ކ. މާލެ
|
26 އޭޕްރިލް 2017 | ބުދަ 07:27
ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން
ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން
ރާއްޖެއެމްވީ
މާލޭ ލީގު
ވިކްޓްރީ އަށް ގަދަ ހަތަރެއްގެ ފުރުސަތު މިދަނީ ބަންދުވާން، މިއީ ބޮޑު ގެއްލުމެއް: ސުޒެއިން
ވިކްޓްރީ މި ސީޒަނުގައި މެޗަކުން މޮޅެއް ނުވޭ
ވިކްޓްރީ އޮތީ ޕޮއިންޓް ތާވަލުގެ ހަތްވަނައިގައި

ވިކްޓްރީ ސްޕޯޓްސް ކްލަބަށް ގަދަ ހަތަރެއްގެ ފުރުސަތު ބަންދުވާން މިސްރާބު ޖަހާފައިވާ ކަމަށާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން ބަލިވުމަކީ ވަރަށް ބޮޑު ގެއްލުމެއް ކަމަށް ވިކްޓްރީގެ ކޯޗު އަލީ ސުޒެއިން ބުނެފިއެވެ.

މެޗަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެމުން ސުޒެއިން ބުނީ މިހާރު ވިކްޓްރީ އޮތް ހަލާތަށް ބަލާފައި ގަދަ ހަތަރަކަށް ދިއުމަށް އޮތް އުންމީދު ބަންދުވާން މިސްރާބު ޖަހާފައިވާ ކަމަށެވެ.

އެހެންނަމަވެސް ސުޒެއިން ބުނީ މެޗުގައި ވިކްޓްރީ ދެއްކި ކުޅުމާ މެދު ހިތްހަމަޖެހޭ ކަމަށާއި، މެޗުގައި ހަމައެކަނި ނުކުރެވިދިޔަ ކަމަކީ ލަނޑެއް ނުޖެހި ނިންމާލަން ޖެހުން ކަމަށެވެ.

މާޒިޔާ ކިތަންމެ ވަރުގަދަ ނަމަވެސް ވިކްޓްރީއަށް ރަނގަޅު ހަމަލާތައް އުފެއްދިފައިވާ ކަމަށްވެސް ސުޒެއިން ވަނީ ބުނެފައެވެ. އެގޮތުން އޭނާ ބުނީ މާޒިޔާ ޓީމުން ވިކްޓްރީގެ ހަމަލާތައް ދިފާއުކުރުމަށް ވަރުގަދަ ޑިފެންސެއް ދެއްކި ކަމަށެވެ.

ސުޒޭން ބުނީ ނޫސްވެރިން ޒިންމާދާރުވާން ޖެހޭ ކަމަށާއި، ބެންޗުގައި ތިބޭ މީހުން ދަނޑުމަތީގައި ތިބެ ވަޅިހަރަން ގޮވާ ލެވެލްއަށް ދާނަމަ ފުޓުބޯޅަ ކުޅެން ބޭނުންނުވާ ކަމަށެވެ. މީގެއިތުރުން އޭނާ ބުނީ ރެފްރީއަށް އިންޒާރުދީގެން ކުޅޭ ފުޓުބޯޅަ ނުދަންނަ ކަމަށެވެ.

ވިކްޓްރީގެ ކޯޗުކަމާ ސުޒެއިން ހަވާލުވީ ލީގު ފަށަން ވަރަށް ކައިރިވެފަ އޮއްވައެވެ. ކޯޗުކަމާ ހަވާލުވެ، ސުޒެއިން ވަނީ ޓީމު އެކުލަވާލަން ދުވަސް ބޭނުންވާ ކަމަށް ބުނެފައެވެ. ވިކްޓްރީ ވަނީ މި ސީޒަނުގައި ކުޅުނު ފަސް މެޗުގެ ތެރެއިން ތިން މެޗުން ބަލިވެ، އަނެއް ދެ މެޗުން އެއްވަރުވެފައެވެ.  

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް