ޕްރިމިއާ ލީގުގައި ޓޮޓެންހަމް ހޮޓްސްޕާސްގެ އުންމީދުތަކަށް ހުރަސްއަޅާ ޑިއެގޯ ކޯސްޓާ ޗެލްސީ މޮޅުކޮށްދީފި އެވެ.
އަންގާރަ ދުވަހުގެ ރޭ ކުޅުނު މި މެޗު ސައުތްހެމްޕްޓަންއާ ވާދަކޮށް ޗެލްސީން މެޗު ކާމިޔާބުކުރީ 2-4 ގެ ނަތީޖާއަކުންނެވެ.
ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން ފަސް ވަނަ މިނެޓުގައި އެޓީމުން ވަނީ މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އެޑެން ހަޒާޑް އެވެ.
މި ލަނޑަށްފަހުވެސް ޗެލްސީން ދިޔައީ ސައުތްހެމްޕްޓަންގެ ގޯލަށް ނުރައްކާކުރަމުންނެވެ. އެހެންނަމަވެސް 24 ވަނަ މިނެޓުގައި ސައުތްހެމްޕްޓަންގެ ރޯމެއު ވަނީ އެޓީމަށް މެޗުގެ ނަތީޖާ ހަމަހަމަކޮށްފައެވެ.
މި ލަނޑާއެކު ޗެލްސީން އެޓީމުގެ ހަމަލާތައް ވަރުގަދަކޮށްފައިވާއިރު، ފުރަތަމަ ހާފްގެ އިތުރުވަގުތުގެ ތެރޭގައި ޗެލްސީގެ ގެރީ ކެހިލް ވަނީ އެޓީމަށް އަނބުރާ ލީޑު ހޯދައިދީފައެވެ. މި ލަނޑުތަކާއެކު ފުރަތަމަ ހާފް ނިމުނީ 1-2 ގެ ނަތީޖާއިން ސައުތްހެމްޕްޓަންގެ މައްޗަށް ޗެލްސީ ކުރިހޯދައިގެންނެވެ.
ދެވަނަ ހާފް ފެށިގެން ޗެލްސީން އެޓީމުގެ ކުޅުން ރަނގަޅުކޮށްފައިވާއިރު، އެޓީމުން ވަނީ ލަނޑު ޖެހުމަށް އިތުރު ފުރުސަތުތަކެއް ހޯދާފައެވެ. އެގޮތުން 53 ވަނަ މިނެޓުގައި އެޓީމުން ވަނީ ލީޑު ފުޅާކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިއެގޯ ކޯސްޓާ އެވެ.
މި ލަނޑުތަކާއެކު މެޗު ނިމެންދަނިކޮށް ޗެލްސީއަށް މެޗުގައި އެޓީމުން ޖެހި ހަތަރު ވަނަ ލަނޑު ކާމިޔާބުކޮށްދިނީވެސް ކޯސްޓާއެވެ. އޭގެ މިނެޓެއްފަހުން ބާޓްރެންޑް ސައުތްހެމްޕްޓަން އަށް ނަތީޖާގެ ފަރަގު ވަނީ ކުޑަކޮށްދީފަ އެވެ.
މި ނަތީޖާއާއެކު ޗެލްސީ އޮތީ ކުޅުނު 33 މެޗުން ލިބުނު 78 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ އެއްވަނައިގަ އެވެ. މެޗުން ބަލިވި ސައުތްހެމްޕްޓަން އޮތީ ކުޅުނު 32 މެޗުން ލިބުނު 40 ޕޮއިންޓާއެކު ޕޮއިންޓް ތާވަލުގެ ނުވަ ވަނައިގައެވެ.
ޕޮއިންޓް ތާވަލަށް ބަލާއިރު، ޗެލްސީ ވަނީ އެއް މެޗު މަދުން ކުޅެގެން 71 ޕޮއިންޓާއެކު ދެވަނައިގައި އޮތް ޓޮޓެންހަމްއަށްވުރެ ހަތް ޕޮއިންޓް ކުރީގައެވެ. ލީގު ނެގުމާ ކައިރިޔަށް ޗެލްސީ ޖެހިލާފައިވާއިރު، މި މޮޅާއެކު ޓޮޓެންހަމް ކުރަންޖެހޭ މަސައްކަތް ވަނީ އިތުރުވެފައެވެ.