ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 13:44
ޔާމީން ރަޝީދާއި ފަނޑިޔާރު ޝުޖާއު އުސްމާން
ޔާމީން ރަޝީދާއި ފަނޑިޔާރު ޝުޖާއު އުސްމާން
ގޫގުލް
ޔާމީން މަރާލުން
ފުރާނައާއި ފުރާނަފުޅު!
މައްސަލަތައް ބަލާފައި ނުވާކަމަށް ފަހުން ޔާމީން ޓްވީޓްކޮށްފައިވޭ
ޔާމީން ރަޝީދު މަރާލީ މަރާލާނޭ ކަމުގެ އިންޒާރު ދިނުމަށްފަހު
ދިރިހުރުމުގެ ހައްގަކީ ކޮންމެ އިންސާނަކަށް ވެސް ލިބެންޖެހޭ އަސާސީ ހައްގެއް

ކޮންމެ އިންސާނަކަށް ލިބިގެންވާކަމަށް އަހަރުމެން އެންމެން އެއްބަސްވާ އެންމެ އަސާސީ ޙައްޤަކީ ދިރިހުރުމުގެ ޙައްޤެެވެ. އިސްތިސްނާއެއްނެތި ހުރިހާ އިންސާނުން އިއްތިފާޤުވާ އަނެއް ޙަޤީޤަތަކީ މަރެވެ. މަރާ ކުރިމަތިލާން ނުޖެހޭނޭ މީހަކު ނުހުންނާނެއެވެ. އެހެންނަމަވެސް މަރު ކުރިމަތިވަނީ އެހެން އިންސާނަކު ކުރާ ޢަމަލަކުން ކަމަށް ވެގެން ނުވާނޭކަމަށް ޤަބޫލުކުރާ ފަލްސަފާގެ ނަތީޖާއަކީ ދިރިހުރުމުގެ ޙައްޤު ކޮންމެ އިންސާނަކަށްމެ ލިބިގެންވާކަމަށް މުޅި އިންސާނިއްޔަތު އިއްތިފާޤުވުމެވެ. ވަކި ނަސްލެއްގެ ވަކި ފަންތިއެއްގެ މީހަކަށްވީތީ، ނުވަތަ ވަކި ވަޒީފާއެއް އަދާކުރާތީ މި ޙައްޤު ލިބިދިނުމުގައި ތަފާތު ކުރެވުމެއްނެތެވެ.

ޤާނޫނުން ލިބޭ ރައްކާތެރިކަން ލިބުމުގައި އެންމެން ހަމަހަމަވާނޭކަމަށް ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގައި ލިޔެފައި އޮތީ ސާފު އިބާރާތުންނެވެ. އެހެންނަމަވެސް މި ޢިބާރާތް ކިޔައި، ތަންފީޛްކުރަން ތިބި ފަރާތްތަކުން މި ފަލްސަފާ ދަސްކުރީ “ހުރިހާ ޖަނަވާރުން ހަމަހަމައޭ! އެހެންނަމަވެސް ބައެއް ޖަނަވާރުން ތަންކޮޅެއް ބޮޑަށް ހަމަހަމައޭ” ބުނާ ފިލާވަޅު ނަގައިދިން އެނިމަލްފަރމް ގެ ފޮތުން ކަމަށް ފެނެއެވެ. ހަމަހަމަކަމާއި، އިންސާފު ދިވެހިރާއްޖޭގައި އޮތީ އެ ފޮތުގައި ބުނާ އޫރުންގެ ސަރުކާރުގައި އޮތް ހަމައިގައެވެ.

ޓްވީޓްއެއްގެ ފުލުގައި ޓްވީޓެއް ކުރި ޝުމްބާ ގޮންގްގެ މަތިން ހަނދާން އެބަހުރި ހެއްޔެވެ. ސްރީލަންކާގެ ޤާނޫނުތަކާ ޚިލާފަށް އޭނާ ސްރީލަންކާއިން ހައްޔަރުކުރީ ޕީ.ޕީ.އެމް ގެ ކައުންސިލް މެންބަރު ޒާހިދު ރަމީޒަށް ބިރު ދެއްކި ކަމަށްބުނާ މައްސަލައެއްގައެވެ. ޕީ.ޕީ.އެމް ގެ ކައުންސިލް މެންބަރެއްގެ ފުރާނަފުޅަށް ނުރައްކާވެދާނޭތީ، ޢަދުލުއިންސާފަށްޓަކައި ދިވެހި ފުލުހުން ގާދޫކޮލުން ބޭރަށް ދަތުރުކުރީއެވެ. އަޙްމަދު އަޝްރަފް ނުވަތަ ޝުމްބާ ގޮންގ އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތެއް ވަންދެން އޮތީ ބަންދުގައެވެ. އޭނާގެ ސަބަބުން ފުރާނަފުޅަކަށް ނުރައްކާވެދާނޭކަމަށް ދިވެހި ފުލުހުންނާއި، މުޅި ޢަދުލުއިންސާފުގެ ދާއިރާއަށްވެސް ފެނުނީއެވެ.

އޭގެ ކުޑަ ދުވަސްކޮޅެއް ފަހުން، އިންޒާރު ދިނުމާއި، ބިރު ދެއްކުމުގެ ތުހުމަތުތަކުގައި ފުލުފުލުގައި މީހުން ހައްޔަރުކޮށްފައިވެއެވެ. ނުރައްކާ ކޮށްފާނޭކަމުގެ އިންޒާރު ދީފައި އޮތްކަމަށްވަނީ ފުރާނަފުޅުތަކަކަށެވެ.

ދެން ޔާމީން ރަޝީދުގެ ވާހަކައެވެ. ރަތް ކުލައިގެން ޕުއްޕާހަމަކުން ވަދާއީ ސަލާން ކުރުމަށްފަހު، މިދުނިޔެއާ ވަކިވެދިޔައީ ރަހުމު ކުޑަ ބައެއްގެ ހަމަލާގެ ޝިކާރައަކަށް ވެގެންނެވެ. ޔާމީން ރަޝީދު މަރާލީ މަރާލާނޭ ކަމުގެ އިންޒާރު ދިނުމަށްފަހުގައެވެ. އެންމެ ފަހަރަކު ނޫނެވެ. އެތައް ފަހަރަކު، އެތައް ގޮތަކަށެވެ. ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވާ، ޤާނޫނުގެ ރައްކާތެރިކަން ލިބުމުގައި ހަމަހަމަވުމުގެ ޙައްޤާއި، ދިރިހުރުމުގެ ޙައްޤު އޮތް ދިވެހި ދަރިއަކަށްވީތީ، ސަލާމަތީ ބާރުތަކަށް ވަގުތުން މައްސަލަ ހުށަހެޅިއެވެ. އެ މައްސަލަތައް ބަލާފައި ނުވާކަމަށް ފަހުން ޔާމީން ޓްވީޓްކޮށްފައިވެއެވެ. އޭގެ ފަހުންވެސް އިންޒާރު ލިބިގެން މައްސަލަ ހުށަހެޅިއެވެ. އެފަހަރުވެސް މައްސަލަ ބަލާފައެއް ނުވެއެވެ.

ޔާމީން ރަޝީދު ހުށަހެޅި މައްސަލައިގެ ފައިލަށް ހިރަފުސް އަރަން ދޫކޮށްލާފައި އޮއްވައި، ދިވެހިރާއްޖޭގެ ހައިކޯޓުގެ ފަނޑިޔާރު، ޝުޖާޢު އުޘްމާނުގެ ފުރާނަފުޅަށް ގެއްލުން ދޭން ރޭވިކަމުގެ ތުހުމަތުގައި ދައުލަތުގެ އިސް މަޤާމެއްގައި ހުރި މީހަކު ހިފައި ހައްޔަރުކުރެވުނެވެ. ފަނޑިޔާރުގެ ފުރާނަފުޅުގެ ސަލާމަތަށްޓަކައި އޭނާ ހުރަގޭގައި ބަންދުކުރުމަށް ފަނޑިޔާރުގެއިންވެސް އަމުރު ކުރީއެވެ. ޔާމީން ރަޝީދު ހުށަހެޅި މައްސަލަ އޮތްގޮތަށް އޮތީއެވެ. އޭގެ މަތީން ހަނދާންހުރީ ހަމައެކަނި ޔާމީންއެވެ. އެ ބިރުވެރިކަމުގެ ތެރޭގައި ހާދަ ދުވަހަކު އުޅެފައި ހުންނާނެއެވެ.

ފުރާނަފުޅުތައް ސަލާމަތްކުރުމަށް އަވަސް ފިޔަވަޅު އެޅުއްވި ފުލުހުންނަށް ފުރާނައެއް ސަލާމަތްކުރުމަށް އެޅުނު ފިޔަވަޅެއް ނެތެވެ. ފުލުހުންނާއި ދައުލަތް ވާނުވާގައި ތިއްބާމ ޔާމީން ރަޝީދު މަރާލީއެވެ. އެކަން އެބަ ދިމާވާކަން ޔާމީން ރަޝީދު ވަނީ ފުލުހުންނަށް އަންގާފައެވެ. ޔާމީން ރަޝީދު މަރާލަން ފުރުސަތު ދިނީއޭ ބުނުން ދޮގަކަށް ނުވާނެއެވެ. ފުރާނަފުޅަކަށް ނުވީތީ ޔާމީންގެ ޝަކުވާ ބަލައި، ފިޔަވަޅު އެޅުން ފުލުހުންނަށް މުހިންމު ނުވީއެވެ. ޔާމީން ރަޝީދު ޚަރަދުކުރި ޓެކްސްގެ ފައިސާއިން މުސާރަ ނަގާއިރު، އެ މުސާރަ ޙަލާލުވާނޭ މިންވަރަށްވެސް މަސައްކަތެއް ނުކުރެވުނެވެ.

ފުރާނައަށް ނުރައްކާ ކޮށްފާނޭކަމަށްބުނެ އެއްވެސް މީހަކަށް އިންޒާރެއް ލިބިއްޖެނަމަ އެކަމެއް ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައެވެ. އެފަދަ މީހަކަށް ސެކިއުރިޓީ ދިނުމާއި، ބަލަމުން ގެންދިއުމަކީ، ތަޙްޤީޤްކުރުމާއެކު ހިންގާ އިޖުރާއަތެކެވެ. ރާއްޖޭގައިވެސް މިކަން އޮތީ މިހެނެވެ. ހަމައެކަނި ތަފާތުވަނީ އެ ޚިދުމަތް ލިބޭ ގިންތިއެވެ. ފުރާނައެއް ނެތިގެންދާއިރު އަޅާނުލާ ތިއްބަސް ފުރާނަފުޅަކަށް ގެއްލުމެއް ވާން ދިވެހި ފުލުހުން ދޫކޮށެއް ނުލައްވާނެއެވެ.

 

އެޑިޓަރުގެ ނޯޓް: މިއީ ގާނޫނީ ވަކީލު މަހުފޫޒް ސައިދު ލިޔުއްވާފައިވާ ލިޔުމެކެވެ. މަހުފޫޒަކީ ރައީސް މުހައްމަދު ނަޝީދުގެ ގާނޫނީ ވަކީލުންގެ ޓިމުގެ މެންބަރެއްގެ އިތުރުން ޖިނާއީ ބޮޑެތި މައްސަލަތަކުގައި ވަކާލާތު ކޮށްފައިވާ އަދި ކުރައްވަމުން ގެންދަވާ ވަކީލެކެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
27 އޭޕްރިލް 2017 | ބުރާސްފަތި 17:28
Andres
Why maldives police service is not telling the truth...
26 އޭޕްރިލް 2017 | ބުދަ 20:32
Malcolm x
Why dont you guys mention other tweets from him. He should have been prosecuted and kept protected inside concrete walls. Murder could have been avoided easily then. Btw same goes for the judge.
26 އޭޕްރިލް 2017 | ބުދަ 12:04
ހ މ ޒ
ކުށެއް ނުކުރާ ކުޑަކުއްޖަކު ގަސްތުގާ މަރާލީ މަ މިވާހަކަ ގިނަ ގިނައިން ދައްކާ ހިމޭންކަމުގެ ސުކޫތު ގެނެސް ފުއްޕާހަން އަރުވާނެ މީހަކު ނެތީތޯ!؟
26 އޭޕްރިލް 2017 | ބުދަ 09:53
Xia
Google did not take those pictures of those people.