ކ. ގިރިފުށީގައި އަންނަ ބުދަ ދުވަހު އަސްކަރީ ޚާއްސަ ތަމްރީނެއް ކުރިއަށް ގެންދާތީ ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން ޚާއްސަ ސަމާލުކަމެއް ދީގެން ދަތުރުފަތުރު ކުރުމަށް އިލްތިމާސްކޮށްފިއެވެ.
މޯލްޑިވްސް ޓްރާންސްޕޯޓު އޮތޯރިޓީން ބުނީ މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް އިން ކުރިއަށް ގެންދާ އަސްކަރީ ތަމްރީނުތަކެއް 16 އަދި 17 ޑިސެމްބަރު 2020 ވަނަ ދުވަހުގެ 18:00ން 22:30ށް ގިރިފުށީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާކަން އަންގާފައިވާ ކަމަށެވެ.
އެހެންކަމުން އެސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަމެއްދީގެން ދަތުރުފަތުރުގެ ކަންކަން ކުރިއަށް ގެންދިއުމަށް ޓްރާންސްޕޯޓު އޮތޯރިޓީން ވަނީ އިލްތިމާސްކޮށްފައެވެ.
މިތަމްރީންތަކާއި ބެހޭ ގޮތުން ޑިފެންސް މިނިސްޓްރީން ބުނީ ހަތިޔާރުގެ ގޮތުގައި ބޭނުން ކުރާނީ އޭކޭ ސީރީޒް ރައިފަލް ކަމަށެވެ. އަދި ތަމްރީނުގެ ބޭނުމަށް ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 4100 މީޓަރު ކަމަށާއި، ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 100 މީޓަރު ކަމަށެވެ.
އޭގެ އިތުރުން، ވައިގެ ސަރަޙައްދު ބޭނުން ކުރާނެ އެންމެ ތިރިމިނަކީ ސީ ލެވެލް ކަމަށާއި، ވައިގެ ސަރަހައްދު ބޭނުން ކުރާނެ މިސްރާބަކީ ގިރިފުށީގެ ރޭންޖްއިން ހުޅަނދު ދެކުނު ކަމަށެވެ.
އެމްއެންޑީއެފުން ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އެކި ފަހަރު މަތިން އަންނަނީ ޚާއްސަ އަސްކަރީ ތަމްރީނުތައް ކުރިއަށްގެންދަމުންނެވެ. އަދި ބޭރުގެ ގައުމުތަކާއި ގުޅިގެން ވެސް ޚާއްސަ ތަމްރީންތައް ބާއްވަމުންދެއެވެ.