުރި ގޮންޖެހުންތަކަށްވެސް ސަރުކާރުން އަންނަނީ ހައްލު ހޯދައިދިނުމަށް ކެނޑިނޭޅި މަސައްކަތް ކުރަމުންނެވެ.
ރާއްޖޭގެ މަސްވެރިން ބާނާ މަހުން ހަމަ އަގު ހޯދައިދީ، މަސްވެރިންނަށް ލުއި ފަސޭހަ ގޮތްތަކެއް ހޯއްދަވައި ދެއްވުމަކީ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހުގެ ރިޔާސީ ވައުދުފުޅެކެވެ. އަދި އެ މަނިކުފާނުވަނީ މަސްވެރިންގެ ޝަކުވާތަކަށް ހައްލު ހޯއްދަވައި ދެއްވާނެކަމަށް ވެވަޑައިގެންފައިވާ ވައުދު ފުއްދަވައިދެއްވާނެކަމުގެ ޔަގީންކަން ތަކުރާރުކޮށް އެކި މަންސަތަކުގައި އަރުވާފައެވެ.