ކ. މާލެ
|
25 އޭޕްރިލް 2017 | އަންގާރަ 00:59
ދ.އަތޮޅު ތައުލީމީ މަރުކަޒާއި ސީއެޗްއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން
ދ.އަތޮޅު ތައުލީމީ މަރުކަޒާއި ސީއެޗްއެސްސީ ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
މައިލޯ އިންޓަ ސްކޫލް ފުޓުބޯޅަ
އަށާރަ އަހަރުން ދަށުގެ ފައިނަލުގެ ދެވަނަ ޖާގަ ދ.އަތޮޅު ތައުލީމީ މަރުކަޒަށް
ފައިނަލުގެ ފުރަތަމަ ޖާގަ ހޯދާފައި ވަނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުން
ފައިނަލް މެޗު އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގަ

ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން އިންތިޒާމުކޮއްގެން ކުރިއަށް ގެންދާ މައިލޯ އިންޓަ ސްކޫލް ފުޓުބޯޅަ މުބާރާތުގެ 18 އަހަރުން ދަށުގެ ބައިގެ ފައިނަލުގެ ދެވަނަ ޖާގަ ދ.އަތޮޅު ތައުލީމީ މަރުކަޒުން ހޯދައިފިއެވެ.

ލީގު އުސޫލުން ކުޅުނު، ޖުމްލަ 5 ސްކޫލަކުން ބައިވެރިވި މި ބައިގެ ފައިނަލަށް ދ.އަތޮޅު ތައުލީމީ މަރުކަޒުން ދަތުރުކުރީ ހޯމަ ދުވަހު ކުޅުނު އެޓީމުގެ ފަހު މެޗުގައި ސީއެޗްއެސްސީ އާއި ވާދަކޮށް 4-2 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްގެންނެވެ. މި މެޗް ކާމިޔާބުކޮށް އެސުކޫލުން ވަނީ ޖުމްލަ 10 ޕޮއިންޓް ހޯދާފަ އެވެ. ފައިނަލުގައި ދ.އަތޮޅު އަތުލީމީ މަރުކަޒާ ވާދަކުރާނީ ވިލާ އިންޓަނޭޝަނަލް ހައި ސްކޫލުންނެވެ. އެ ސްކޫލުން ފައިނަލަށް ދަތުރުކުރީ ޖުމްލަ 8 ޕޮއިންޓާ އެކުގައެވެ.

ހޯމަ ދުވަހު ސީއެޗްއެސްސީ އާއި ދެކޮޅަށް ކުޅުނު މެޗުގައި ދެޓީމުގެ ފަރާތުންވެސް ވަނީ ވަރަށް ވާދަވެރި ކުޅުމެއް ފެނިގެން ގޮސްފައެވެ. މެޗުގައި ފުރަތަމަ ލަނޑުޖަހާ ލީޑު ނެގީވެސް ދ.އަތޮޅު ތައުލީމީ މަރުކަޒުންނެވެ. މި ލަނޑު ފުރަތަމަ ހާފުގެ 5 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މުހަންމަދު ޒައްޔާން އެވެ. ނަމަވެސް އެޓީމަށް މާ ގިނަ ވަގުތު ލީޑުގައި އޮވެވޭ ގޮތެއް ނުވި އެވެ. އެޓީމުން ލީޑު ނެގިތާ މިނެޓެއް ފަހުން ސީއެޗްއެސްސީއިން ވަނީ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ މުހަންމަދު އައިހަމް އަހުމަދު އެވެ.

ނަތީޖާ އެއްވަރުކުރި ނަމަވެސް ދ.އަތޮޅު މަދަރުސާއިން ވަނީ ކުޅުން ވަރުގަދަކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން އަނެއްކާވެސް ލީޑު ނަގާފައެވެ. މި ލަނޑު 39 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މާޔިޒް ވަހީދު އެވެ. މިއާއެކު ފުރަތަމަ ހާފު ނިމުނީ 2-1 ގެ ނަތީޖާއަކުން ދ.އަތޮޅު ތައުލީމީ މަރުކަޒު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފު ފެށިގެން ދ.އަތޮޅު ތައުލީމީ މަރުކަޒުގެ ފަރާތުން ގިނަ ގޯސްތަކެއް ފެނިގެން ދިޔައެވެ. ފުރުސަތުގެ ބޭނުން ހިފައި ސީއެޗްއެސްސީ އިން ދެވަނަ ފަހަރަށް ނަތީޖާ ހަމަހަމަ ކުރިއެވެ. 50 ވަނަ މިނެޓުގައި އެޓީމަށް ނަތީޖާ ހަމަހަމަ ކޮށްދިނީ ރިޝްވާން އިސްމާއީލް އެވެ.

މި ލަނޑަށްފަހު ދ.އަތޮޅު ތައުލީމީ މަރުކަޒުން އަނެއްކާވެސް ކުޅުން ވަރުދަގަ ކުރިއެވެ. އެގޮތުން 68 ވަނަ މިނެޓުގައި މުހަންމަދު ޒައްޔާން ވަނީ އޭނާގެ ދެވަނަ ލަނޑާއެކު އަނެއްކާޗެސް އެޓީމަށް ލީޑު ނަގައިދީފައެވެ. މާގިނައިރު ތަކެއްނުވެ އެޓީމުން ވަނީ އިތުރު ލަނޑެއްޖަހާ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ. މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ހުސައިން އިފްހާމް އެވެ.

މުބާރާތުގައި ދ.އަތޮޅު މަދަރުސާ އާއި ވިލާ އިންޓނޭޝަނަލް ހައި ސްކޫލް ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ މިމަހުގެ 27 ވަނަ ދުވަހު ގަލޮޅު ރަސްމީ ފުޓުބޯޅަ ދަނޑުގައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އަހުމަދު މުހުސިނު
- ކޮމެންޓް
25 އޭޕްރިލް 2017 | އަންގާރަ 10:35
Aisha
Dh.atholhu madharusa eynoo. Dh.atoll education centre