ކ. މާލެ
|
30 ނޮވެންބަރ 2020 | ހޯމަ 08:05
ގެއެއްގެ ދޮރު ނުހުޅުވުމުން، ފާރުގައި ބާގަނޑެއް ހަދާފައި (ވ) އަދި މަސްތުވާތަކެތި ހޯދުމަށް ޖަންގުޝަނެއްގެ މަތިގަނޑުނަގައިގެން ބަލަނީ
ގެއެއްގެ ދޮރު ނުހުޅުވުމުން، ފާރުގައި ބާގަނޑެއް ހަދާފައި (ވ) އަދި މަސްތުވާތަކެތި ހޯދުމަށް ޖަންގުޝަނެއްގެ މަތިގަނޑުނަގައިގެން ބަލަނީ
ރާއްޖެއެމްވީ
ނޫސްވެރިން ކާޓަލްތަކަށް
ނުހުޅުވުމުން ފާރުގައި އެޅީ ބާގަނޑެއް، އެކަމަކު ހޯދުނީ 8 ޕެކެޓް!
މީޑިއާއެކު ފުލުހުން ހިންގި އޮޕަރޭޝަނުގައި ހަތަރު މީޑިއާކުން ބައިވެރިވި
ހައްޔަރުކުރީ ކޯޓު އަމުރުގެ ދަށުން

މުޅި ސަރަހައްދަށް ކުއްލިއަކަށް ވެރިވެގެން ދިޔައީ އެއްޗެއްގެ ބާރުގަދަ އަޑުފަށްގަނޑެކެވެ. ފެނިގެން ދިޔައީ އެ އަޑުފަށްގަނޑާއެކު ގޭގެ ބެލްކަނިތަކުން މީހުން ވާނުވާ ބެލުމަށް ނިކުމެ ތިބި މަންޒަރެވެ. އާންމުންނަށް އެހިސާބަށް ގާތް ނުވެވޭތީވެ އެ މީހުން ތިބީ "ވާނުވާ"އެއްގެ ތެރޭގައެވެ. އިވެމުން ދަނީ ތަނެއް "ފުނޑާލާ" ފަދަ ބާރު އަޑުފަށްގަނޑެކެވެ.

އަޑު އައީ ގަލޮޅު ސަހަރާގެ އިރު ދެކުނު ކަންމަތީ ހުރި މެމޮރީވިލާ ކިޔާ ގެއެއް ހުންނަ ހަނި ގޯޅި ތެރެއިންނެވެ. އެ އިވެމުން ދިޔަ އަޑަކީ ފުލުހުން އެ ގޭގެ ތެރެއަށް ވަންނަން ކުރަމުން ދިޔަ މަސައްކަތުގެ އަޑެވެ. މަސްތުވާތަކެތި ގެންގުޅެ އަދި ވިއްކާ މީހުންތަކެއް ހައްޔަރު ކުރަން ކޯޓު އަމުރުގެ ދަށުން ފުލުހުންގެ އެ ގޭގެ ދޮރުގައި ތަކުރާރުކޮށް ޓަކި ޖަހައިގެން ވެސް ކާމިޔާބެއް ނުވިއެވެ. އެ ހިސާބުން ފުލުހުންނަށް މަޖުބޫރުވީ ބާރުގެ ބޭނުންކޮށްގެން އެގެއަށް ވަންނާށެވެ. އެގޮތުން އެ ގެއާ އިންވެގެން ހުރި ގޭގެ ގޯޅި ތެރެއިން، މެމޮރީވިލާގެ އިންފާރުގައި ބާގަޑެއް ހަދައިގެން އެގެއަށް ވަންނާށެވެ.

މެމޮރީވިލާ އަށް ވަންނަން ފުލުހުން ހެދި ބާގަނޑު. ފޮޓޯ: ރާއްޖެ.އެމްވީ

ކަން ދިމާކުރި ގޮތުން ފުލުހުންގެ ޑްރަގް އެންފޯސް ޑިޕާޓްމެންޓް (ޑީއީޑީ)އިން ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި މީޑިއާއެއްގެ ހައިސިއްޔަތުން ބައިވެރިވެ، އެ މަންޒަރުތައް ގާތުން ބަލާލުމުގެ ފުރުސަތު ރާއްޖެ ޓީވީގެ ޓީމަށް ވެސް ލިބުނެވެ.

ކުރިން މި ފާހަގަކުރި ބާރުގަދަ އަޑުފަށްގަނޑަކީ އެއީއެވެ. ފުލުހުން އެގެއަށް ވަންނަން މަސައްކަތްކުރަމުން ދިޔަ ވަގުތު އެތަނުގެ ފާހާނާއަކުން ފްލެޝް ކުރަމުން ދިޔަ އަޑު އިވެމުންދިޔައެވެ. އެ އަޑު ދިޔައީ ތަކުރާރުވަމުންނެވެ. އެ ހިސާބުން އެތެރޭގައި މީހަކު ނުވަތަ ބަޔަކު އުޅޭކަން ފުލުހުންނަށް ވެސް ޔަޤީންކުރެވުނެވެ.

މެމޮރީވިލާގެ އިންފާރުން ހެދި ބާގަނޑުން ފުލުހުން އެތަނަށް ވަދެ ދޮރުހުޅުވިއެވެ. އެ ދޮރަކީ ދަގަނޑުން ހަދައި ސެކިއުރިޓީ ވަރުގަދަ ކޮށްފައި ހުރި ދޮރެކެވެ. ދޮރުގެ މެދުގައި ކުޑަ ލޯވަޅެއް އަޅާފައިވެއެވެ. އޭގެ ބޭނުމަކީ ބޭރުގައި ހުރީ ކާކުތޯ ބެލުމެވެ. ޝައުގުވެރިކަމާ އެކު އެތެރެ އަށް ހިނގައިގަތްއިރު ފުރަތަމަ ވެސް ލޮލުގައި އަޅައިގަތީ އެ ތަނުގައި ހުރި ސޯފާއެއް ކައިރީގައި ހުރި މީހެކެވެ. އިސްތަށިގަނޑު ދިގުކޮށް ހުރި މި މީހާ އަކީ ފުލުހުން ހައްޔަރު ކުރަން ބޭނުންވި ޝާހު (އަސްލު ނަމެއް ނޫން) އެވެ. ފުލުހުންގެ އަމުރަށް ބޯލަނބައިގެން ދެ އަތް މައްޗަށް ނަގައިގެން ހުރި ޝާހު ގާތުގައި ފުލުހުން ފުރަތަމަ ވެސް ކުރި ސުވާލަކީ ބޭނުން ކުރަމުން ދިޔަ މަސްތުވާތަކެތި ފުލަޝްކޮށްލީތޯއެވެ؟ ނަމަވެސް އޭނާ އެކަމަށް އިންކާރު ކުރިއެވެ.

ސިޓިން ރޫމުގެ އެތެރެއަށް ނަޒަރު ހިންގާލިއިރު ފަތި ޓީވީއަކާއި އެ ޓީވީ ކުރިމަތީގައި ޕީއެސް އެއް ހުއްޓެވެ. ނަމަވެސް އެތަނަށް ބަލާފައި އެއީ ސީދާ މީހުން ދިރިއުޅެން ހަދާފައި ހުރި ތަނަކާއި އެއްވެސް ވައްތަރެއް ނޫނެވެ. ހަގީގަތުގައި އެތަނަކީ ސީދާ މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހަދާފައިވާތަނެއްކަން އެނގެއެވެ. އެތަން ތައްޔާރުކޮށްފައި ހުރީ އެ ހިދުމަތްދޭށެވެ. އާންމުކޮށް މި ކިޔާ "ކެފޭ އުސޫލުން މަސްތުވާން" ދޫކުރާ މި ތަން ފުލުހުން ބަލައި ފާސް ކުރަމުން ދިޔައިރު، ޝާހުގެ ޖިންސުގެ ޖީބުން ނަގުދު 6500 ރުފިޔާވެސް ފެނުނެވެ. އެ ހައި ބޮޑު އަދަދެއްގެ ފައިސާ ހޯދީ ކޮންތާކުންތޯ އެ ތަނުގައި އެވަގުތު ތިބި ފުލުހުންނާއި ނޫސްވެރިން އެހުމުން ޝާހު ބުނީ، އޭނާ އަކީ ކަންނެލި ދޯންޏެއްގައި މަސައްކަތްކުރާ މީހެއް ކަމަށާއި، ދުވާލެއްގެ މައްޗަށް އެ ދޯނިން ބޮޑު އާމްދަނީއެއް ލިބޭ ކަމަށެވެ.

ޝާހްގެ ޖީބުން ފުލުހުން ހޯދި ފައިސާތައް. ފޮޓޯ: ރާއްޖެ.އެމްވީ

އަހަރެންވެސް އިތުރަށް ވާނުވާ ބެލުމަށް ފުލުހުންގެ އިރުޝާދުގެ ދަށުން އެތަނުގައި އެހެން ނޫސްވެރިންނާ އެކު ހަރަކާތްތެރިވާން ފެށީމެވެ. އެތަނުގެ ތެރޭގައި ލަކުނޑިން ހަދާފައިވާ ސިޑިއަކުން މައްޗަށް ދެވޭނެ ގޮތަށް އިތުރު ޑެކެއް އަޅާފައިވެއެވެ. ފުލުހުންނާއެކު އެތަނަށް އެރިއިރު، ފީވާން ކައިރިވެފައި ހުރި ކަބަޑުގެ އެތެރޭގައި ގިނަ އަދަދެއްގެ ފޯނާއި ހުސް ރަބަރު ޕެކެޓުތައް ހުއްޓެވެ. ގިނައީ ސްމާރޓް ފޯނެވެ. އޭގެ ތެރެއިން އަހަރެންގެ ލޮލުގައި އަޅައިގަތީ ކަބަޑު ތެރޭގައި އޮތް ފޮތެކެވެ. ފޮތް ހުޅުވާލުމުން ބޮޑަށް ސިފަވީ ކުރީ ޒަމާނުގެ ވިޔަފާރީގެ ހިސާބުކިތާބު ބެލެހެއްޓުމަށް ވަތްގަނޑުގައި އޮންނަ ވިކުރާ ފޮތެއް ހެންނެވެ. "ކޮކީ ދޭން ޖެހޭ 20،000، އައްމަޑޭ ދެ ޝޮޓް ޖަހާފައި ލާރި ނުދީ، ތޮއްޓި އެޑްވާންސަށް 5000 ދީފައި" މިކަހަލަ އިބާރަތްތައް ފޮތުގައި ރެކޯޑު ބެލެހެއްޓިފައި ހުއްޓެވެ.

މެމޮރީވިލާ ގައި ފުލުހުން ކުރިޔަށް ގެންދިޔަ އޮޕަރޭޝަންގެ ތެރެއިން. ފޮޓޯ: ރާއްޖެ.އެމްވީ

ހަތަރު ވަރަކަށް ގަޑިއިރަށް ކުރިއަށް ދިޔަ މި އޮޕަރޭޝަނުން ފުލުހުންނަށް ގޭތެރެއިން މަސްތުވާ އެއްޗެއް ނުފެނުނެވެ. އެތެރެއަށް ވަންނަން މަސައްކަތް ކުރިއިރު އިވުނު ފްލަޝްގެ އަޑަކީ މަސްތުވާތަކެތި ފްލަޝްކުރި އަޑަށް ވެދާނެ ކަމަށް ބަލައި، އެހިސާބުން ފުލުހުން ބޭނުންވީ ޖަންކްޝަންގެ މަތިގަނޑު ނަގައިގެން އިތުރަށް ބެލުމަށެވެ. މިއީ މީޑިއާތަކާއެކު ހިންގާ މިފަދަ ފުރަތަމަ އޮޕަރޭޝަަނަށްވުމާ އެކު ފުލުހުން ބޭނުންވީ ވީހާވެސް ދެފުށް ފެންނަ ގޮތަށް އޮޕަރޭޝަން ކުރިއަށް ގެންދިޔުމަށެވެ. ދެމިގެންދިޔަ ކުށުގެ ވެށީގައި ހިނގަމުންދިޔަ ކަންތައްތައް ނޫސްވެރިންގެ ލޯމައްޗަށް ނިއުޅެމުންދިޔައެވެ.

ފުލުހުން މަސައްކަތް ކުރީ ވިސްނުންތެރިކަމާއި ހިކުމަތްތެރިކަމާއެކުގައެވެ. ޖިނާއީ ތަހުގީގެއްގައި ފުރިހަމަ ކުރަންޖެހޭ އިޖުރާއަތުތައް ފުލުހުން ކުރިއަށް ގެންދިޔައީ ޤާނޫނުގައި ބުނެފައިވާ ޕްރޮފެޝަނަލިޒަމްގެ ތެރޭގައިކަން ސާފެވެ. ހަގީގަތް ދެނެގަތުމަށް، ފުލުހުން ނުފޮރޮޅާނެ ގަލެއް ނެތް ކަން ސާފުވެގެން ދިޔައީ ފާހާނައިން ފްލެޝްކޮށްކުރި މަސްތުވާތެކެތި، ޖަންގުޝަނަށް ގޮސްފައިހުރިތޯ ބެލުމަށް ކުރި މަސައްކަތެވެ.

މަސްތުވާތަކެތި ނިޒާމުން ގެއްލުވާލަން މަސައްކަތް ކުރި ޝާހު ހާޒިރުގައި ފުލުހުންގެ ތަހުގީގު ޓީމުން ޖަންކްޝަންގެ މަތިގަނޑު ނެގިއެވެ. ބާލިދީން ފެންއަޅައި ދެތިން ފަހަރު ފާހާނާ ފްލަޝް ކުރުމާ އެކު، ޖަންކްޝަން ހޮޅިން ބޮޑުކަމުދާ ތަކެއްޗާއެކު އަންނަން ފެށީ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ރަބަރު ޕެކެޓުތަކެކެވެ. އެގޮތުން 8 ވަރަކަށް ޕެކެޓް ޖަންގުޝަނުން ފުލުހުން ނެގިއެވެ. ބަލަންޖެހޭ ބެލުންތަކަށްފަހު ފުލުހުން ބުނީ، މިއީ މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ "ޗަރަސް" ކަމަށް ބެލެވޭ ކަމަށެވެ. އެ ޕެކެޓްތަކުގެ ތެރެއިން މަސްތުވާތަކެތި ހުރީ ހަތް ޕެކެޓުގައެވެ. ދެން އޮތީ ހުސް ޕެކެޓެކެވެ.

ޖަންގުޝަނުން މަސްތުވާތަކެތި ނަގަމުންދިޔަ ވަގުތު ތުހުމަތު ކުރެވޭ މީހާ "ޗޮސް" ތަޅަމުންދިޔައެވެ. އެއީ އޭނާ ބެހޭ އެއްޗެއް ނޫން ކަމަށް ބުނެ، ބަހަނާ ދައްކަމުން ދިޔައެވެ. ބޯދިގުކޮށް، އަތްދިގު ގަހީމެއް ލައިގެން، ހުރި ރޫފަ ދެރަވަރު އެ ޒުވާނާ ދައްކަމުންދިޔަ ވާހަކަތަކަށް ފުލުހުން ފަރުވާލެއް ނުބަހައްޓައެވެ. އޮޕަރޭޝަން ފުރިހަމަކުރީ ފުލުހުންގެ ތަމްރީނާއި ހުނަރާއި ގާބިލިއްޔަތު ތަންދިން އެންމެ މަތީ ދަރަޖައިގައިކަން ކަށަވަރެވެ.

ޖަންކްޝަންގެ މަތިގަނޑު ނެގުމުގައި ފުލުހުންގެ ތަހުގީގު ޓީމުން ހަރަކާތްތެރިވަނީ. ފޮޓޯ: ރާއްޖެ.އެމްވީ

އެ ހިސާބުން ފުލުހުން މެމޮރީވިލާގައި ހިންގި އޮޕަރޭޝަން ނިމުމަކަށް ގެނެސް، ގޭތެރޭގައި ހުރި މީހާ ފުލުހުންގެ ހައްޔަރަށް ގެންދިޔައެވެ. އަދި އެރެއަށް ފުލުހުން ހިންގި އޮޕަރޭޝަން ނިންމާލިއެވެ.

ނޫސްވެރިންނާއެކު ކުރިއަށް ގެންދިޔަ 3 ދުވަހުގެ ޑްރަގު އޮޕަރޭޝަންގައި މި ގެނެސްދިނީ ފުރަތަމަ ދުވަހު ހިންގި އޮޕަރޭޝަންގެ މަންޒަރުތަކާއި ވާހަކަތަކެވެ. ފުލުހުން ސިލްސިލާކޮށް ކުރިއަށްގެންދާ މި އޮޕަރޭޝަންގެ ދެން ހުރި ބައިތައް ކިޔުންތެރިންނާ ހިސާބަށް ގެނެސްދެމުންދާނަމެވެ.

ނޯޓް: މި އޮޕަރޭޝަންތަކުގައި ހައްޔަރު ކުރި މީހާގެ ވަނަވަރު ހާމަ ކުރަން އެ މީހުން އެއްބަސްވި ނަމަވެސް، އެއީ ފަހުންވެސް މި ވަބާއިން ރަނގަޅުވެ، މުޖުތަމައަށް ބޭނުންހިފޭ ބައެއްގެ ގޮތުގައި ނުކުންނަން ތިބި މީހުންނަށް ވުމުގެ އުއްމީދު އޮތުމާއެކު، މި ރިޕޯޓުގައި އެމީހުންގެ ވަނަވަރު ހިމަނާފައެއް ނުވާނެއެވެ.

- ކޮމެންޓް
2 ޑިސެންބަރ 2020 | ބުދަ 14:32
ހުދުހުދު
ތިޔަހެން ނުހައްދަވާ އެކުދިންނަށް ބޮވެން ޖެހޭނެ.ނުބޮއި އެކުދިން ސަލާމަތެއް ނުވާނެ ކަމަށް ހިތްތައް ފަނާ ކުރަނިވި ރައީސް އޮތީ ވިދާޅުވެފަ.
1 ޑިސެންބަރ 2020 | އަންގާރަ 18:16
ޙަބީބު.
ނުވާނެ ރަނގަޅެއް ގުރުއާނައް ތަބާވެ މަރުގެ އަދަބު ވަގުތުންދިނުމުން ތިކަންކުރަމީހުން ދެނެއްނުތިބޭނެ ތިމީހުން އަދިވެސް ތިކަންކުރާނެ ތީގެން ނިކުންނާނީ ތީގަހުރިދިޔަ
1 ޑިސެންބަރ 2020 | އަންގާރަ 08:16
ކަައެ ބައްޕަ
ހައްހަ އޭނާ ހުރި އެޕާޓްމެންޓުން ފެންނަ އެއްަޗިސް އައް އޭނާ ޒިއްމާ ވާން ޖެހޭނީ ، އޭނާ ހުރި އެޕާޓްްމެންޓުން އުން އެއްވެސް މަސްތުވާއެއްޗެއް ނުފެއްނަ ކަމައް ހަބަރުގަވެސް މިއޮތީ ، އަދި އޭނާ އެ ގެއިން ފާހަނާ ފުލަށް ކުރީ ފާހަނާ ކުރަން ކަމުގާވެސް ހަމަ ވެދާނެ. ރާއްޖެ ޓީވީން މީހެއްގެ ބޮލުގާ ތިވަރު ކަމެއް އަޅުވާއިރު ސާބިތު ވާވަރައް ހެކި ނެއްކަން އަޅުގަނޑު ފާހަގަ ކޮއްލަން ބޭނުން ، އަދި ދިވެހި ފުލުހުންނާ މީޑިއާ ގުޅުގިގެން ތި ފެއިލްވި މިށަން ގާ އެގޭގާ އެޅި ލޯވަޅު ބައްދާލަދޭނެ ކަމައް އުއްމީދު ކުރަން. ށުކުރިއްޔާ.
30 ނޮވެންބަރ 2020 | ހޯމަ 22:46
Ko
30 ނޮވެންބަރ 2020 | ހޯމަ 16:40
އާސިމާ
ވަރައްރަނގަލު.😃
30 ނޮވެންބަރ 2020 | ހޯމަ 16:27
ހަހަސަން
ރެޑްވޭވް ސަލީމް ހައްޔަރުކޮށް މަސްތުވާތަކެތީގެ ކަންތައްގަނޑު އެއްކޮށް ނިންމާލަމާ؟ ނުވާނެ. މިއޮތީ އެންމެނަށް އެނގޭ ބޮޑު ސިއްރު. އެޕާރޓްމަންޓް ހިފައި މަސްތުވާތަކެއްޗާއި ލާރިދީ ޒުވާނުންގެ ދުވަސް ދުއްވާލަނީ. އިންނާނީ ގާނޫނު ހަދާ މަޖިލީހުގަ
30 ނޮވެންބަރ 2020 | ހޯމަ 15:22
ފުލުހުންނަކީ އަބަދުވެސް ޕްރޮފެޝަނަލްކޮށް މަސައްކަތްކުރާ ބައެއް. ސިޔާސީ ވާދަވެރިކަމުގައި އަބަދުވެސް ދަނީ ފުލުހުންގެ އަގުވައްޓާލަމުން. ރައްޔެތުމީހާއަށް ވިސްނައިދެނީ އަބަދުވެސް ފުލުހުން އަނިޔާކުރާ ކަމާ ފުލުހުން ކަންތައް ކުރަމުންދަނީ އޭރުއޮންނަ ސަރުކާރުގެ އިސްވެރިން އަންގާގޮތްކަމަށް. ކުރިން އެކަންކުރަމުން ދިޔައީ މި ނޫސް ހިންގާ މީހުންނާ ރާއްޖެ ޓީވީ. މިހާރު އެކަން ކުރަނީ ޗެނަލް13 އިން.
30 ނޮވެންބަރ 2020 | ހޯމަ 14:41
ވަޮލް0070
ތި ކަންތަކުން ސަލާމަތެއް ނުވާނެ. ވަނަވަރު ފޮރުވުމުގެ ބޭނުމެއް ނެތް. ތިއީ ވަބާއެއް ބަޔެއް ނޫން. ޑްރަގް ބޭނުން ކުރުން އެއީ ބަޔަކަށް ސިފަ ކުރަން ފެށުނީ މިއްސަންދިންނާއި މަތީ މަޤާމުތަކުގައި ތިބި މީހުންނާ މާލޭގެ ބޭފުޅުންނޭ ކިއުނު މީހުންގެ ދަރިން ޑްރަގް ބޭނުން ކުރަން ފެށި ހިސާބުން.
30 ނޮވެންބަރ 2020 | ހޯމަ 09:01
މޯޑު
ރަނގަޅުވެމުޖުތަމަުއައް އަންނަން ބޭނުނވުމަކީ ވަނަވަރު ނުލިޔަންވީ ސަބަބެއްނޫން. ވައްތަރީ ކޮނމެވެސް ބޮޑުންގެ މީއެއްގެ ލެޔާ ގުޅިފަވީމަ ބުނަން ބޭނުން ނުވީކަމަށް